ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ބޭރުގެ އިންޒާރުތަކަކާއެކު މޯލްޑިވިއަންގެ ކެޕްޓްނެއްގެ މައްސަލަ ފެންމަތިވެއްޖެ

މޯލްޑިވިއަންގެ ކެޕްޓަން ބިކާޖީއާ މެދު ސަލާމަތީ ކަންބޮޑުވުންތަކެއް އުފެދުން / ފޮޓޯ ކްރެޑިޓް	މޯލްޑިވިއަން
މޯލްޑިވިއަންގެ ކެޕްޓަން ބިކާޖީއާ މެދު ސަލާމަތީ ކަންބޮޑުވުންތަކެއް އުފެދުން / ފޮޓޯ ކްރެޑިޓް މޯލްޑިވިއަން

ޤައުމީ އެއާލައިން، މޯލްޑިވިއަންގެ އޭ330 ފްލީޓުގެ ލައިން ކެޕްޓަނެއްގެ ގޮތުގައި މަސައްކަތްކުރަމުންދާ ކެޕްޓަން ނީވިލް ދިންޝޯ ބިކާޖީއާ މެދު ސަލާމަތީ ގޮތުން ނުރައްކާތެރި މައްސަލަތަކެއް ހުރިކަން ފާހަގަކުރެވި، އޭނާ އާމެދު އަވަސް ފިޔަވަޅުތަކެއް އެޅުމަށް ގޮވާލައިފިއެވެ.

މޯލްޑިވިއަންގެ ޕައިލެޓުންނާއި ބޭރުގެ އިދާރާތަކުން ކަންބޮޑުވުން ފާޅުކުރަމުންދާ ކެޕްޓަން ބިކާޖީއަކީ ވަޒީފާއިން ވަކިކުރުމުގެ މާޒީއެއް އޮތް އަދި ދުއްވުމުގެ ހުއްދައާ ގުޅޭ ގިނަ މައްސަލަތަކެއް ކުރިމަތިވެފައިވާ ފަރާތެކެވެ. އެގޮތުން ޖޫން 2020 ގައި ޤަތަރު އެއާވޭސްއިންނާއި 2022 ވަނަ އަހަރު ޖެޓްސްޓާ ޖަޕާނުން އޭނާ ވަކިކޮށްފައިވާއިރު، އިންޑިއާގެ އޭވިއޭޝަން އޮތޯރިޓީން ވަނީ 2020 އިން 2025 އަށް އޭނާގެ ލައިސަންސް އާކޮށްދިނުމަށް އިންކާރުކޮށްފައެވެ. ގާތްގަނޑަކަށް ފަސް އަހަރު ދުވަހު ޕައިލެޓުކަން ނުކޮށް ހުރުމަށްފަހު އޭނާ މޯލްޑިވިއަންގެ ވަޒީފާއާ ގުޅުނީ ޑިސެމްބަރު 2024 ގައެވެ.

މި މައްސަލައާ ގުޅިގެން އެމެރިކާގެ ފެޑެރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަން އިން ދަނީ އޭނާގެ މައްސަލަ ތަހުގީގު ކުރަމުންނެވެ. އެ އިދާރާއިން 23 ސެޕްޓެމްބަރު 2026 ގައި ރާއްޖޭގެ ސިވިލް އޭވިއޭޝަން އޮތޯރިޓީއަށް ރަސްމީ އިންޒާރެއް ފޮނުވާފައިވާއިރު، މި މަހުގެ 8 ވަނަ ދުވަހު ދެވަނަ އިންޒާރެއް ސީދާ މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރަށާއި ލީގަލް ކައުންސިލަށް ވަނީ ފޮނުވާފައެވެ. މީގެ އިތުރުން، ހުޅުލެ އައިލެންޑް ހޯޓެލް ގައި މަސްތުގެ ހާލަތުގައި ހުރެ އާންމުންނަށް އުނދަގޫވާ ގޮތަށް އަމަލުކުރުމުގެ ސަބަބުން ފުލުހުން އެކި ފަހަރު މަތިން އޭނާއާ ކުރިމަތިލާފައިވާ ކަމުގެ ރިޕޯޓުތަކެއް ވެސް ވަނީ ފެންމަތިވެފައެވެ.

މިފަދަ ގިނަ މައްސަލަތަކަކާއި ބައިނަލްއަޤުވާމީ އިދާރާތަކުގެ އިންޒާރުތައް ލިބިފައިވާއިރު ވެސް ބިކާޖީއަށް ކެޕްޓަންކަން ކުރުމުގެ ފުރުސަތު ދީފައިވާތީ ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ. އެހެންކަމުން، އެއާލައިންގެ ސަލާމަތީ މިންގަނޑުތައް ހިފަހައްޓައި، ނުރައްކާތެރި ހާދިސާއެއް ދިމާވިޔަ ނުދިނުމަށްޓަކައި މި މައްސަލައިގެ މިނިވަން ތަހުގީގެއް ހިންގުމަށް ކަމާބެހޭ ފަރާތްތަކަށް ވަނީ ގޮވާލާފައެވެ