ތާރީޚީ ހެޓްރިކެއް: ޖެހިޖެހިގެން 3 ވަނަ ފަހަރަށް ކޮޕާ ޓްރޮފީ ޔަމާލް ކާމިޔާބުކޮށްފި!
ދުނިޔޭގެ އެންމެ މޮޅު ޒުވާން ފުޓްބޯޅަ ކުޅުންތެރިޔާއަށް ދޭ ޝަރަފުވެރި "ކޮޕާ ޓްރޮފީ" ޖެހިޖެހިގެން ތިންވަނަ އަހަރު ކާމިޔާބުކޮށް، ބާސެލޯނާގެ ޒުވާން ފޯވާޑް ލަމީން ޔަމާލް ބެލޮންޑިއޯ ގެ ތާރީޚުން ދުވަހަކުވެސް ކުޅުންތެރިއަކު ހާސިލުނުކުރާ ފަދަ ބޮޑު ރެކޯޑެއް ގާއިމުކޮށްފިއެވެ.
ލަންޑަނުގައި ރޭ ބޭއްވުނު 70 ވަނަ ބެލޮންޑިއޯ އެވޯޑު ހަފުލާގައި، އުމުރުން 19 އަހަރުގެ ޔަމާލް މި ޝަރަފު ހޯދީ އުމުރުން 21 އަހަރުން ދަށުގެ އެންމެ މޮޅު ފިރިހެން ކުޅުންތެރިޔާގެ މަގާމު ދިފާއުކޮށްގެންނެވެ. މީގެ ކުރިން 2024 އަދި 2025 ވަނަ އަހަރު ވެސް މި އެވޯޑު ހޯދާފައިވާ ޔަމާލް އަކީ، 2018 ވަނަ އަހަރު ފްރާންސް ފުޓްބޯލްއިން މި އެވޯޑު ތައާރަފުކުރި ފަހުން ޖެހިޖެހިގެން ތިން އަހަރު މިއެވޯޑު ހާސިލުކުރި ފުރަތަމަ އަދި ހަމައެކަނި ކުޅުންތެރިޔާއެވެ. މި ޓްރޮފީގެ ތާރީޚުގައި މީގެ ކުރިން އެއްވެސް ކުޅުންތެރިއަކަށް އެއް ފަހަރަށް ވުރެ ގިނައިން މިއެވޯޑު ހޯދިފައެއް ނުވެއެވެ.
ނޫސްތަކުން ރިޕޯޓްކުރާ ގޮތުގައި ޔަމާލް މި އެވޯޑު ހާސިލުކުރީ ވޭތުވެދިޔަ ސީޒަނުގައި ބާސެލޯނާ އާއި ސްޕެއިންގެ ގައުމީ ޓީމަށް ދެއްކި މާސްޓަރކްލާސް ކުޅުމުގެ ސަބަބުންނެވެ. އޭނާ ވަނީ ޖުމްލަ 57 މެޗުން 25 ލަނޑާއި 20 އެސިސްޓް ހަމަކޮށް، ބާސެލޯނާއަށް ލަލީގާ އާއި ސްޕެއިން ސުޕަރ ކަޕް ކާމިޔާބުކޮށްދިނުމުގެ އިތުރުން، 2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ސްޕެއިންއަށް ހޯދައިދިނުމުގައި އެންމެ މުހިންމު ދައުރު އަދާކޮށްފައެވެ.
Ads by BMLމިފަހަރުގެ އެވޯޑަށް ވާދަކުރި ކުޅުންތެރިންގެ ތެރޭގައި ޔަމާލްގެ ޓީމު ބައިވެރިޔާ ޕައު ކުބާސީގެ އިތުރުން އަޔޫބް ބުއައްދީ އަދި ޔާން ޑިއޮމާންޑޭ ހިމެނެއެވެ. ޔަމާލްގެ މި ކާމިޔާބީއާއެކު ވޭތުވެދިޔަ 6 އަހަރުގެ ތެރޭގައި ސްޕެއިންގެ ކުޅުންތެރިން ވަނީ މި އެވޯޑު 5 ފަހަރު ހޯދާފައެވެ. އޭގެ ތެރޭގައި ޕެޑްރީ (2021) އަދި ގާވީ (2022) ވެސް ހިމެނެއެވެ.
Ads by MACL
