ޖިނާއީ ކުށެއް ސާބިތުވެއްޖެނަމަ ކޮންމެ މުވައްޒިފަކަށް ހަރުކަށި ފިޔަވަޅު އަޅާނަން: ވެމްކޯ
ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ މުވައްޒަފަކު ޖިނާއީ ކުށެއް ކުރިކަން ސާބިތުވެއްޖެނަމަ އެ މީހަކާމެދު ގަވާއިދުގެ ތެރެއިން އަޅެވެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އަޅަން ފަސްނުޖެހޭނެ ކަމުގެ ޔަގީންކަން އެ ކޯޕަރޭޝަނުން ދީފިއެވެ.
އެ ކުންފުނިން މިފަދަ ބަޔާނެއް ނެރެފައިވަނީ ގދ. ތިނަދޫގައި ހިނގި ރޭޕްގެ ހާދިސާއާ ގުޅުވައިގެން، ވެމްކޯއަށް ރައްދުވާ ގޮތަށް ސޯޝަލް މީޑިއާއާއި އެކި ފަރާތްތަކުން ތަފާތު ވާހަކަތައް ފަތުރަމުންދާ ދަނޑިވަޅެއްގައެވެ.
ވެމްކޯގެ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، މަސައްކަތުގެ މާހައުލުގައި އަދި މަސައްކަތުން ބޭރުގައިވެސް މުވައްޒަފުންގެ އަހްލާގީ މިންގަނޑު ރިވެތި ގޮތުގައި ހިފެހެއްޓުމަކީ ކުންފުނީގެ ޕޮލިސީގެ އެންމެ އަސާސީ މަގުސަދެވެ. އަދި އެ ޕޮލިސީ އެކުލަވާލެވިފައިވަނީ ނޭއްގާނީ އަދި އިހާނެތި ކުށްތައް ކުރާ މީހުންނަށް އެންމެ ހަރުކަށި ފިޔަވަޅުތައް އެޅޭނެ ގޮތަށެވެ.
Ads by BMLޖިނާއީ ކުށެއް މަދަނީ މިންގަނޑުން ސާބިތުވާވަރަށް ހެކި ހުރެ، އެފަދަ މައްސަލައެއް ތަހުގީގީ އިދާރާއަކުން ސާބިތުވާ ކަމަށް ކަނޑައަޅައިފިނަމަ، ކުންފުނީގެ ގަވާއިދާ އެއްގޮތަށް އަޅެވެން އޮތް އެންމެ ބޮޑު ފިޔަވަޅެއް އެ މުވައްޒަފަކާމެދު އަޅާނެ ކަމަށް ވެމްކޯއިން ބުންޏެވެ.
މީގެ އިތުރުން ތިނަދޫގައި ހިނގާދިޔަ ބަދުއަހްލާގީ އަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށް، އެފަދަ ގާނޫނާ ހިލާފު ނޭއްގާނީ އަމަލުތަކަށް އެ ކުންފުނިން އެއްވެސް ޖާގައެއް ނުދޭނެ ކަމަށްވެސް ބުނެފައިވެއެވެ.
Ads by MACL
