ފުޓުބޯޅައިގެ ރަސްކަން ހެރީ ކޭން އަށް: ޝަރަފުވެރި ބެލޮންޑިއޯ ފުރަތަމަ ފަހަރަށް ހޯދައިފި!
ދުނިޔޭގެ ފުޓުބޯޅައިގެ އެންމެ ޝަރަފުވެރި އިންޑިވިޖުއަލް އެވޯޑު ކަމަށްވާ، ފްރާންސް ފުޓުބޯޅަ ނޫހުން ހޮވާ ބެލޮންޑިއޯ އެވޯޑު 2026 އިނގިރޭސިވިލާތުގެ ކެޕްޓަން އަދި ބަޔާން މިއުނިކްގެ ތަރި ހެރީ ކޭން ފުރަތަމަ ފަހަރަށް ކާމިޔާބުކޮށްފިއެވެ.
މިއީ 1956 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ މި ޝަރަފުވެރި އެވޯޑު ދިން 70 ވަނަ ފަހަރެވެ. ލަންޑަނުގައި ބޭއްވި ކުލަގަދަ ހަފުލާއެއްގައި މިފަހަރުގެ އެވޯޑުތައް ހަވާލުކޮށްފައި ވަނީ ފީފާ ރޭންކިންގެ އެންމެ ވަރުގަދަ 100 ގައުމުގެ ކުޅިވަރު ނޫސްވެރިންގެ މެދުގައި ވޯޓު ލައިގެންނެވެ. ވޯޓު ދިނުމުގައި ނޫސްވެރިން މައިގަނޑު ގޮތެއްގައި ބަލާފައި ވަނީ ކުޅުންތެރިންގެ އިންޑިވިޖުއަލް ކުޅުމާއި، ހޯދި ކާމިޔާބީތަކުގެ އިތުރުން ފެއާ ޕްލޭ އަށެވެ.
މިދިޔަ ސީޒަނުގައި ޔޫރަޕްގެ ޓޮޕް ސްކޯރާގެ މަގާމު ހޯދި ހެރީ ކޭން ވަނީ ކުޅުނު 51 މެޗުން 61 ގޯލް ޖަހައި، 7 އެސިސްޓް ފުރިހަމަކޮށްފައެވެ. އޭގެ ތެރޭގައި ޖަރުމަނު ލީގުގައި ޖެހި 36 ގޯލާއި، ޗެމްޕިއަންސް ލީގުގައި ޖެހި 14 ގޯލް ހިމެނެއެވެ. އަދި އިންގްލެންޑް ގައުމީ ޓީމާއެކު ވޯލްޑް ކަޕްގެ ސެމީ ފައިނަލަށް ދަތުރުކޮށް، ގައުމީ ޓީމަށް 12 ގޯލް (ވޯލްޑް ކަޕްގައި 6 ގޯލް) ޖަހައިދީފައިވެއެވެ. މީގެ އިތުރުން ކްލަބު ފެންވަރުގައި ބަޔާންއާއެކު ޖަރުމަނުގެ ޑޮމެސްޓިކް ހުރިހާ މުބާރާތްތަކެއް ކާމިޔާބުކޮށް، ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި ކުޅެފައިވެއެވެ.
Ads by BMLމި ހަފުލާގައި ދެން ދެވުނު އެންމެ މުހިންމު އެވޯޑު ކަމަށްވާ، އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ ބެލޮންޑިއޯ އެވޯޑު އަނެއްކާވެސް ކާމިޔާބުކުރީ ސްޕެއިންގެ އެލީޒިއާ ޕުޓެޔާސްއެވެ. އަދި އެންމެ މޮޅު ޒުވާން ފިރިހެން ކުޅުންތެރިޔަކަށް ލަމީން ޔަމާލް ހޮވުނުއިރު، އެންމެ މޮޅު ޒުވާން އަންހެން ތަރިއަކަށް ހޮވުނީ ވިކީ ލޮޕޭޒްއެވެ.
އެންމެ މޮޅު ކީޕަރުންގެ މަގާމު ސްޕެއިންގެ އުނައި ސިމޮން އަދި ކަޓާ ކޯލް ހޯދިއިރު، އެންމެ މޮޅު ކޯޗުންނަށް ހޮވުނީ ލުއިސް ޑެ ލަ ފުއެންޓޭ އަދި ޕެރޭ ރޮމޭއޫއެވެ. އިންސާނިއްޔަތަށް ކޮށްދޭ ޚިދުމަތްތަކަށްދޭ ސޮކްރަޓެސް އެވޯޑު އާސެނަލްގެ ބުކަޔޯ ސަކާއަށް ލިބުނުއިރު، އެންމެ މޮޅު ކްލަބުތަކަކަށް ހޮވުނީ ބާސެލޯނާގެ އަންހެން ޓީމާއި ޕީއެސްޖީގެ ފިރިހެން ޓީމެވެ. އެންމެ ގިނަ ގޯލް ޖެހި ފޯވަޑަށްދޭ ގާޑް މުލާ އެވޯޑު ހެރީ ކޭންގެ އިތުރުން މެކްސިކޯގެ ޗާލީން ކޮރަލް ވަނީ ހިއްސާކޮށްފައެވެ.
2010 އިން 2015 އަށް ފީފާއާ ގުޅިގެން މި އެވޯޑު ދިނުމަށްފަހު، 2016 އިން ފެށިގެން ފީފާއިން "ފީފާ ދަ ބެސްޓް" އެވޯޑު ދޭން ފެށި ނަމަވެސް، ފުޓުބޯޅަ ތަޖުރިބާކާރުންގެ ނަޒަރުގައި ދުނިޔޭގައި އަދިވެސް އެންމެ މަގުބޫލު އަދި ހައިބަތު ބޮޑު އެވޯޑަކީ ބެލޮންޑިއޯއެވެ.
Ads by MACL
