ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ތިނަދޫގެ ކަރަންޓުގެ ޚިދުމަތާ ސްޓެލްކޯއިން ރަސްމީކޮށް ހަވާލުވެ، ޚިދުމަތް ދޭން ފަށައިފި

ތިނަދޫގެ ކަރަންޓުގެ ޚިދުމަތާ ސްޓެލްކޯއިން ރަސްމީކޮށް ހަވާލުވެ، ޚިދުމަތް ދޭން ފަށައިފި

ތިނަދޫ ސިޓީގެ ރައްޔިތުންނަށް ފޯރުކޮށްދޭ ކަރަންޓުގެ ޚިދުމަތުގެ ފެންވަރު މަތިކޮށް، ކެނޑިނޭޅި އިތުބާރުހުރި ޚިދުމަތެއް ފޯރުކޮށްދިނުމުގެ މަޤްޞަދުގައި، އެ ސިޓީގެ ކަރަންޓު ޚިދުމަތް ދިނުމުގެ މަސައްކަތް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ރަސްމީކޮށް މިއަދު ފަށައިފިއެވެ.

މި ޚިދުމަތް ރަސްމީކޮށް އިފްތިތާޙުކުރުމުގެ ގޮތުން ތިނަދޫގައި ޚާއްޞަ ރަސްމިއްޔާތެއް ވަނީ ބޭއްވިފައެވެ.

މި ރަސްމިއްޔާތުގެ އިތުރުން، ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ޑރ. ޢަލީ އަޒުވަރާއި އެ ކުންފުނީގެ އިސްވެރިންގެ ޓީމެއް ވަނީ ތިނަދޫ ސިޓީއަށް ޒިޔާރަތްކުރައްވައިފައެވެ. މި ދަތުރުފުޅުގެ ތެރެއިން، އެ ސިޓީގައި ޚިދުމަތް ދިނުމުގައި ހަރަކާތްތެރިވާ މުވައްޒަފުންނާ ރޭގެ ވަގުތެއްގައި ބައްދަލުކުރައްވައި، މަސައްކަތްތައް ކުރިއަށްގެންދާނެ ގޮތުގެ އިރުޝާދު ވަނީ ދެއްވައިފައެވެ.

އެ ބައްދަލުކުރެއްވުމުގައި މެނޭޖިން ޑިރެކްޓަރު ޑރ. ޢަލީ އަޒުވަރު ވަނީ، އިންޖީނުގެތަކާއި ޔުޓިލިޓީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ގާއިމުކޮށްފައިވާ އެންމެހައި ވަސީލަތްތައް ރައްކާތެރިކަމާއެކު ބެލެހެއްޓުމުގައި، ހުރިހާ މުވައްޒަފުންވެސް ޒިންމާދާރުކަމާއެކު މަސައްކަތްކުރުމަށް އެދިވަޑައިގެންފައެވެ.

މީގެއިތުރުން، އެ ސިޓީގެ އިންޖީނުގެއާއި ކަރަންޓު ޚިދުމަތް ދިނުމަށް ބޭނުންކުރާ އެހެނިހެން ވަސީލަތްތައް މެނޭޖިން ޑިރެކްޓަރު ވަނީ ދައްކަވައިލައްވައި، ކުރިއަށް އޮތް ތަނުގައި ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުކުރެވޭނެ ގޮތްތަކާމެދު މަޝްވަރާކުރައްވައިފައެވެ. ރާއްޖޭގެ ތަފާތު ސަރަޙައްދުތަކުގައި ކަރަންޓުގެ ޚިދުމަތް ފުޅާކުރުމަށް ސްޓެލްކޯއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން ތިނަދޫގެ ޚިދުމަތާ ހަވާލުވުމުން، އެ ސިޓީގެ ރައްޔިތުންނަށް ޔަގީންކަމާއެކު ޚިދުމަތް ލިބިގެންދާނެ ކަމަށް އެ ކުންފުނިން މައުލޫމާތުދެއެވެ.