ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މެރިއޮޓްގެ ރާއްޖޭގެ ދެ ރިސޯޓަކަށް ބައިނަލްއަޤްވާމީ ފެންވަރުގެ ޝަރަފުވެރި އެވޯޑުތަކެއް ލިބިއްޖެ

"ދަ ރިޓްޒް-ކާލްޓަން މޯލްޑިވްސް" / ފޮޓޯ: މެރިއޮޓް އިންޓަނޭޝަނަލް
"ދަ ރިޓްޒް-ކާލްޓަން މޯލްޑިވްސް" / ފޮޓޯ: މެރިއޮޓް އިންޓަނޭޝަނަލް

ދުނިޔޭގެ މަޝްހޫރު ހޮސްޕިޓާލިޓީ ބްރޭންޑް، މެރިއޮޓް އިންޓަނޭޝަނަލްގެ ލަގްޒަރީ ގްރޫޕްގެ ދަށުން ދިވެހިރާއްޖޭގައި ހިންގަމުންދާ ދެ ރިސޯޓަކަށް ބައިނަލްއަޤްވާމީ ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ ޝަރަފުވެރި މަގާމުތައް ކަމަށްވާ މިޝެލިން ގައިޑް، ޓެޓްލާ އޭޝިއާ އަދި ކޮންޑޭ ނާސްޓް ޓްރެވަލާ ރީޑާސް ޗޮއިސް އެވޯޑްސް 2026 ލިބިއްޖެއެވެ.

މި ބޮޑު ކާމިޔާބީ ހޯދާފައިވަނީ ރާއްޖޭގައި ހިންގާ "ދަ ރިޓްޒް-ކާލްޓަން މޯލްޑިވްސް ފަރި އައިލެންޑްސް" އަދި "ދަ ސެންޓް ރެޖިސް މޯލްޑިވްސް ވޮއްމުލި ރިސޯޓު" އިންނެވެ.

މި އެވޯޑުތަކުގެ ތަފްސީލަށް ބަލާއިރު:
• ދަ ރިޓްޒް-ކާލްޓަން މޯލްޑިވްސް، ފަރި އައިލެންޑްސް: 2026ވަނަ އަހަރުގެ ގްލޯބަލް މިޝެލިން ކީ އެވޯޑްސްގައި މި ރިސޯޓަށް ވަނީ "ޓޫ މިޝެލިން ކީޒް" ގެ ޝަރަފު ލިބިފައެވެ. މިއީ 2025ވަނަ އަހަރު ލިބުނު "ވަން މިޝެލިން ކީ" އާ އަޅާބަލާއިރު އެ ރިސޯޓުން ހޯދި ބޮޑު ކުރިއެރުމެކެވެ. މީގެ އިތުރުން ކޮންޑޭ ނާސްޓް ޓްރެވަލާގެ އެމެރިކާ އެޑިޝަންގައި އިންޑިއާ ކަނޑުގެ އެންމެ މޮޅު ރިސޯޓުތަކުގެ 5ވަނަ އަދި އިނގިރޭސިވިލާތުގެ އެޑިޝަންގެ 14ވަނަ ވެސް މި ރިސޯޓަށް ވަނީ ލިބިފައެވެ.

• ދަ ސެންޓް ރެޖިސް މޯލްޑިވްސް ވޮއްމުލި ރިސޯޓު: އޭޝިއާ ޕެސިފިކް ސަރަހައްދުގެ އެންމެ މޮޅު 100 ހޮޓަލުގެ ލިސްޓު ހިމެނޭ "ޓެޓްލާ ބެސްޓް އޭޝިއާ ޕެސިފިކް 2026" ގައި މި ރިސޯޓު ވަނީ ހިމެނިފައެވެ. ހަމައެއާއެކު، ކޮންޑޭ ނާސްޓް ޓްރެވަލާގެ އެމެރިކާ އެޑިޝަންގެ އިންޑިއާ ކަނޑުގެ އެންމެ މޮޅު ރިސޯޓުތަކުގެ ލިސްޓުގެ 2ވަނަ މަގާމު ވެސް މި ރިސޯޓުން ވަނީ ކާމިޔާބުކޮށްފައެވެ.

މި ކާމިޔާބީއާ ގުޅިގެން މެރިއޮޓް އިންޓަނޭޝަނަލްގެ އޭޝިއާ ޕެސިފިކް (ޗައިނާ ފިޔަވައި) އަދި ރާއްޖޭގެ މާކެޓް ވައިސް ޕްރެޒިޑެންޓް ސިލްވިއޯ ރޮސެންބާގާ ވިދާޅުވީ، ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާގައި އެންމެ ބޮޑަށް އިތުބާރުކުރެވޭ ފަރާތްތަކުން ރާއްޖޭގެ ރިސޯޓުތަކަށް މިފަދަ ޝަރަފުވެރި މަގާމުތަކެއް ދިނުމަކީ ލިބުނު ވަރަށް ބޮޑު ފަޚުރެއް ކަމަށެވެ.