ކުދި ވިޔަފާރިތަކުގެ ޙައްޤުގައި ސަރުކާރު ދެމިއޮންނާނެ: އައިބީ
ޓެކްސްގެ ނިޒާމަށް އިޞްލާޙު ގެނެސްގެން ނަމަވެސް ނިކަމެތި ވިޔަފާރިވެރިންނާއި ރައްޔިތުންގެ ޙައްޤުތައް ޙިމާޔަތްކުރަން ސަރުކާރުން ފަސްނުޖެހޭނެ ކަމުގެ ފުރިހަމަ އިޢުތިބާދު އެބައޮތް ކަމަށް ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ދީދީ (އައިބީ) ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހަށް ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫހު ހުށަހެޅުއްވި، ޓެކްސް ނެގުމާ ބެހޭ އިދާރީ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލަށް ބަހުސްކުރައްވަމުން އައިބީ ވިދާޅުވީ، ވޭތުވެދިޔަ ތަނުގައި ޓެކްސް އުޞޫލުތައް ހުރިގޮތުން އެންމެ ބޮޑު އަނިޔާއެއް ލިބުނީ ކުދި ވިޔަފާރިތަކަށް ކަމަށެވެ.
އެގޮތުން ކުދި ވިޔަފާރިވެރިންގެ އެކައުންޓްތައް ފްރީޒްކޮށްގެން މީރާއަށް ފައިސާ ނަގަމުންދިޔައިރު، ބޮޑެތި ކުންފުނިތަކުން ދައުލަތަށް ދައްކަންޖެހޭ އެތައް މިލިއަން ރުފިޔާއެއް އެކި ގޮތްގޮތުން މާފުވެގެން ދިއުމަކީ އިންޞާފެއް ނޫން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
Ads by BMLދައުލަތަށް ލިބެންޖެހޭ އާމްދަނީ ނުލިބި ހިފެހެއްޓެނީ ޤާނޫނީ ގޮތުން ހުރި ހުރަސްތަކާއި އިދާރީ މައްސަލަތަކުގެ ނާޖާއިޒު ފައިދާ ބޮޑެތި ވިޔަފާރިވެރިން ނަގަމުންދާތީ ކަމަށްވިދާޅުވެ، މެންބަރު ވަނީ އެކަމާ މެދު ނުރުހުން ފާޅުކުރައްވާފައެވެ.
ކުރީގެ ސަރުކާރުތަކަށް މިފަދަ މުހިންމު އިޞްލާޙުތައް ގެންނަން ނުކެރުނު ނަމަވެސް، މި ސަރުކާރުން ރައްޔިތުންގެ ޙައްޤުގައި ނަގަންޖެހުނު ކޮންމެ ފިޔަވަޅެއް ވަޑައިގަންނަވާނެ ކަމަށް އައިބީ ވިދާޅުވިއެވެ.
މީގެއިތުރުން، ރައްޔިތުން އެދޭފަދަ ދެފުށް ފެންނަ ސާފު ނިޒާމެއް ޤާއިމުކުރެވިގެން މެނުވީ ދައުލަތަށް ލިބެންޖެހޭ ޙައްޤު އާމްދަނީ ނުލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ޤާނޫނަށް މިއަންނަ ބަދަލުތަކާއެކު ދައުލަތުގެ އާމްދަނީ އިތުރުވެ، އާންމު ރައްޔިތުންގެ ޙައްޤުތައް ފުރިހަމައަށް ކަށަވަރުވެގެންދާނެ ކަމަށް މެންބަރުގެ ވާހަކަފުޅުގައި ނިންމާލައްވަމުން ވިދާޅުވިއެވެ.
Ads by MACL
