ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ޓެކްސް ބިލަށް ގެންނަ ބަދަލުން ވިޔަފާރިތަކަށް ބުރައެއް ނުލިބޭނެ: ފަލާޙް

މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާޙް -- ފޮޓޯ: މަޖިލިސް
މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާޙް -- ފޮޓޯ: މަޖިލިސް

ސަރުކާރުން ޓެކްސް ނެގުމާ ބެހޭ އިދާރީ ޤާނޫނަށް ހުށަހަޅާފައިވާ އިޞްލާޙުގެ ސަބަބުން ވިޔަފާރިވެރިންނަށާއި އާންމު ރައްޔިތުންނަށް އެއްވެސް އިތުރު ތަކްލީފެއް ނުއުފެދޭނެ ކަމަށާއި، މިއީ ވިޔަފާރިތަކަށް ބޮޑެތި ފައިދާތަކެއް ކުރާނެ ބަދަލެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާޙް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި ވާހަކަދައްކަވަމުން ފަލާޙް ވިދާޅުވީ، މި ބަދަލަކީ އާ ޓެކްސެއް ތަޢާރަފުކުރުމުގެ މަޤްޞަދުގައި ހުށަހެޅި ބިލެއް ނޫން ކަމަށާއި، މިއީ ޤައުމީ މަޞްލަޙަތު އިސްކޮށްގެން ގެންނަ މުހިންމު އިޞްލާޙެއް ކަމަށެވެ. އެގޮތުން ޓެކްސް އެޕީލް ޓްރައިބިއުނަލަށް މައްސަލަ ހުށަހަޅާއިރު ދައްކަންޖެހޭ 25 އިންސައްތައަކީ ކުރިންވެސް ޤާނޫނުގައި އޮތް މިންވަރެއް ކަން ފާހަގަކުރައްވައި، މީގެކުރިން އެ މިންވަރު ހިސާބުކުރީ ބޮޑެތި ޖޫރިމަނާތަކާއެކު ކަމަށްވިޔަސް، އާ އިޞްލާޙުގެ ދަށުން ޖޫރިމަނާ އުނިކޮށް ހަމައެކަނި އަސްލު ޓެކްސް އަދަދަށް ބަލައިގެން އިސްތިއުނާފު ކުރެވޭގޮތް ހަމަޖެހުމަކީ ވިޔަފާރިވެރިންނަށް ލިބޭނެ ވަރަށް ބޮޑު ލުޔެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން، އެއްވެސް އަސާސެއް ނެތި މައްސަލަތައް ދިގުދައްމައިގެން ޓްރައިބިއުނަލަށް ހުށަހެޅުމުގެ ފުރުޞަތު ހަނިކުރަންޖެހޭ ކަމަށާއި، ވަކި ވިޔަފާރިވެރިއެއްގެ މަޞްލަޙަތަށްވުރެ މުޅި ދައުލަތާއި ރައްޔިތުންގެ މަޞްލަޙަތު އިސްކުރަންޖެހޭ ކަމަށް ފަލާޙް ފާހަގަކުރެއްވިއެވެ.

އިދިކޮޅު ފަރާތްތަކުން ދައްކަނީ ސިޔާސީ ވާހަކަތަކެއް ކަމަށް ސިފަކުރައްވަމުން، މި ބަދަލަކީ ދައުލަތުގެ ބަޖެޓަށް ފައިސާ ހޯދުމުގެ ނިޔަތުގައި ނުވަތަ ވިޔަފާރިތަކަށް ދަތިކުރުމަށް ކުރާ ކަމެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ވާހަކަފުޅު ނިންމަވާލައްވަމުން، ރާއްޖޭގެ އިޤްތިޞާދީ ހާލަތު ރަނގަޅުވެ ފިޗް ރޭޓިންގްސްއިން ރާއްޖޭގެ ރޭޓިންގ މަތިކޮށްދީފައިވާތީ ސަރުކާރުގެ ސިޔާސަތުތަކަށް ތަޢުރީފު ކުރައްވައި، އިޞްލާޙުތަކާ މެދު ވާހަކަދައްކާއިރު ޤާނޫނުތައް ރަނގަޅަށް ދިރާސާކޮށްގެން ސައްޙަ މަޢުލޫމާތު ފެތުރުމަށް އިދިކޮޅު އެމްޑީޕީގެ މެންބަރުންނަށް ފަލާޙް އިލްތިމާސްކުރެއްވިއެވެ.