ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

"ރެހެންދި އެވޯޑު" އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މިދިޔައަހަރުތަކުގެ ރެހެންދި އެވޯޑް ދިނުން --- ފޮޓޯ: ރައީސް އޮފީސް
މިދިޔައަހަރުތަކުގެ ރެހެންދި އެވޯޑް ދިނުން --- ފޮޓޯ: ރައީސް އޮފީސް

ގައުމީ ތަރައްގީގައާއި މުޖުތަމައު ބިނާކުރުމުގައި ދިވެހި އަންހެނުން އަދާކުރަމުންދާ މުހިންމު ދައުރުގެ އަގުވަޒަންކުރުމުގެ ގޮތުން ސަރުކާރުން އަހަރަކު އަދަކު ދެމުންއަންނަ "ރެހެންދި އެވޯޑު" އަށް ނަން ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.

މިއަހަރުގެ އެވޯޑަށް ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކުން އަންނަ ޑިސެންބަރު މަހުގެ 10 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 2:00 ތާވަލުކުރެވިފައިވާ ސުންގަޑީގެ ކުރިން ނަން ހުށަހަޅަންޖެހޭނެއެވެ.

މި އެވޯޑަކީ އަންހެނުންގެ ހައްގުތައް ރައްކާތެރިކުރުމަށާއި، ތަފާތު ދާއިރާތަކުން އަންހެނުން ބާރުވެރިކުރުވުމުގެ އިތުރުން އަންހެނުންގެ ކުރިއެރުމަށް މަސައްކަތްކުރާ ވަކިވަކި ފަރުދުންނާއި ޖަމުއިއްޔާ ޖަމާއަތްތަކުން ކުރަމުންދާ އަގުހުރި މަސައްކަތްތައް ގައުމީ ފެންވަރުގައި ފާހަގަކޮށް ހިތްވަރުދިނުމުގެ މަގްސަދުގައި ދެވޭ އިނާމެކެވެ.

އަމިއްލަ ގޮތުން ކުރިމަތިލުމުގެ އިތުރުން އެހެން ފަރާތްތަކުން ނޮމިނޭޓްކޮށްގެންވެސް މި އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. އެގޮތުން ވަކިވަކި އަންހެނުންނާއި، ޖަމުޢިއްޔާތަކުގެ އިތުރުން ރަށްރަށާއި ސިޓީތަކުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށްވެސް ކުރިމަތިލެވޭނެއެވެ.

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ނަން، އެ ކޮމިޓީއަކުން އަމިއްލައަށް ނުވަތަ އެ ނިސްބަތްވާ ރަށެއް ނުވަތަ ސިޓީއެއްގެ ކައުންސިލުން އަދި އެހެން ފަރާތްތަކަށްވެސް ހުށަހެޅޭނެއެވެ. ނަމަވެސް ކޮންމެ ފަރާތަކަށްވެސް ނަން ހުށަހެޅުމުގެ އިޚްތިޔާރު ލިބިގެންވަނީ ކަނޑައެޅިފައިވާ މައިގަނޑު ދާއިރާތަކުގެ ތެރެއިން އެންމެ ދާއިރާއަކަށެވެ.

ރެހެންދި އެވޯޑު ދިނުމަށް ހަމަޖެހިފައިވާ މައިގަނޑު ދާއިރާތަކުގެ ތެރޭގައި ލީޑަރޝިޕާއި ގަވަނަންސް، އިގްތިޞާދީ ގޮތުން ބާރުވެރިކުރުވުން އަދި އިޖުތިމާއީ ގޮތުން ބާރުވެރިކުރުވުމުގެ ދާއިރާ ހިމެނެއެވެ. މީގެ އިތުރުން އާންމުކޮށް އަންހެނުން ކޮށްނޫޅޭ މަސައްކަތްތައް ނުވަތަ ނޮން-ޓްރެޑިޝަނަލް ރޯލުތަކުގައި ފާހަގަކޮށްލެވޭ ޚިދުމަތްތައް ކުރާ ވަކިވަކި އަންހެނުންނަށާއި ޖަމުޢިއްޔާތަކަށްވެސް މި އެވޯޑު ދިނުމަށް ވަނީ ކަނޑައަޅާފައެވެ.