މިއަހަރުގެ އިންޒެކް ކޮންފަރެންސް ޚާއްސަކުރަނީ ފަގީރުކަން ނައްތާލުމަށް: ޒަކާތު ހައުސް
މޯލްޑިވްސް ޒަކާތު ހައުސްއިން އިންތިޒާމުކޮށްގެން ބާއްވާ ބައިނަލްއަގުވާމީ ޒަކާތު ކޮންފަރެންސް (އިންޒެކް) މިއަހަރު ޚާއްސަކުރާނީ ޒަމާނީ މުޖުތަމައުތަކުގައި ފަގީރުކަން ނައްތާލުމާ ބެހޭގޮތުން މަޝްވަރާކުރުމަށް ކަމަށް އެ އިދާރާގެ ޑިރެކްޓަރު ޖެނެރަލް އައްޝައިޚް އިމްތިޠާއު އައްބާސް ވިދާޅުވެއްޖެއެވެ.
މިއަހަރު ބާއްވާ އިންޒެކް ގެ 3 ވަނަ ކޮންފަރެންސާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އިމްތިޠާއު ވިދާޅުވީ، ޒަމާނާއެކު ރައްޔިތުންގެ ދިރިއުޅުމުގެ ވައްޓަފާޅި ބަދަލުވެ، ފަގީރުކަމުގެ މާނައާއި އާއިލާތައް ފަގީރުކަމުގެ ތެރެއަށް ވެއްޓޭ ގޮތްތައް ތަފާތުވެފައިވާ ކަމަށެވެ. ވަކިން ޚާއްސަކޮށް، މާލީ ގޮތުން ކުރިމަތިވާ އެކި ގޮންޖެހުންތަކުގެ އަސަރު މެދުފަންތީގެ އާއިލާތަކަށް ވަރަށް ބޮޑަށް ކުރަމުންދާތީ، މިއަހަރުގެ ކޮންފަރެންސް މައިގަނޑު ގޮތެއްގައި އަމާޒުކުރާނީ އެ މައްސަލަތަކަށް ކަމަށް އޭނާ ބުންޏެވެ.
މި ކޮންފަރެންސްގެ ތެރެއިން ޒަމާނީ މުޖުތަމައުތަކުގައި ފަގީރުކަން ދިމާވާ ސަބަބުތަކަށް ބަލައި، އެކި މުއައްސަސާތަކާއި، ޕްރައިވެޓް ސެކްޓާ އަދި ސިވިލް ސޮސައިޓީތައް ގުޅިގެން ގެނެވޭނެ ހައްލުތަކާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވޭނެއެވެ. އަދި ބައިނަލްއަގުވާމީ އެކި ތަޖުރިބާތަކާއި ފަގީރުކަން ނައްތާލުމުގެ ޕްރޮގްރާމްތައް ދިވެހިރާއްޖޭގެ ހާލަތަށް ފެތޭނެ ގޮތްތަކާ މެދު ދީނީ ޢިލްމުވެރިންނާއި، ޕޮލިސީ މޭކަރުން އަދި ޒަކާތުގެ މާހިރުން އިލްމީ މައުލޫމާތު ބަދަލުކުރާނެ ކަމަށް ޒަކާތު ހައުސްއިން ހާމަކުރެއެވެ.
Ads by BMLމިއަހަރުގެ ކޮންފަރެންސްގައި ޒަކާތުގެ ދާއިރާގެ ބައިނަލްއަގުވާމީ ފާހަގަކޮށްލެވޭ ތިން ބޭފުޅަކު ކީނޯޓް ސްޕީޗް ދެއްވުމަށް ވަނީ ހަމަޖެހިފައެވެ. އެއީ:
1. ޕްރޮފެސަރ އާމިރު ބުނު ޝަހުރުއްދީން: އިންސިފް ޔުނިވަރސިޓީގެ ސެންޓަރ އޮފް އެކްސެލެންސް އިސްލާމިކް ސޯޝަލް ފައިނޭންސްގެ ޑައިރެކްޓަރ.
2. ޑރ. ފުއާދާ ބިންތި ޖައުހަރީ: މެލޭޝިއާގެ ސައިންސް އިސްލާމް ޔުނިވަރސިޓީގެ އިސްލާމިކް ސޯޝަލް ފައިނޭންސް އެންޑް ވެލްތު މެނޭޖްމަންޓް އިންސްޓިޓިއުޓްގެ އެސޯސިއޭޓް ޕްރޮފެސަރ.
3. ޔޫސުފް ބިން އަހުމަދު: މެލޭޝިއާގެ ކެޑާ ސްޓޭޓް ޒަކާތު ބޯޑުގެ ޑެޕިއުޓީ ޗީފް ޑިސްޓްރިބިއުޝަން އޮފިސަރ.
މީގެ އިތުރުން، ޒަކާތާއި ސޯޝަލް އިންކްލޫޝަނާއި، އިސްލާމިކް ސޯޝަލް ފައިނޭންސް އަދި ސޯޝަލް އެމްޕަވަމަންޓް ދާއިރާގެ ތަޖުރިބާކާރުންގެ ޕެނަލް ޑިސްކަޝަންތައްވެސް ކުރިއަށްދާނެއެވެ.
ޒަކާތު ހައުސްގެ އަމާޒަކީ މި ކޮންފަރެންސް މެދުވެރިކޮށް، އެ އިދާރާގެ އިސްތިރާޖީ ޕްލޭނުގައިވާ ކަންކަން ހާސިލްކުރުމަށް ބޭނުންވާ މައުލޫމާތު ހޯދުމެވެ. އަދި ރާއްޖޭގެ ފަގީރުންގެ ދަފްތަރުގައި މިވަގުތު ތިބި 2,000 އެއްހާ މީހުންގެ އަދަދު އިތުރަށް މަދުކުރުމަކީ މި މަސައްކަތްތަކުގެ މައިގަނޑު މަގުސަދު ކަމަށް ޒަކާތު ހައުސްއިން ބުނެއެވެ.
Ads by MACL
