މާއޯ ޒެޑޮންގަށް މަލާމާތްކުރި ކަމަށް ބެލެވޭ މައްސަލައެއްގައި ޗައިނާގެ ދެ ކުންފުންޏަކުން އެމްބާޕޭގެ ސްޕޮންސާޝިޕް އުވާލައިފި
ފްރާންސްގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން އަދި ރެއާލް މެޑްރިޑްގެ ފޯވާޑް ކިލިޔަން އެމްބާޕޭ، ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑޮންގަށް ފުރައްސާރަކޮށް ވާހަކަދެއްކި ކަމަށް ބެލެވޭ ވީޑިއޯއެއް އިންޓަނެޓުގައި އާންމުވުމާ ގުޅިގެން، ޗައިނާގެ ބޮޑު ދެ ކުންފުންޏަކުން އޭނާއާއެކު ހަދާފައިވާ ސްޕޮންސާޝިޕް އެއްބަސްވުންތައް ވަގުތުން އުވާލައިފިއެވެ.
މި މައްސަލާގައި އެމްބާޕޭއާއެކު އޮތް ގުޅުން ކަނޑާލާފައިވަނީ ޗައިނާގައި އެނާޖީ ޑްރިންކްސް އުފައްދާ މަގުބޫލު ކުންފުންޏެއް ކަމަށްވާ "ޑޮންޕެންގް" އާއި، އެ ގައުމުގެ އެންމެ ބޮޑު ކިރު އުފައްދާ ކުންފުނި "މެންގްނިއު" އިންނެވެ.
ޑޮންޕެންގް ކުންފުނިން ނެރުނު ރަސްމީ ބަޔާނެއްގައި ބުނެފައިވަނީ، ގައުމީ އިހުސާސްތަކަށް ބުރޫއަރާ ފަދަ އެއްވެސް އަމަލަކަށް އެ ކުންފުނިން ޖާގައެއް ނުދޭނެ ކަމަށާއި، އެހެންކަމުން އެމްބާޕޭއާއެކު ހަދާފައިވާ އެއްބަސްވުންތައް ވަގުތުން އުވާލާފައިވާ ކަމަށެވެ. މެންގްނިއު ކުންފުނިން ވެސް ވަނީ ޗައިނާގެ ރައްޔިތުންގެ އިހުސާސްތަކަށް އަސަރުކުރާ ފަދަ އެއްވެސް ވާހަކައަކަށް ނުވަތަ އަމަލަކަށް ދޫނުދޭނެ ކަމަށް ބުނެ އެމްބާޕޭއާއެކު އޮތް އެއްބަސްވުން ނިމުމަކަށް ގެނެސްފައެވެ.
Ads by BMLމި މައްސަލަ އުފެދެން މެދުވެރިވީ އިންޓަނެޓުގައި އާންމުވި ވީޑިއޯއެއްގައި، އިންޓަނެޓުން އޭނާއަށް ފެނުނު އެންމެ މަޖާ ޕޯސްޓަކީ އޭނާގެ މޫނު "ޗައިނާގެ ޑިކްޓޭޓަރެއްގެ" މޫނުމަތީގައި ޖައްސާފައިވާ ޕޯސްޓެއް ކަމަށް އެމްބާޕޭ ބުނުމުންނެވެ. މިއީ ޗައިނާގެ މިޒާމާނުގެ ތަރައްގީގެ ބައްޕަ ކަމަށް ސިފަކުރާ މާއޯ ޒެޑޮންގްގެ ފޮޓޯއަކަށް އެމްބާޕޭގެ މޫނު އެޑިޓްކޮށްގެން ހަދާފައިވާ "މީމް" އަކަށް ނިސްބަތްކޮށް އޭނާ ދެއްކި ވާހަކައެކެވެ. 1976 ވަނަ އަހަރު އަވަހާރަވި މާއޯއަށް މަލާމާތްކުރުމަކީ ޗައިނާގެ ގާނޫނުތަކުގެ ދަށުން ކުށެކެވެ.
މި ހާދިސާއާ ގުޅިގެން ޗައިނާގެ މަގުބޫލު ސޯޝަލް މީޑިއާ ޕްލެޓްފޯމް "ވޭބޯ" ގައި ގިނަ ބައެއްގެ ހިތްހަމަނުޖެހުމާއި ފާޑުކިއުން އެމްބާޕޭއަށް ވަނީ އަމާޒުވެފައެވެ. އަދި ޗައިނާގެ އެންމެ ބޮޑު ފުޓްބޯޅަ މީޑިއާ "ޑޮންގްކިއުޑީ" އިން ވެސް ވަނީ މިއީ ޗައިނާގެ ރައްޔިތުންނަށް ކުރި ފުރައްސާރައެއް ކަމަށް ބުނެފައެވެ.
އުމުރުން 27 އަހަރުގެ އެމްބާޕޭއަކީ މީގެ ކުރިން ޗައިނާގެ ފުޓްބޯޅަ ސަޕޯޓަރުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ކުޅުންތެރިއެއް ނަމަވެސް، އޭއެފްޕީން ރިޕޯޓްކުރާ ގޮތުގައި މި ހާދިސާއާ ގުޅިގެން ޗައިނާގައި އޭނާއަށް އޮތް ތާއީދަށް ވަނީ ވަރަށް ބޮޑު ލޮޅުމެއް އަރާފައެވެ
Ads by MACL
