ބަންގްލަދޭޝްގައި ރާއްޖޭގެ ދެ ފަސިންޖަރެއްގެ ފުރަގަސްފަރާތުން 5 މިލިއަން ރުފިޔާގެ ރަން އަތުލައިގަނެފި!
ދިވެހިރާއްޖެއިން ބަންގްލަދޭޝަށް ދަތުރުކުރި ދެ ފަސިންޖަރެއްގެ ފުރަގަސްފަރާތުގައި ފޮރުވައިގެން އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ ރަން ބަންގްލަދޭޝްގެ ކަސްޓަމްސް އިން އަތުލައިގަނެފިއެވެ.
ބަންގްލަދޭޝްގެ މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި، ބަންގްލަދޭޝްގެ ޑާކާގައި ހުންނަ ހަޒްރަތު ޝާހްޖަލާލް އިންޓަނޭޝަނަލް އެއަރޕޯޓުން މި ތަކެތި އަތުލައިގަނެފައިވަނީ ކަސްޓަމްސް އިންޓެލިޖެންސް އެންޑް އިންވެސްޓިގޭޝަން ޑައިރެކްޓަރޭޓް އިން ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ. މި ހާދިސާއާ ގުޅިގެން އެގައުމުގެ ސަލާމަތީ ބާރުތަކުން ވަނީ މުހައްމަދު ސުލައިމާން އަދި ޖުބައިދު އަހުމަދު ނަމަކަށް ކިޔާ ދެ މީހަކު ހައްޔަރުކޮށްފައެވެ. މީގެ އިތުރުން މި ދެމީހުން ބަންގްލަދޭޝްއަށް ދަތުރުކޮށްފައިވަނީ ޔޫއެސް-ބަންގްލާ އެއާލައިންސްގެ ފްލައިޓެއްގައެވެ.
އެގައުމުގެ ކަސްޓަމްސް އިދާރާއިން މައުލޫމާތުދޭ ގޮތުގައި، ހައްޔަރުކުރި ކޮންމެ މީހެއްގެ ފުރަގަސްފަރާތުން ރަނުގެ ޕޭސްޓް ބޭނުންކޮށްގެން ބިސްބުރި ބުރަކަށް ހަދާފައިވާ 3 އެތި (ޖުމްލަ 6 އެތި) ވަނީ ފެނިފައެވެ. އަތުލައިގަނެވުނު ރަނުގެ ޖުމްލަ ބަރުދަނުގައި 2.7 ކިލޯ ހުރިއިރު، މީގެ ބާޒާރު އަގު ގާތްގަނޑަކަށް 4 ކްރޯޑް ޓާކާ ނުވަތަ ދިވެހި ރުފިޔާއިން ބަލާނަމަ 5 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާކުރެވެއެވެ. ނަމަވެސް، މީގެ ތެރޭގައި ހިމެނޭ ސާފު ރަނުގެ މިންވަރާއި އޭގެ ސީދާ އަގު ކަށަވަރު ކުރެވޭނީ ލެބޯޓްރީ ޓެސްޓުތަކަށް ފަހުގައި ކަމަށް ކަސްޓަމްސްއިން ބުނެއެވެ.
Ads by BMLއެއާޕޯޓުތަކުން ރަން ސްމަގުލްކުރުން ހުއްޓުވުމަށްޓަކައި ފަސިންޖަރުން ސްކްރީންކުރުމުގެ މަސައްކަތް ވަރުގަދަކޮށްފައިވާ ކަމަށް ބަންގްލަދޭޝް ކަސްޓަމްސްއިން ހާމަކުރެއެވެ. މީގެ އިތުރުން، ހަމަ އެދުވަހު އަބޫދާބީން އެގައުމަށް ދިޔަ އެހެން ފަސިންޖަރެއްގެ އަތުންވެސް ކައްކާ ތަވައަކާއި ތަރުކާރީ ގާނާ އެއްޗެއްގެ ތެރޭގައި ފޮރުވައިގެން އެތެރެކުރަން އުޅުނު ރަންތަކެއް އަތުލައިގަނެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
Ads by MACL
