ފެނަކައިގެ ކުރީގެ ޕްރޮކިއުމަންޓް ހެޑް ދީނާ 1 އަހަރާއި 7 މަހަށް ޖަލަށް ލުމަށް ހުކުމްކޮށްފި
ފެނަކަ ކޯޕަރޭޝަނުން ކުރި މަސައްކަތެއް ފުރިހަމަނުވަނީސް އަދި އެކަން ކަށަވަރުކުރުމެއް ނެތި ފައިސާ ދޫކުރި މައްސަލައިގައި، އެ ކުންފުނީގެ ކުރީގެ ޕްރޮކިއުމަންޓް ހެޑް މަރިޔަމް ދީނާގެ މައްޗަށް އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން މިއަދު އިއްވައިފިއެވެ.
މި މައްސަލައަކީ 2019 ވަނަ އަހަރު ފެނަކަ އާއި ބްލޭޒަން އިންކް ކުންފުންޏާ ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުން ހިންގި މުއާމަލާތަކާ ގުޅިގެން، ދީނާގެ މައްޗަށް ދައުލަތުން އުފުލި ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ ސާބިތުވުމާ ގުޅިގެން ކުރި ހުކުމެކެވެ.
މިއަދު ބޭއްވި އަދަބު ކަނޑައެޅުމުގެ އަޑުއެހުމުގައި ދައުލަތުން އެދިފައިވަނީ ކުށުގެ އަސާސީ އަދަބު ދިނުމަށެވެ. ދައުލަތުން ފާހަގަކުރި ގޮތުގައި، މިއީ ބޮޑު އަދަބެއް ހައްގުވާ މައްސަލައެއް ނަމަވެސް، ދީނާއަކީ އެކަނިވެރި މައެއްގެ ގޮތުގައި ތުއްތު ކުދިންތަކެއް ބަލަހައްޓަމުންދާ މީހަކަށް ވެފައި، މި އަމަލުން އޭނާއަށް ސީދާ މާލީ މަންފާއެއް ލިބިފައި ނުވާތީ އަދަބު ބޮޑުކުރަން ބޭނުން ނުވާ ކަމަށެވެ.
Ads by BMLނަމަވެސް ދީނާގެ ވަކީލު ވަނީ އޭނާއަކީ ނޭވާލާ ނިޒާމުގެ މައްސަލަތަކެއް ހުރެގެން ވައި ބަންދު ތަންތަނުގައި ނޫޅުމަށް ޑޮކްޓަރުން އިރުޝާދު ދީފައިވާ ބަލި މީހެއްކަން ފާހަގަކުރައްވައި، ޖަލު އަދަބުގެ ބަދަލުގައި ޖޫރިމަނާއެއް ނުވަތަ ގޭބަންދުގެ އަދަބެއް ދިނުމަށް އެދިވަޑައިގެންފައެވެ.
މައްސަލަ ބެއްލެވި ގާޒީ އާދަމް މުހައްމަދު ނިންމެވީ ދީނާ ޖަލުގައި ނުބެހެއްޓޭނެ ފަދަ ސިއްހީ ހާލަތެއް އޮތްކަން ޑޮކްޓަރުގެ ލިޔުމުން އެނގެން ނެތުމާއި، މިއީ މުޅި މުޖުތަމައު ފަސާދައަށް ހުށަހެޅޭ ފަދަ ކުށަކަށްވާތީ، ޖަލު އަދަބު ދިނުމަށެވެ.
މި މައްސަލައިގައި ދެން ދައުވާލިބުނު ފެނަކައިގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައީދުގެ މައްޗަށް މީގެ އަހަރެއްހާ ދުވަސް ކުރިން ވަނީ ހަތަރު އަހަރުގެ ޖަލު ހުކުމެއް އިއްވައިފައެވެ. އޭރު ދީނާގެ މައްޗަށް ހުކުމް ނުކުރެވުނީ އޭނާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި އޮތުމުން ކޯޓަށް ހާޒިރު ނުވެވުމުގެ ސަބަބުންނެވެ.
މީގެ އިތުރުން، 2018 ވަނަ އަހަރު ފެނަކައިގެ ގޮފިތަކުގައި ކެމެރާ ސިސްޓަމްތައް ގާއިމުކުރުމުގެ މަސައްކަތް ކެއިރެޓްސޫ ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަމަލުކުރި ކަމަށް ބުނާ މައްސަލައެއްގެ ޝަރީއަތްވެސް ދީނާގެ މައްޗަށް ކްރިމިނަލް ކޯޓުގައި މިހާރު ދަނީ ހިނގަމުންނެވެ.
Ads by MACL
