އިނގިރޭސިވިލާތުގެ މުދައްރިސުން ހަފުތާއަކު 4 ދުވަހު މަސައްކަތްކުރާ ގޮތަށް ހެދުމަށް ހުށަހަޅައިފި
އިނގިރޭސިވިލާތުގެ ސްކޫލްތަކުގައި މަސައްކަތްކުރާ މުދައްރިސުންގެ މަސައްކަތު ގަޑިތަކަށް ލުއިފަސޭހަ ބަދަލުތަކެއް ގެނައުމުގެ ގޮތުން، ހަފުތާއަކު 4 ދުވަހު މަސައްކަތް ކުރެވޭނެ އުސޫލެއް ތައާރަފްކުރުމަށް އެ ގައުމުގެ އެޑިއުކޭޝަން ސެކްރެޓަރީ ލޫސީ ޕަވަލް ވިސްނަވަމުންދާކަން ހާމަވެއްޖެއެވެ.
މިނިސްޓަރުންނަށް ލަފާދޭ މިނިވަން އިދާރާއަކުން ހުށަހެޅި ރިޕޯޓަކަށް ރިއާޔަތްކޮށް، ޑެއިލީ ޓެލެގްރާފް ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މިއީ ތަޖުރިބާކާރު މުދައްރިސުން ދާއިރާގައި ދެމެހެއްޓުމަށާއި އައު މުދައްރިސުން ޝައުގުވެރިކުރުވުމަށް ސަރުކާރުން ގެންގުޅޭ އައު ރޭވުމެކެވެ. މީގެ އިތުރުން މުދައްރިސުންގެ މުސާރަ ބޮޑުކުރުމަށްވެސް ސަރުކާރުން ދަނީ ވިސްނަމުންނެވެ.
މި އައު ބަދަލާއެކު، މުދައްރިސުން އަހަރަކު އަދާކުރަންޖެހޭ ރަސްމީ 1,265 ގަޑިއިރު، 5 ދުވަހުގެ ބަދަލުގައި 4 ދުވަހުގެ ތެރޭގައި ފުރިހަމަކުރުމުގެ އިޚުތިޔާރު ސްކޫލްތަކުގެ ޕްރިންސިޕަލުންނަށް ލިބިގެންދާނެއެވެ. ނަމަވެސް، މިއީ ހުރިހާ މުދައްރިސުންނަށް މަޖުބޫރު ބަދަލެއް ނޫނެވެ.
Ads by BMLތައުލީމީ ވުޒާރާއިން ހާމަކުރާ ގޮތުގައި، މުދައްރިސުންގެ މަސައްކަތު ދުވަސްތަކަށް ބަދަލު އައި ނަމަވެސް، ދަރިވަރުން ކިޔަވަން ސްކޫލަށް ދާންޖެހޭ 5 ދުވަހުގެ އުސޫލަށް އެއްވެސް ބަދަލެއް ނާންނާނެއެވެ. އަދި ދަރިވަރުންނަށް ފުރިހަމަ ތައުލީމު ފޯރުކޮށްދިނުމަށްޓަކައި، ކޮންމެ ދުވަހަކުވެސް މުދައްރިސުން ތިބޭނެހެން ސްކޫލްތަކުގެ ތާވަލުތައް އެކުލަވައިލެވޭނެއެވެ.
މި އިސްލާހުގެ ދަށުން، މުދައްރިސުން އަހަރަކު މަސައްކަތް ކުރަންޖެހޭ 195 ދުވަހުގެ މިންގަނޑު އިތުރު ނުވާނެ ކަމުގެ ޔަގީންކަން އެޑިއުކޭޝަން ސެކްރެޓަރީ ވަނީ ދެއްވާފައެވެ. މީގެ ތެރޭގައި ހިމެނެނީ ކިޔަވައިދޭ ގަޑިތަކާއި، ބައްދަލުވުންތަކާއި އެހެނިހެން ރަސްމީ މަސައްކަތްތަކެވެ. ނަމަވެސް، ފިލާވަޅު ތައްޔާރުކުރުމާއި ފޮތް މާކުކުރުން ފަދަ އަމިއްލަ ވަގުތުގައި ކުރާ މަސައްކަތްތައް މީގެ ތެރޭގައެއް ނުހިމެނެއެވެ.
މިފަދަ ބަދަލެއް ގެންނަން ސަރުކާރުން ނިންމާފައިވަނީ، މަސައްކަތުގެ ތާވަލު ހަރުކަށިވުމުގެ ސަބަބުން ގިނަ އަދަދެއްގެ ތަޖުރިބާކާރު މުދައްރިސުން ދާއިރާ ދޫކޮށްދާކަމުގެ އިންޒާރުތަކެއް ލިބެމުންދާ ދަނޑިވަޅެއްގައެވެ. އެހެންކަމުން، މި ބަދަލަށް ގާނޫނީ ހުއްދަ ހޯދުމަށްޓަކައި ގަވާއިދަށް އިސްލާހެއް ގެނައުމަށް މިހާރު ވަނީ ހުށަހަޅާފައެވެ.
Ads by MACL
