ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ޒެންޒިބާރުގެ ވަފުދަކާއެކު އިސްލާމިކް މިނިސްޓްރީން މަޝްވަރާބައްދަލުވުމެއް ބާއްވައިފި

ވަޒީރު ޝަހީމް ޒެންޒިބާރުގެ ވަފުދާ ބައްދަލުކުރެއްވުން --- ފޮޓޯ: އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ
ވަޒީރު ޝަހީމް ޒެންޒިބާރުގެ ވަފުދާ ބައްދަލުކުރެއްވުން --- ފޮޓޯ: އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ

އިސްލާމިކް ފައިނޭންސާއި، ޒަކާތުގެ ނިޒާމު ހަރުދަނާކުރުމާއި، ދެމެހެއްޓެނިވި ގޮތެއްގައި ވަގުފް އިންވެސްޓްމަންޓްތައް ކުރިއެރުވުމާ ގުޅޭގޮތުން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ޒެންޒިބާރުގެ މުހިންމު ވަފުދަކާއެކު މަޝްވަރާކުރައްވައިފިއެވެ.

ރާއްޖެއަށް ކުރެއްވި މި ޒިޔާރަތުގައި އިސްލާމިކް މިނިސްޓަރު ޑޮކްޓަރު މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ އެ ވަފުދުގެ ބޭފުޅުންނާ ބައްދަލުކުރައްވައި، ދެމެދުގައި އޮތް ގުޅުން ބަދަހިކުރުމަށް ދެއްވި އިސްކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ޒެންޒިބާރުގެ ވަފުދުގެ ތެރޭގައި ޒެންޒިބާރު ޓްރެޒަރީ ސުކޫކް އެސްޕީވީ، އިޙްސާން ތަކާފުލް އެންޑް ފައިނޭންޝަލް ސަރވިސަސް އަދި ޒެންޒިބާރު އިކޮނޮމިކް އެމްޕަވަރމަންޓް އޭޖެންސީގެ ޗެއަރމަން ސީޕީއޭ ޖުމާ ޢާމިރު މުޙައްމަދާއި، ޒެޑްއައިސީ ތަކާފުލް ޝަރީއާ އެޑްވައިޒަރީ ބޯޑުގެ ޗެއަރމަން އަދި ވަގުފް އެންޑް ޓްރަސްޓް ކޮމިޝަންގެ ބޯޑު މެންބަރު ޑރ. ޢަބްދުﷲ ޢުއްސީ ޙަމަދުގެ އިތުރުން ޒެޑް.އައި.ސީ ތަކާފުލް ޝަރީއާ އެޑްވައިޒަރީ ބޯޑުގެ މެންބަރު ޑރ. ރަޖަބް ޢުމަރު ރަޖަބް ބައިވެރިވެވަޑައިގެންނެވިއެވެ.

ރާއްޖޭގެ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ފަރާތުން މި ބައްދަލުވުމުގައި ސްޓޭޓް މިނިސްޓަރު ޑރ. މުޙައްމަދު ޝުޖާޢު ޢަބްދުލްޙަކީމްގެ އިތުރުން މޯލްޑިވްސް އައުގާފް އިންވެސްޓްމަންޓްސްގެ މެނޭޖިން ޑައިރެކްޓަރު ޔާމީން އިދުރީސް އާއި މޯލްޑިވްސް ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލް އޮފް ޒަކާތު އައްޝައިޚް އިމްތިތާޢު ޢައްބާސް ބައިވެރިވެވަޑައިގަތެވެ.

މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ ދެގައުމުގެ މުއައްސަސާތައް ގުޅިގެން އިސްލާމީ އިގްތިސާދީ ދާއިރާ ފުޅާކުރުމަށާއި، ޒަކާތުގެ އިދާރީ ހިންގުން އިތުރަށް ވަރުގަދަކޮށް، ދެމެހެއްޓެނިވި އުސޫލުތަކުގެ މައްޗަށް ވަގުފް އިންވެސްޓްމަންޓްތައް ބައްޓަންކުރުމާ ގުޅޭގޮތުންނެވެ.