ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ރާއްޖޭގެ އެކި ސަރަހައްދުތަކަށް ނުރައްކާތެރި މިންވަރަކަށް ވައި ނުސާފުވެއްޖެ

ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބޯ ދުމާއި ހިރަފުހުގެ އަސަރުކޮށް، ޖައްވު ނުސާފުވުމުގެ ސަބަބުން ދުރު ފެންނަ މިންވަރު / ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް
ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބޯ ދުމާއި ހިރަފުހުގެ އަސަރުކޮށް، ޖައްވު ނުސާފުވުމުގެ ސަބަބުން ދުރު ފެންނަ މިންވަރު / ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް

ރާއްޖޭގެ އެކި ހިސާބުތަކުގެ ޖައްވު ނުރައްކާތެރި މިންވަރަކަށް ނުސާފުވެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ ފަރާތްތަކުން އިލްތިމާސްކޮށްފިއެވެ. އެއާ ކޮލިޓީ އިންޑެކްސް މޮނީޓަރުތަކުން ދައްކާގޮތުގައި ވައިގެ ފެންވަރު އެންމެ ބޮޑަށް ގޯސްވެފައިވަނީ ރާއްޖޭގެ އުތުރުގެ ރަށްތަކަށެވެ.

އެގޮތުން ހދ. ކުޅުދުއްފުށީގެ ވައިގެ ކޮލިޓީ 170 ގައި ހުރިއިރު، ށ. ފުނަދޫގައި މި އަދަދު ހުރީ 162 ގައެވެ. މާލެ ސަރަހައްދުގެ ވައިގެ ކޮލިޓީ 102 ގައި ހުރިއިރު، މެދު ރާއްޖެތެރޭގެ ރަށްރަށުގައި ވައިގެ ކޮލިޓީ އެވްރެޖުކޮށް ހުރީ 50 އާއި 75 ދެމެދުގައެވެ. އަދި ދެކުނުގެ ރަށްރަށުގެ ވައިގެ ފެންވަރު 50 އިން ދަށުގައި ހުރުމުން އެ ސަރަހައްދުގެ ވައިގެ ފެންވަރު ރަނގަޅު ކަމަށް ދައްކައެވެ.
އެއާ ކޮލިޓީ އިންޑެކްސްގެ މިންގަނޑުތަކަށް ބަލާއިރު، 50 އިން މަތީގައި ހުރުމަކީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަންޖެހޭ ހާލަތެކެވެ.

އިންޑެކްސް 100 އަށް ވުރެ މަތިވެއްޖެނަމަ ޞިއްޙީގޮތުން ހިރާސް ބޮޑު މީހުންނަށް ނުރައްކާ ބޮޑުވާނެއެވެ. އަދި 150 އަށް ވުރެ މަތިވާ ހާލަތްތަކުގައި އެންމެންނަށްވެސް ނުރައްކާ ބޮޑުވާނެއެވެ.

ރާއްޖޭގެ ޖައްވު މިފަދަގޮތަކަށް ނުސާފުވަނީ އާންމުކޮށް އިރުވައި މޫސުމުގައި ވައިގެ މިސްރާބު ހުންނަގޮތުން، އިންޑިއާގެ ބައެއް ސަރަހައްދުތަކުން އަންނަ ނުސާފު ވައިގެ ސަބަބުންނެވެ. މި ނުސާފު ވައިގައި ހިރަފުހާއި، ކާރުހާނާތަކުގެ ދުމާއި، ދަނޑުވެރިކަމުގެ ކުނި އެންދުމާއި، ކަރަންޓު އުފެއްދުމަށް ކޯލް އެންދުން އަދި ކޮންސްޓްރަކްޝަން މަސައްކަތްތަކުން އުފެދޭ ކުނޑި ހިމެނެއެވެ.

ކުރިއަށް އޮތް ޑިސެމްބަރު މަހު އިރުވައި މޫސުން ފެށުމާއެކު މި ނުސާފު ވައިގެ އަސަރު ރާއްޖެއަށް އިތުރަށް ބޮޑުވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކުރެއެވެ.