ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ގާނޫނުލްއުގޫބާތަށް ސަރުކާރުން ހުށަހެޅި އިސްލާހުތަކަކީ މީޑިއާތަކުގެ ސަމާލުކަން ހޯދުމަށް ކުރާ ކަމެއް ނޫން: ހުޝާމް

ބަންޑާރަނައިބު އަހުމަދު އުޝާމް ---
ބަންޑާރަނައިބު އަހުމަދު އުޝާމް ---

ގާނޫނުލްއުގޫބާތަށް ސަރުކާރުން ހުށަހެޅި އިސްލާހުތަކަކީ ހަމައެކަނި މީޑިއާތަކުގެ ސަމާލުކަން ހޯދުމަށް ކުރާ ކަމެއް ނޫން ކަމަށާއި، މިއީ ވޭތުވެދިޔަ ސާޅީހަކަށް އަހަރު ދުވަހު ގާނޫނީ ނިޒާމުގައި ދެމިއޮތް ބޮޑު އުނިކަމެއް ފިލުވައިލުމަށް ސަރުކާރުން ޒިންމާދާރުކަމާއެކު ކުރިއަށްގެންދާ މުހިންމު މަސައްކަތެއް ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

ބަންޑާރަނައިބު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ފާހަގަކުރެއްވި ގޮތުގައި، ގަތުލުއާންމު ހިންގުމާއި ގައުމަށް ޣައްދާރުވުން ޖިނާއީ ބޮޑެތި ކުށްތަކުގެ ތެރޭގައި ހިމެނުމަށް ގާނޫނު އިސްލާހުކުރަނީ ދައުލަތުގެ މައްޗަށް ލާޒިމުވެގެންވާ ގާނޫނީ ވާޖިބެއް އަދާކުރުމުގެ ގޮތުންނެވެ.

އެގޮތުން ޖެނޮސައިޑް ކޮންވެންޝަންގައި ރާއްޖެއިން 24 އެޕްރީލް 1984 ގައި ބައިވެރިވެފައިވާއިރު، އެ މުއާހަދާގެ ފަސްވަނަ މާއްދާގެ ދަށުން އެތެރޭގެ ގާނޫނުތައް އެކުލަވައިލައި ނަސްލު ނައްތާލުމުގެ އަމަލުތަކަށް ހައްގު އަދަބު ކަނޑައެޅުމަކީ ބައިވެރިވެފައިވާ ގައުމުތަކަށް މަޖުބޫރު ކަމެއް ކަމަށް އުޝާމް ވިދާޅުވިއެވެ.

އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) ގައި ކުރިއަށްދާ މައްސަލަތަކުގެ ތެރެއަށް ރާއްޖެއިން ތަދައްޚުލުވުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ބަންޑާރަނައިބު ވިދާޅުވީ، ދަ ގެމްބިއާ އާއި މިޔަންމާގެ މައްސަލައިގެ ތެރެއަށް ކުރީގެ ސަރުކާރުން 10 ނޮވެމްބަރު 2023 ގައި ވަނީވެސް އަދި ދެކުނު އެފްރިކާއިން އިސްރާއީލާ ދެކޮޅަށް ހުށަހެޅި މައްސަލައިގެ ތެރެއަށް މި ސަރުކާރުން 1 އޮކްޓޯބަރު 2024 ގައި ވަނީވެސް ގާނޫނީ އިމުގެ ތެރެއިން ކަމަށެވެ.

އަދި ބައިނަލްއަގުވާމީ ކޯޓަކަށް މައްސަލައެއް ހުށަހެޅުމަށްޓަކައި އެ ގައުމެއްގެ އެތެރޭގެ ގާނޫނުގައި އެއީ ކުރިން ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅާފައި އޮތުން ލާޒިމުނުވާ ކަމަށާއި، ކުރީގެ ސަރުކާރުންވެސް އައިސީޖޭއަށް ވަދެފައިވަނީ އެތެރޭގެ ގާނޫނު އިސްލާހުނުކޮށް އޮއްވައި ކަން އުޝާމް ފާހަގަކުރެއްވިއެވެ.