ވޯލްޑް ޓްރެވަލް އެވޯޑްސްގެ ބޮޑު ދެ ކެޓަގަރީއަކުން ވީއައިއޭއަށް ވޯޓުލާން ބާކީ ތިން ދުވަސް: ގައުމީ އެއާޕޯޓަށް ވޯޓުދިނުމަކީ އެމްއޭސީއެލްގެ އެދުމެއް
ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ދެވޭ އެންމެ ޝަރަފުވެރި އެއް އެވޯޑު ކަމަށްވާ "ވޯލްޑް ޓްރެވަލް އެވޯޑްސް 2026" ގެ ދެ ކެޓަގަރީއަކުން ވާދަކުރާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް ވޯޓު ދިނުމުގެ ފުރުސަތު ކުޑަތަންވެފައިވާއިރު، ރާއްޖޭގެ މައި އެއާޕޯޓަށް ވޯޓުދީ މި ޝަރަފު ހޯދައިދިނުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އެދިއްޖެއެވެ.
މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ވޯޓުލުން ކުރިއަށްދާއިރު، ވޯޓުލުމުގެ މުއްދަތު ހަމަވާން ދެން ބާކީ އޮތީ އެންމެ ތިން ދުވަހެވެ.
މިއަހަރުގެ އެވޯޑުގައި ވީއައިއޭ ވާދަކުރަނީ "ވޯލްޑްސް ލީޑިން އެއާޕޯޓް 2026" ގެ އިތުރުން "ވޯލްޑްސް ލީޑިން އެއާޕޯޓް – ކަސްޓަމާ އެކްސްޕީރިއަންސް 2026" މިންގަނޑުންނެވެ. ދުނިޔޭގެ ފެންވަރުގެ މި ދެ ކެޓަގަރީން ވާދަކުރުމުގެ ފުރުސަތު ރާއްޖެއަށް ލިބުނީ މިއަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވި ސަރަހައްދީ އެވޯޑު ހަފްލާގައި "އިންޑިއަން އޯޝަންސް ލީޑިން އެއާޕޯޓް 2026" ގެ މަގާމު ވީއައިއޭއިން ކާމިޔާބުކުރުމާ ގުޅިގެންނެވެ.
Ads by BML"ވޯލްޑްސް ލީޑިން އެއާޕޯޓް" ކެޓަގަރީގައި ރާއްޖޭގެ އެއާޕޯޓާ ވާދަކުރަނީ ދުނިޔޭގެ ނަން މަޝްހޫރު ބޮޑެތި އެއާޕޯޓުތަކެވެ. އޭގެ ތެރޭގައި ސިންގަޕޫރުގެ ޗާންގީ އެއާޕޯޓާއި، ދުބާއީ އިންޓަނޭޝަނަލް އެއާޕޯޓުގެ އިތުރުން ހޮންކޮންގާއި، އިސްތަންބޫލްގެ އައިޖީއޭ، އެޓްލާންޓާގެ ހާޓްސްފީލްޑް-ޖެކްސަން، ނިއުޔޯކުގެ ޖޭއެފްކޭ އަދި ޒިއުރިކް އެއާޕޯޓު ފަދަ ބޮޑެތި ހަބްތައް ހިމެނެއެވެ.
މީގެ އިތުރުން "ކަސްޓަމާ އެކްސްޕީރިއަންސް" ކެޓަގަރީގައި ޖުމްލަ 12 އެއާޕޯޓަކާ ވީއައިއޭ ވާދަކުރެއެވެ. އޭގެ ތެރޭގައި ޗާންގީ، ދުބާއީ އަދި ހޮންކޮންގްގެ އިތުރުން އަބޫދާބީގެ ޒައިދު އިންޓަނޭޝަނަލް އެއާޕޯޓާއި ސިޑްނީ އަދި އޯކްލެންޑް އެއާޕޯޓް ހިމެނެއެވެ. މި އެވޯޑުތަކަށް ވޯޓުލުމުގެ ކަންކަން ކުރިއަށްދަނީ ވޯލްޑް ޓްރެވަލް އެވޯޑްސްގެ ރަސްމީ ވެބްސައިޓް މެދުވެރިކޮށެވެ.
Ads by MACL
