ތިލަފުށީ ޕޯޓުން މުދަލާއެކު ކޮންޓެއިނަރު ދޫކުރުމުގެ ޚިދުމަތް ރަސްމީކޮށް ފަށައިފި
މާލޭ ވިޔަފާރި ބަނދަރަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ޙައްލުކުރުމަށްޓަކައި މާލޭ ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫޢުގެ ދަށުން، ތިލަފުށީ ޕޯޓުން މުދަލާއެކު ކޮންޓެއިނަރު ދޫކުރުމުގެ ޚިދުމަތް މިއަދު ރަސްމީކޮށް ފަށައިފިއެވެ.
މިއީ ތިލަފުށީގެ އައު ޕޯޓުން އާންމު ވިޔަފާރިވެރިންނަށާއި އޮޕަރޭޓަރުންނަށް ދޭން ފެށި އެންމެ ފުރަތަމަ ޚިދުމަތެވެ.
މި ޚިދުމަތް އިފްތިތާޙުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ސީއީއޯ ހުސައިން ޝަފީޤު ވިދާޅުވީ، މާލެއާއި ހުޅުމާލޭ ބަނދަރުގައި ދޯނިފަހަރު ކައިރިކޮށްގެން ކޮންޓެއިނަރު އެރުވުމުގައި މިހާރުވެސް ބޮޑެތި ދަތިތަކެއް ހުރި ނަމަވެސް، ތިލަފުށިން މި ޚިދުމަތް ދޭން ފެށުމާއެކު މުދާ ކްލިއަރކުރުމުގެ އޮޕަރޭޝަންތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށެވެ.
Ads by BMLއެމްޕީއެލްގެ ސީއީއޯ އިތުރަށް ފާހަގަކުރެއްވި ގޮތުގައި އެންމެ ފުރަތަމަ މިއަދު މި ފެށީ އެފްސީއެލް ކްލިއަރެންސް އޮޕަރޭޝަން ދޯނިފަހަރަށް ދިނުމުގެ މަސައްކަތް ކަމަށާއި، ކުރިއަށް އޮތް ތަނުގައި ކޮންޓެއިނަރުތައް ކަނޑައިގެން އެލްސީއެލް ކާގޯ ދޫކުރުމުގެ ޚިދުމަތްވެސް ތިލަފުށީ ބަނދަރުން ފޯރުކޮށްދޭން ފަށާނެއެވެ.
ރާއްޖެއަށް އެތެރެކުރާ މުދަލުގެ ބޮޑުބައެއް ކްލިއަރކުރާ މާލޭ ބަނދަރަކީ 1986 ވަނަ އަހަރުން ފެށިގެން ބޭނުންކުރަމުން އަންނަ ބަނދަރަކަށްވާއިރު، 2015 ވަނަ އަހަރުން ފެށިގެން އެތަނުގައި ޚިދުމަތް ދެމުންދަނީ ކެޕޭސިޓީއަށްވުރެ ތިންގުނަ އިތުރަށެވެ.
ސަރުކާރުން އިޤުތިޞާދީ ގޮންޖެހުންތައް ނައްތާލުމަށްޓަކައި ހަލުވިކަމާއެކު ކުރިއަށްގެންދާ މި މަޝްރޫޢު ނިމުމުން ޕޯޓުގެ ކެޕޭސިޓީ ހަތަރުގުނައަށް ފުޅާވެގެންދާނެއެވެ.
މުޅި ވިޔަފާރި ބަނދަރު އެއްކޮށް ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫޢު އަންނަ އަހަރު ނިމޭއިރު، މުޅި މަޝްރޫޢު އެއްކޮށް ފުރިހަމަކޮށް ނިންމުމަށް ސަރުކާރުން އަމާޒުހިފާފައިވަނީ 2027 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށެވެ.
މި ބަދަލާއެކު މުދާ އެތެރެކުރުމަށް ހިނގާ ޚަރަދުތައް ކުޑަވެ، ރާއްޖޭގެ ބާޒާރުގައި މުދަލުގެ އަގުތައް ހެޔޮވުމަށް މަގުފަހިވެގެންދާނެ ކަމަށް ބެލެވެއެވެ.
Ads by MACL
