ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މީރާގެ ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް އަހުމަދު ޝަފްނީޒް އައްޔަންކުރައްވައިފި

މަޖިލީހުގެ ކޮމިޓީ މަރުހަލާ: ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީން ޝަފްނީޒް އިންޓަވިއު ކުރައްވަނިކޮށް / ފޮޓޯ: ރައްޔިތުން މަޖިލިސް
މަޖިލީހުގެ ކޮމިޓީ މަރުހަލާ: ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީން ޝަފްނީޒް އިންޓަވިއު ކުރައްވަނިކޮށް / ފޮޓޯ: ރައްޔިތުން މަޖިލިސް

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް، ސ. ހުޅުދޫ ބަގީޗާގޭ، އަހުމަދު ޝަފްނީޒް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު އައްޔަންކުރައްވައިފިއެވެ.

މި މަގާމަށް ބޭފުޅަކު އައްޔަންކުރައްވާފައިވަނީ، މަގާމަށް ކުރިމަތިލުމަށް އާންމުކޮށް ހުޅުވާލުމުން ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ފޮނުއްވި ތިން ބޭފުޅުންގެ ނަންތައް ދިރާސާކުރުމަށްފަހުއެވެ.

މަޖިލީހަށް ފޮނުއްވި ތިން ނަމަކީ އަހުމަދު ޝަފްނީޒްގެ އިތުރުން، ވ. މިއަރެސް އަހުމަދު މައުސޫމް އަދި ކ. ދިއްފުށީ ކަނޑުގަސްދޮށުގޭ މަރިޔަމް ޖައިދާއެވެ. މީގެތެރެއިން ޝަފްނީޒް މި މަގާމަށް އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފައިވަނީ މިދިޔަ ހަފުތާގެ ހޯމަ ދުވަހު ބޭއްވި ޖަލްސާގައެވެ.

އަލަށް މަގާމަށް އައްޔަންކުރެވުނު އަހުމަދު ޝަފްނީޒަކީ މީރާގައި 15 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ، ތަޖުރިބާކާރު ބޭފުޅެކެވެ. އޭނާ މީގެކުރިން ހުންނެވީ އެ އިދާރާގެ އެޑްމިނިސްޓްރޭޝަން އެންޑް ފައިނޭންސްގެ ޑިރެކްޓާ ޖެނެރަލްގެ މަގާމުގައެވެ.
މީރާގެ ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލްގެ މަގާމު ހުސްވީ، ކުރިން އެ މަގާމުގައި ހުންނެވި ފާތިމަތު އަމީޒާ، ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް އައްޔަންކުރެއްވުމާ ގުޅިގެންނެވެ.