ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ސްޓެލްކޯގެ ހުރިހާ މީޓަރެއް ސްމާޓްކޮށްލަނީ، ކޮންމެ ދުވަހަކު ކަރަންޓް ބިލަށް އަރާވަރު ދެން ބަލާލެވޭނެ!

ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން ފަހުމީ / ފޮޓޯ ދަ ޕްރެސް
ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން ފަހުމީ / ފޮޓޯ ދަ ޕްރެސް

ސްޓެލްކޯ އިން ރަައްޔިތުންނަށް ފޯރުކޮށްދޭ ޒަމާނީ ޚިދުމަތްތަައް އިތުރަށް ފުޅާކުރުމަށް، ސްޓެލްކޯގެ ހުރިހާ މީޓަރުތަކެއް ސްމާޓުކުރުމުގެ މަސައްކަތް ވަނީ ފެށިފައެވެ.

ކުންފުންޏާމެދު އޮންނަ އިތުބާރު އިތުރުކުރުމަށްޓަކާ ކުރަމުންމިދާ މަސައްކަތުގެ ތެރެއިން، މިހާރުވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ސްމާޓް މީޓަރު ހަރުކުރެވިފައެވެ. އަދި މީގެ އިތުރުން ސްމާޓް އެޕްލިކޭޝަން ކަސްޓަމަރުންނަށް ތަޢާރަފުކުރުމަށްޓަކައި ބޭނުންވާ އެންމެ ފަހުގެ ތައްޔާރީތައް ވަމުން ދާކަމަށް ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރ ހުސެއިން ފަހުމީވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ސެޕްޓެމްބަރު މަހުގެ ނިޔަލަށް ސްޓްލްކޯގެ ހުރިހާ ކަސްޓަމަރުންގެ މީޓަރުތައް ސްމާޓް މީޓަރަށް ބަދަލު ކުރެވިގެންދާނެކަމާއި ސްމާޓް މީޓަރުގެ މި ސްމާޓް އެޕްލިކޭޝަނާއެކު، ކަސްޓަމަރުންނަށް މީޓަރުގެ މަޢުލޫމާތު ފެނި، ގަޑިއިރަކަށް، ދުވާލަކަށް އަދި ހަފްތާއަކަށް ކަރަންޓު ބޭނުންކުރެވޭ މިންވަރު ވެސް ފެންނަމުންދާނެކަމަށް ފަހުމީ ކުރެއްވި ސޯޝަލްމީޑިއާ ޕޯސްޓެއްގައި ވިދާޅުވެފައިވެެއެވެ.

ކުންފުންޏާމެދު ކަސްޓަމަރުންގެ އިތުބާރު ދެމެހެއްޓުމާއި، ޒަމާނީ ޓެކްނޮލޮޖީއާއެކު ލިބިގެންދާ ފަސޭހަތަކާއި، ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ފުރިހަމަ ޚިދުމަތެއް ދެމުން ގެންދިއުމަކީ ސްޓެލްކޯގެ އެންމެ ބޮޑު އަމާޒް ކަމުގައިވެސް ފަހުމީވަނީ ވިދާޅުވެފައެވެ.

މިބަދަލާއިއެކު ރައްޔިތުންނަށް އެތަށްފަސޭހަތަކެއް ލިބިގެންދާނެވެ، އަދި ކޮންމެ މަހަކު ކަރަންޓުބިލާ ގުޅޭގޮތުން އަންނަ ޝަކުވާތަކަށްވެސް ހައްލެއް ލިބިގެންދާނެެއެވެ.