ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އެރައިޒް މަޝްރޫޢުގެ ދަށުން ސޯލާ ޕީވީ ނިޒާމުތައް ޤާއިމުކުރުމަށް ޕަވަރ ޕާޗޭސް އެގްރީމަންޓެއްގައި ސޮއިކޮށްފި

 އެރައިޒް މަޝްރޫޢުގެ ދަށުން ރާއްޖޭގެ 13 ރަށެއްގައި ސޯލާ ޕީވީ ނިޒާމު ޤާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތު / ފޮޓޯ: ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާ
އެރައިޒް މަޝްރޫޢުގެ ދަށުން ރާއްޖޭގެ 13 ރަށެއްގައި ސޯލާ ޕީވީ ނިޒާމު ޤާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތު / ފޮޓޯ: ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާ

މޫސުމީ ބަދަލުތަކާއި، ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއިން އިސްނަގައިގެން ކުރިއަށްގެންދާ "އެކްސެލަރޭޓިންގ ރިނިއުވަބަލް އެނަރޖީ އިންޓަގްރޭޝަން އެންޑް ސަސްޓެއިނަބަލް އެނަރޖީ" މަޝްރޫޢުގެ ދަށުން، ރާއްޖޭގެ އެކި ރަށްރަށުގައި ގްރިޑް-ޓައިޑް ސޯލާ ޕީވީ ނިޒާމުތައް ޤާއިމުކުރުމަށްޓަކައި ޕަވަރ ޕާޗޭސް އެގްރީމަންޓް އެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ދައުލަތުގެ ކަރަންޓު ކުންފުންޏާއި ޗައިނާގެ ސައިނޯ ސޯ ހައިބްރިޑް ޓެކްނޮލޮޖީ ކޯ ލިމިޓެޑާ ދެމެދުގައެވެ.

މި އެއްބަސްވުމުގެ ދަށުން އިއާދަކުރަނިވި ހަކަތައިގެ ނިޒާމު ފަރުމާކުރުމާއި، ބިނާކުރުމާއި، ފައިނޭންސްކުރުމުގެ އިތުރުން ހިންގައި ބެލެހެއްޓުމުގެ މަސައްކަތްތައް ކުރިއަށްދާނީ ދެ ލޮޓަކަށް ބަހާލައިގެންނެވެ.

އެގޮތުން މަސައްކަތް ބަހާލެވިފައިވާ ރަށްތަކަކީ:
• ލޮޓް 1: ލ. ހިތަދޫ، ލ. ކުނަހަންދޫ، ލ. މާބައިދޫ، ލ. މާމެންދޫ، ލ. މާވަަށް އަދި ލ. ދަނބިދޫ.
• ލޮޓް 2: ލ. އިސްދޫ، ލ. ކަލައިދޫ، ލ. ފޮނަދޫ، ލ. ގަން، ޅ. ނައިފަރު، ގއ. ވިލިނގިލި އަދި ށ. ފުނަދޫ.
މި މަޝްރޫޢަކީ ދިވެހިރާއްޖޭގައި ކަރަންޓު އުފެއްދުމަށްޓަކައި ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ޖައްވަށް ބޭރުކުރާ ވިހަ ގޭސްތައް މަދުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

އަދި މިއީ ރަށްރަށަށް ދެމެހެއްޓެނިވި، އިތުބާރު ހުރި އަދި ތިމާވެއްޓާ ރައްޓެހި ހަކަތަ ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ލިބުނު ބޮޑު ކުރިއެރުމެކެވެ.

މި މަޝްރޫޢުގެ ސަބަބުން ދައުލަތުން ތެލަށް ކުރާ ހޭދަ ބޮޑުތަނުން ސަލާމަތްވެ، ތިމާވެށި ޙިމާޔަތްކުރުމުގެ ޤައުމީ ލަނޑުދަނޑިތައް ޙާޞިލުކުރުމަށް މަގުފަހިވެގެންދާނެއެވެ