ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ފައިސާ ލިބުމުން ބައެއް މީހުން ޖީބު ބޮޑުކުރީ، ރައީސް މުއިއްޒު ކުރެއްވީ ގައުމު ސަލާމަތް: އަބްދުއްރަހީމް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަދި މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ / ފޮޓޯ: ރައްޔިތުންގެ މަޖިލިސް ކުރާގެ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަދި މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ / ފޮޓޯ: ރައްޔިތުންގެ މަޖިލިސް ކުރާގެ

ދައުލަތަށް ފައިސާ ލިބުމުން ބައެއް ބޭފުޅުން އަމިއްލަ ޖީބު ބޮޑުކުރެއްވި ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ހަމައެކަނި މަސައްކަތްޕުޅަކީ ބަންގުރޫޓްވަމުން ދިޔަ ދިވެހި ގައުމު ސަލާމަތް ކުރެއްވުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ރައީސް މިހެން ވިދާޅުވީ، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިސްލާހަށް މަޖިލީހުގައި މިއަދު ކުރިއަށްދިޔަ ބަހުސްގެ ތެރެއިންނެވެ.

މަޖިލީހުގެ ރިޔާސަތުން ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، ދައުލަތަށް ލިބޭ ފައިސާއިން ސަރުކާރުން ކުރަނީ ކޮންކަމެއްތޯ ބައެއް މެންބަރުން ރިޔާސަތާ ސުވާލުކުރައްވަމުން ގެންދަވާ ކަމަށެވެ.

އަދި ރިޔާސަތުގައި އިންނަވާ ބޭފުޅަކަށް މަޖިލީހުގެ ބަހުސްގައި ސީދާ ބައިވެރިވެވަޑައިނުގެންނެވުނު ނަމަވެސް، މެންބަރުން ކުރައްވާ އެފަދަ ސުވާލުތަކަށް ޖަވާބު ދެއްވަންޖެހޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ފައިސާ ހޯދައިގެން އެކި ބޭފުޅުން ކުރައްވަނީ އެކި ކަންކަމެވެ. އެގޮތުން ބައެއް ބޭފުޅުން އަމިއްލަ ޖީބު ބޮޑުކޮށް، އަމިއްލަ ކުންފުނިތައް މުއްސަނދު ކުރެއްވިއިރު، ރައީސް މުއިއްޒު ކުރެއްވި ކަމަކީ އެ ފައިސާއިން ބަނގުރޫޓްވެފައި އޮތް ގައުމު އަލުން ސަލާމަތްކުރައްވައި، އިގްތިސާދު ކޮޅަށް ޖައްސަވައި ދަރަނިތައް ދެއްކެވުން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، މިއަދު ރާއްޖެ ސަލާމަތުން އޮތީ ދައުލަތަށް ލިބޭ ފައިސާ އެމަގުން ހަރަދުކުރުމުން ކަމަށާއި، ޓެކްސް ފައިސާ ހޯދައިގެން މި ސަރުކާރުން ރައްޔިތުންނަށް ކޮށްދެމުންދާ ކަންތައްތަކަކީ އެއީ ކަމަށް ވެސް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ