ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ޓާމިނަލްގެ މަސައްކަތް އަވަހަށް ނިންމާ ހުޅުވާލަނީ ރައީސް ކްރެޑިޓް ނަންގަވާކަށެއް ނޫން: ނަރީޝް

އަހުމަދު ނަރީޝް / ފޮޓޯ މާލެ ސިޓީ ކައުންސިލް
އަހުމަދު ނަރީޝް / ފޮޓޯ މާލެ ސިޓީ ކައުންސިލް

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ އާ ޓާމިނަލްގެ މަސައްކަތް އަވަސް ކުރީ އެކަމުގެ ކްރެޑިޓް ރައީސް މުޢިއްޒު ނަންގަވާކަށް ނޫންކަމަަށް މިނިސްޓަރ އޮފް ޔޫތު އެމްޕަވަމަންޓް އިންފޮމޭޝަން އެންޑް އާޓްސްގެ އެޑްވައިޒަރ އަހުމަދު ނަރީޝް ބުނެފިއެެވެ.

މިއަދު ހެދުނު ހިއްސާކުރި ސޯޝަލްމީޑިއާ ޕޯސްޓެއްގައި ނަރީޝް ބުނެފައިވަނީ މަސައްކަތުގެ ސްޕީޑު އަވަސް ކޮށްފައިވަނީ ދިވެހިރާއްޖެ އަށް އާމްދަނީ އިތުރުވާ އެންމެ ބޮޑު ސިނާޢަތަކީ ފަތުރުވެރިކަމަށްވެފައި އެކަމުގެ އެންމެ މުހިއްމު ދޮރައްޓަކީ ވެލާނާ ވައިގެބަނދަރާއި އާޓަރމިނަލް ކަމަށްވާތީއެވެ.

މީގެ އިތުރުން ޓާމިނަލް ހުޅުވުމުން އިތުރު ފަތުރުވެރިންނަށް ޖާގަ ހުޅުވިގެން ދިޔުމުން، ރާއްޖޭގެ ޑޮމެސްޓިކް ވައިގެ ބަނދަރުތައްވެސް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަށް މަގުފަހިވެގެންދާނެކަމަށްވެސް ނަރީޝް ބުނެފައިވެއެވެ. ހަމައެހެންމެ މިކަމުގެ ފައިދާ ރިސޯޓު، ހޮޓެލް އަދި ގެސްޓްހައުސްތަކަށްވެސް ކުރާނެކަމަށް އޭނާވަނީ ބުނެފައެވެ.

އާ ޓާމިނަލް އެއްކޮށް ބޭނުން ކުރަން ފެށުމުން ގާތްގަނޑަކަށް 7.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ އެވެ.

ހަމަ މިއާއެކު، އާ ޓާމިނަލްގެ ހިދުމަތް ފެށުމާއެކު، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި މަސައްކަތްކުރާ މުވައްޒަފުންގެ އަދަދު 1،800 އަށް އިތުރުވާނެ ކަމަށް ލަފާކުރެވެއެވެ. މިހާރު ގާތްގަނޑަކަށް 30 އަށް ވުރެ ގިނަ އެއަރލައިނުން ހިދުމަތް ފޯރުކޮށްދޭއިރު، އައު ޓާމިނަލްގެ ސަބަބުން އިތުރު އެއަރލައިންތަކަށްވެސް ހިދުމަތް ފެށުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވަނީ ހާމަކޮށްފައެވެ.