ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ބާރަށު ޖެޓީއާއި ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފި

ބާރަށު ޖެޓީއާއި ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރުން ---
ބާރަށު ޖެޓީއާއި ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރުން ---

ހއ. ބާރަށުގައި ފުރަތަމަ ފަހަރަށް ބަނދަރެއް ހަދައި، އެ ރަށުގެ ޖެޓީ ތަރައްގީކުރުމުގެ މުހިންމު މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ވަނީ ރަސްމީކޮށް ހަވާލުކޮށްފައެވެ.

މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާއިލް ހަމީދެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޖަމްޝީދެވެ.

މި މަޝްރޫއުގެ ދަށުން ބާރަށު ނެރާއި އަލަށް ހަދާ ބަނދަރުގެ ފަޅު ފުންކުރުމުގެ އިތުރުން ނެރުފައިކަށި ގާއިމުކުރުމާއި، އެއްގަމުތޮށި ލުމާއި، ރޭމްޕް ހެދުމުގެ މަސައްކަތް ކުރިއަށްދާނެއެވެ.

އޭގެ އިތުރުން، ޑިންގީ އެޅުމަށް ހާއްސަ ކޮންކްރީޓް ޖެޓީއެއް ގާއިމުކުރުމާއި، ގްރޮއިން ޖެހުމާއި، ބަނދަރުގެ ދެފަރާތުގެ ވެލިގަނޑު ހިފެހެއްޓުމަށް ރިވެޓްމަންޓް ޖެހުމުގެ މަސައްކަތްވެސް މި މަޝްރޫއުގައި ހިމެނެއެވެ.

އަދި ސޭންޑް ފިލްޑް ބްރޭކްވޯޓާ ގާއިމުކުރުމާއެކު މޫރިން ބޯއީ، ބަނދަރު ބައްތި އަދި ނެރު ބައްތި ހަރުކުރުމުގެ މުހިންމު މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ.

މި މަޝްރޫއުގެ މުޅި މަސައްކަތް އެއްކޮށް ނިންމާލުމަށް އެމްޓީސީސީއަށް ދީފައިވަނީ ޖުމްލަ 540 ދުވަހުގެ މުއްދަތެކެވެ.