ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ފަލަސްޠީނުގެ 17 އަހަރުން ދަށުގެ ޤައުމީ ޓީމަށް ކ. ގުރައިދޫއިން ކުލަގަދަ މަރުޙަބާއެއް!

ފަލަސްޠީނުގެ 17 އަހަރުން ދަށުގެ ޤައުމީ ޓީމް / ފޮޓޯ: ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް
ފަލަސްޠީނުގެ 17 އަހަރުން ދަށުގެ ޤައުމީ ޓީމް / ފޮޓޯ: ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް

އެފްސީ 17 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފިކޭޝަނަށް ތައްޔާރުވުމަށްޓަކައި، ދިވެހި ސަރުކާރާއި ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ދައުވަތަކަށް ރާއްޖެ އައި ފަލަސްޠީނުގެ 17 އަހަރުން ދަށުގެ ޤައުމީ ފުޓްބޯޅަ ޓީމަށް ކ. ގުރައިދޫއިން ވަރަށް ހޫނު އަދި ކުލަގަދަ މަރުޙަބާއެއް ކިޔައިފިއެވެ.

އަންގާރަ ދުވަހުގެ މެންދުރުގެ ވަގުތެއްގައި ފަލަސްޠީނުގެ ޒުވާން ޓީމު މާލެ އައުމަށްފަހު، ތަމްރީނު ކޭމްޕް ފުރިހަމަކުރުމަށް ހަމަޖެހިފައިވާ ކ. ގުރައިދޫއަށް ދިއުމުން އެ ރަށުގެ ބަނދަރު މައްޗަށް ގިނަ އަދަދެއްގެ ރައްޔިތުންނާއި ކައުންސިލްގެ އިސް ބޭފުޅުން ވަނީ އެއްވެފައެވެ. ފަލަސްޠީނުގެ ޒުވާން ކުޅުންތެރިންނަށް ހިތްވަރު ދިނުމަށާއި، ދިވެހި ރައްޔިތުންގެ ހިތްތަކުގައި ފަލަސްޠީނުގެ އަޚުންނަށް އޮތް މަތިވެރި ލޯތްބާއި އެއްބައިވަންތަކަން ހާމަކޮށްދިނުމުގެ ގޮތުން ކުރިއަށްގެންދިޔަ މި ހަރަކާތުގައި، ބޮޑުބެރުގެ ސަގާފީ އެކި ހަރަކާތްތަކާއެކު ޓީމަށް ވަނީ މަރުޙަބާ ދަންނަވާފައެވެ.

ފަލަސްޠީނުގެ 17 އަހަރުން ދަށުގެ ޤައުމީ ފުޓްބޯޅަ ޓީމަށް ގުރައިދޫއިންކީ ހޫނު އަދި ކުލަގަދަ މަރުޙަބާ / ފޮޓޯ: ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް

މި ފުރިހަމަ މެހެމާންދާރީއަށް ސޯޝަލް މީޑިއާގައާއި އެކި މަންސަތަކުގައި އާންމުންގެ ބޮޑު ތަރުހީބަކާއި ތައުރީފެއް ދަނީ ލިބެމުންނެވެ.

މިކަމާ ގުޅޭގޮތުން ގުރައިދޫ ކައުންސިލްގެ ރައީސް އިބްރާހިމް ޝަލީޒް ވިދާޅުވީ، ފަލަސްޠީނު ޓީމަށް ބޭނުންވާނެ އެހީތެރިކަން ފޯރުކޮށްދިނުމަށް ކައުންސިލް އޮތީ ސައްތައިން ސައްތަ ތައްޔާރަށް ކަމަށެވެ.

ފަލަސްޠީނުގެ 17 އަހަރުން ދަށުގެ ޤައުމީ ފުޓްބޯޅަ ޓީމަށް ގުރައިދޫއިންކީ ހޫނު އަދި ކުލަގަދަ މަރުޙަބާ / ފޮޓޯ: ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް

އެގޮތުން ޓީމުގެ ފަރިތަކުރުންތަކަށް ރަށުގެ ފުޓުބޯޅަ ދަނޑު ހުރިހާ ވަގުތެއްގައި ލިބޭނެ ގޮތް ހަދާފައިވާއިރު، ޓީމުގެ ރިކަވަރީއަށް ބޭނުންކުރުމަށް ރަށުގެ ބީޗް ސަރަހައްދު ވެސް ވަނީ ތައްޔާރުކޮށްދީފައެވެ.

އަދި މިފަދަ ފުރުސަތެއް ރަށަށް ލިބުމަކީ ލިބުނު ބޮޑު އުފަލެއް ކަމަށާއި، ޓީމަށް މަރުހަބާ ކިޔުމުގެ ގޮތުން ރާއްޖޭގެ ސަގާފަތް ދައްކާލުމަށް "މޯލްޑިވިއަން ނައިޓް" އެއް ބޭއްވުމުގެ ތައްޔާރީތައް ވަމުންދާ ކަމަށް ވެސް ރައީސް ހާމަކުރެއްވިއެވެ.

ފަލަސްޠީނުގެ 17 އަހަރުން ދަށުގެ ޤައުމީ ފުޓްބޯޅަ ޓީމަށް ގުރައިދޫއިންކީ ހޫނު އަދި ކުލަގަދަ މަރުޙަބާ / ފޮޓޯ: ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް

ފަލަސްޠީނުގެ ޓީމަށް ގުރައިދޫ ކައުންސިލާއި ރަށުގެ ރައްޔިތުން ބެހެއްޓި ގާތްކަމާއި، ދެއްކެވި ފުރިހަމަ މެހެމާންދާރީއަށް ސޯޝަލް މީޑިއާގައާއި އެކި މަންސަތަކުގައި އާންމުންގެ ބޮޑު ތަރުހީބެއް ދަނީ ލިބެމުންނެވެ. ގިނަ ބަޔަކު ދެކޭގޮތުގައި މިއީ ދިވެހިންގެ ހިތްހެޔޮކަމާއި ފަލަސްޠީނުގެ މައްސަލާގައި ދިވެހިން ތިބި ސާބިތުކަން ހާމަކޮށްދިން ރީތި މިސާލެކެވެ.

މި ތަމްރީނު ކޭމްޕުގެ ތެރެއިން ފަލަސްޠީނުގެ ޓީމުން ރާއްޖޭގެ 17 އަހަރުން ދަށުގެ ޤައުމީ ޓީމާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅުމަށް ވެސް ވަނީ ހަމަޖެހިފައެވެ. ކުޅިވަރުގެ ދާއިރާއިން ކުރިއަށްދާ މިފަދަ ތަމްރީނު ކޭމްޕްތަކާއި ބައްދަލުވުންތަކުގެ ސަބަބުން، ދެ ޤައުމުގެ ދެމެދުގައި އޮތް ކުޅިވަރުގެ ގުޅުންތަކާއި ޒުވާނުންގެ މެދުގައި އޮންނަ އެކުވެރިކަން އިތުރަށް ބަދަހިވެ، ހަރުދަނާވެގެންދާނެ ކަމަށް ބެލެވެއެވެ

ފަލަސްޠީނުގެ 17 އަހަރުން ދަށުގެ ޤައުމީ ފުޓްބޯޅަ ޓީމަށް ގުރައިދޫއިންކީ ހޫނު އަދި ކުލަގަދަ މަރުޙަބާ / ފޮޓޯ: ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް