ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ނޫސް މަޖައްލާތައް އަލުން ރަޖިސްޓްރީ ކުރަން ދިން މުއްދަތު އެމްއެމްބީސީން އިތުރުކޮށްފި

ނޫސް މަޖައްލާތައް އަލުން ރަޖިސްޓްރީ ކުރަން ދިން މުއްދަތު އެމްއެމްބީސީން އިތުރުކޮށްފި

ރާއްޖޭގައި ހިންގާ ނޫސް މަޖައްލާތައް އަލުން ރަޖިސްޓްރީ ކުރުމަށް ދީފައިވާ މުއްދަތު އަންނަ އަހަރުގެ ޖަނަވަރީ މަހުގެ ނިޔަލަށް އިތުރުކޮށްދިނުމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން (އެމްއެމްބީސީ) އިން ނިންމައިފިއެވެ.

ކުރިން ކަނޑައަޅާފައި އޮތް މުއްދަތު މިއަދުގެ ނިޔަލަށް ހަމަވާތީ، މީޑިއާތަކަށް އިތުރު ފުރުސަތެއް ދިނުމުގެ ގޮތުން އިތުރު ތިން މަސްދުވަސް ދޭން އެ ކޮމިޝަނުން ވަނީ ނިންމާފައެވެ. އެއާއެކު، ސުންގަޑިއެއްގެ ގޮތުގައި މިހާރު ހަމަޖައްސާފައިވަނީ 28 ޖަނަވަރީ 2027 ވާ ބުދަ ދުވަހުގެ ރޭގަނޑު 23:59 އެވެ. އަދި ކަނޑައެޅިފައިވާ ތާރީޚުގެ ފަހުން ރީ-ރަޖިސްޓްރީ ނުކުރާ ތަންތަނުގެ ރަޖިސްޓްރީ އައު ގަވާއިދުގެ ދަށުން ބާތިލުވާނެ ކަމަށް އެމްއެމްބީސީން ހާމަކުރެއެވެ.

ނޫސް މަޖައްލާތައް ރަޖިސްޓްރީކޮށް ދަފްތަރު ބެލެހެއްޓުމުގެ މަސްއޫލިއްޔަތު އެމްއެމްބީސީއާ ހަވާލުވީ، އެ ކޮމިޝަނުގެ ގާނޫނު ވުޖޫދުވުމާ ގުޅިގެންނެވެ. އޭގެ ކުރިން އެ މަސައްކަތް ކުރަމުން އައީ ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކުން ކަމަށްވާއިރު، އެމްއެމްބީސީން މިހާރު ވަނީ ނޫސް މަޖައްލާތައް ރަޖިސްޓްރީ ކުރުމާއި ހިންގުމުގެ އުސޫލުތައް ބަޔާންކުރާ އައު ގަވާއިދެއް އެކުލަވާލައި އާންމުކޮށްފައެވެ.

އައު ގަވާއިދުގެ ދަށުން ނޫސް މަޖައްލާތައް ހަތަރު ގިންތިއަކަށް ބަހާލާފައިވެއެވެ. އެއީ ނޫސްތަކާއި، މަޖައްލާ، ނިއުސްލެޓަރ އަދި ޖާނަލްއެވެ. މި ބާވަތްތައް ޕްރިންޓްކޮށްގެންނާއި، ވެބްސައިޓް، ސޯޝަލް މީޑިއާ، އެޕްލިކޭޝަން އަދި އިލެކްޓްރޯނިކް މީޑިއާ މެދުވެރިކޮށް ހިންގުމުގެ ފުރުސަތު އޮންނާނެއެވެ. އަދި ގަވާއިދަށް އަމަލުކުރަން ފަށާތާ ހަ މަސް ދުވަހުގެ ތެރޭގައި މިހާރު ރަޖިސްޓްރީކޮށްފައިވާ ހުރިހާ ތަނެއް އަލުން ރަޖިސްޓްރީކޮށް ރެކޯޑުތައް އަދާހަމަކުރަންޖެހެއެވެ.

ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ވިޔަފާރިތަކަށާއި ކޯޕަރޭޓިވް ސޮސައިޓީތަކަށް ވެސް ނޫސް މަޖައްލާ ރަޖިސްޓްރީ ކުރުމުގެ ފުރުސަތު މި ގަވާއިދުން ލިބިދެއެވެ. ނަމަވެސް ވަކި އިދާރާއެއްގެ މައުލޫމާތު ގެނެސްދިނުމަށް ނުވަތަ މުވައްޒަފުންނަށް ޚާއްސަކޮށްގެން ނެރޭ ކުދި މަޖައްލާތައް މި ގަވާއިދުން އިސްތިސްނާވާނެއެވެ.

މި ގަވާއިދުގެ ދަށުން ނޫސް މަޖައްލާއެއް ރަޖިސްޓްރީ ކޮށްދެނީ ފަސް އަހަރު ދުވަހުގެ މުއްދަތަށެވެ. އަދި ރަޖިސްޓްރީގެ މުއްދަތު ހަމަވުމުގެ 90 ދުވަސް ކުރިން އައުކުރަން ހުށަހަޅަންޖެހޭއިރު، ޝާއިއުކުރުން ހުއްޓާލާތާ 12 މަސް ދުވަހުގެ ތެރޭގައި ރަޖިސްޓްރީ ބާތިލުވާނެ ކަމަށްވެސް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.