ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ފޯމިއުލާ އީ އާއި ގޫގުލް ކްލައުޑް ގުޅިގެން ލޯފަން މީހުންނަށް ޚާއްސަ ތަފްސީލީ އޯޑިއޯ ތައްޔާރުކުރަނީ

ފޯމިއުލާ އީ 2025 ޖެޑާ އީ-ޕްރީގެ ތެރެއިން / ފޮޓޯ އޭ ބީބީ ފޯމިއުލާ އީ ވޯލްޑް ޗެމްޕިއަންޝިޕް
ފޯމިއުލާ އީ 2025 ޖެޑާ އީ-ޕްރީގެ ތެރެއިން / ފޮޓޯ އޭ ބީބީ ފޯމިއުލާ އީ ވޯލްޑް ޗެމްޕިއަންޝިޕް

ފޯމިއުލާ އީ އާއި ގޫގުލް ކްލައުޑްއިންވަނީ،  ލޯފަން އަދި ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މޯޓަރސްޕޯޓްގެ ކުޅިވަރުތައް ފަސޭހައިން އަޑުއަހާލެވޭނެ ރިޕޯޓުތަކެއް ތައްޔާރުކުރުމަށް ފަށާފައެވެ.

ލަންޑަނުގައި ބޭއްވުނު ގޫގުލް ކްލައުޑް ސަމިޓުގައި ފޯމިއުލާ އީގެ ސީއީއޯ ޖެފް ޑޮޑްސް ހާމަކުރި މި މަޝްރޫޢުގައި، ގޫގުލް ކްލައުޑްގެ ޖެނެރޭޓިވް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ކޮންމެ އީ-ޕްރީ ރޭހެއްގެެއްގެ ތަފްސީލީ، ގިނަ ބަސްތަކުން އޯޑިއޯ ރިޕޯޓުތަކެއް އުފައްދާނެއެވެ. މި ރިޕޯޓުތަކުން ރޭހުގެ ފޯރިއާއި މުހިންމު ވަގުތުތައް ހިމެނޭ ހަލުވި ޚުލާސާއެއް ފޯރުކޮށްދޭނެއެވެ. އަދި ރޭހުގެ ނިމުމުގެ ކުޑައިރުކޮޅެއްގެ ތެރޭގައި މި ރިޕޯޓުތައް ލިބެން ހުންނާނެއެވެ.

މިއީ ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބޭނުންތަކަށް ފެތޭގޮތަށް  ރޯޔަލް ނެޝަނަލް އިންސްޓިޓިއުޓް އޮފް ބްލައިންޑް ޕީޕަލް (އާރްއެންއައިބީ) އާ ގާތުން މަސައްކަތްކޮށްގެން ތައްޔާރުކުރެވޭ އެއްޗެކެވެ. ފޯމިއުލާ އީ އާއި ގޫގުލް ކްލައުޑް، ކުރިއަށް އޮތް ބަރލިން އަދި ލަންޑަން ރޭސް ވީކެންޑްތަކުގައި ފޯކަސް ގްރޫޕްތަކާއި ބޭނުންކުރާ ފަރާތްތަކުގެ ޓެސްޓިންގ ހިންގުމަށް އާރްއެންއައިބީއާއެކު މަސައްކަތްކުރާނެއެވެ. އަދި ފޯމިއުލާ އީގެ ސީޒަން 12 ގައި މި ޚިދުމަތް ފުރިހަމައަށް ތަޢާރަފުކުރުމަށް ވަނީ ރޭވިފައެވެ.

ފޯމިއުލާ އީގެ ސީއީއޯ ޖެފް ޑޮޑްސް ވިދާޅުވީ: "ފޯމިއުލާ އީގައި، އަޅުގަނޑުމެން ގަބޫލުކުރަނީ އިލެކްޓްރިކް ރޭސިންގގެ ފޯރި އެންމެންނަށް ލިބެންވާނެ ކަމަށެވެ. ގޫގުލް ކްލައުޑްއާއެކު މި އައު އީޖާދީ މަސައްކަތަކީ ޓެކްނޮލޮޖީ ހެޔޮގޮތުގައި ބޭނުންކުރެވޭނެ ގޮތުގެ ރަނގަޅު މިސާލެކެވެ. މިއީ ލޯފަން އަދި ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފޭންސްއަށް އަޅުގަނޑުމެންގެ ކުޅިވަރުގެ ފޯރިއާއި އުފާވެރިކަން ތަޖުރިބާކުރެވޭނެ އައު ގޮތެކެވެ."

މިޓެކްނޮލޮޖީ މަސައްކަތްކުރަނީ ކިހިނެއް؟

އޯޑިއޯ ރިޕޯޓު އުފައްދަނީ ގޫގުލް ކްލައުޑްގެ އޭއައި ޕްލެޓްފޯމް ވަރޓެކްސް އޭއައި ބޭނުންކޮށްގެން ގިނަ މަރުހަލާތަކެއްގެ ތެރެއިންނެވެ:

1. ޓްރާންސްކްރިޕްޝަން: ގޫގުލްގެ ޗަރޕް މޮޑެލް ބޭނުންކޮށްގެން ލައިވް ރޭސް ކޮމެންޓަރީ ސީދާ ލިޔުމަށް ބަދަލުކުރެވެއެވެ.

2. ދިރާސާކުރުމާއި އުފެއްދުން: ދެން ގޫގުލްގެ ޖެމިނައި މޮޑެލްތައް ބޭނުންކޮށްގެން ލިޔުމަށް ބަދަލުކުރެވުނު ކޮމެންޓަރީއާއި ލައިވް ޓައިމިންގ ޑޭޓާ އަދި އެހެނިހެން ރަސްމީ ރޭސް މަޢުލޫމާތު ދިރާސާކުރެވެއެވެ. އޯޑިއޯ ރިޕޯޓުން މުހިންމު ހާދިސާތައް - މިސާލަކަށް އޯވަރޓޭކްކުރުން، އެކްސިޑެންޓްތައް، އަދި ސްޓްރެޓެޖިކް ޕިޓް ސްޓޮޕްތައް - ފާހަގަކޮށް، ހަގީގަތްތަކަށް ބިނާކޮށް، ޝައުގުވެރިކަން ހުރި ރޭސް ޚުލާސާއެއް އުފައްދައެވެ.

3. އޯޑިއޯ އުފެއްދުން: އެންމެ ފަހު މަރުހަލާގައި، ލިޔުން ޒަމާނީ ޓެކްސްޓް-ޓު-ސްޕީޗް ޓެކްނޮލޮޖީ ބޭނުންކޮށްގެން ޠަބީޢީ، ތަޢުބީރުކޮށްދޭ އަޑަކަށް ބަދަލުކުރެވެއެވެ. މިގޮތުން ފުރިހަމަ އޯޑިއޯ ރިޕޯޓެއް ތައްޔާރުކުރެވި ބެހުމަށް ތައްޔާރުވެއެވެ.

މުޅި މަސައްކަތް ނިމެނީ ރޭސް ނިމޭތާ މިނެޓުތަކެއްގެ ތެރޭގައެވެ. މި ރިޕޯޓުތައް ދުނިޔޭގެ ހުރިހާ ކަންކޮޅުތަކުގައި ސްޕޮޓިފައި އަދި އެހެނިހެން މަޝްހޫރު އޯޑިއޯ ޕްލެޓްފޯމްތަކުގައި 15 އަށްވުރެ ގިނަ ބަސްތަކުން ލިބެން ހުންނާނެއެވެ. މީގެ ތެރޭގައި އިނގިރޭސި، ސްޕެނިޝް، ފްރެންޗް، ޖަރުމަން، މެންޑަރިން އަދި ޢަރަބި ބަސް ހިމެނެއެވެ.