ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ނަތަންޔާހޫގެ ބާރު ކެނޑެނީ: ވެރިކަމުގެ ތަޅުދަނޑި އަރަބިންގެ އަތަށް!

ނަތަންޔާހޫ ފުން ވިސްނުމެއްގައި. / ފޮޓޯ ކްރެޑިޓް: އެސޯސިއޭޓެޑް ޕްރެސް
ނަތަންޔާހޫ ފުން ވިސްނުމެއްގައި. / ފޮޓޯ ކްރެޑިޓް: އެސޯސިއޭޓެޑް ޕްރެސް

އިޒްރޭލުގައި އިއްޔެ ބޭއްވި އާންމު އިންތިހާބުގެ އެގްޒިޓް ޕޯލްތަކުގެ ނަތީޖާ ދައްކާގޮތުން، ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ބްލޮކަށް ކްނެސެޓްގެ އަޣުލަބިއްޔަތު ގެއްލި، ސަރުކާރެއް އެކުލަވައިލުމުގެ ނިންމުން އަރަބި ޕާޓީތަކުގެ އަތްމައްޗަށް ހިނގައްޖެއެވެ.

އިންތިހާބަށްފަހު ނެރުނު ލަފާކުރުންތަކުން އެއްވެސް ބޮޑު ބްލޮކަކަށް ސާފު އަޣުލަބިއްޔަތެއް ލިބޭނެ ކަމަށް ނުދައްކާ ދަނޑިވަޅެއްގައި، ޔުނައިޓެޑް އަރަބް ލިސްޓްގެ ލީޑަރު މަންސޫރު އައްބާސް ބުދަ ދުވަހުގެ ފަތިހު އިޒްރޭލުގެ ޗެނަލް 12 އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، ނަތަންޔާހޫގެ ވެރިކަން ބަދަލުކުރުމަށްޓަކައި އިދިކޮޅު ފަރާތްތަކާ އެކު މަސައްކަތް ކުރުމުގެ އުންމީދު ބޮޑު ކަމަށެވެ. އަދި ރާމް ޕާޓީއާ ގުޅިގެން ސަރުކާރެއް އެކުލަވައިލުމަށް ބޭނުންވާ 61 ގޮނޑި ހަމަކުރެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

ޗެނަލް 12 ގެ އެގްޒިޓް ޕޯލްތައް ދައްކާގޮތުން 120 ގޮނޑި ހިމެނޭ ޕާލަމެންޓުން އަރަބި ޕާޓީތަކުން ޖުމްލަ 18 ގޮނޑި ކާމިޔާބު ކުރާނެއެވެ. ގާދީ އެއިޒެންކޮޓް އިސްކޮށް ހުންނަވާ އިދިކޮޅު ބްލޮކަށް 52 ގޮނޑި ލިބޭނެ ކަމަށް ދައްކާއިރު، ނަތަންޔާހޫގެ ބްލޮކަށް ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ 50 ގޮނޑިއެވެ. އެހެންކަމުން ދެ ބްލޮކުން ކުރެ އެއްވެސް ބަޔަކަށް އަރަބި ޕާޓީތަކާ ނުލައި ސަރުކާރެއް އެކުލަވައިލެވޭނެ މަގެއް ނެތެވެ.

މި ފަހަރުގެ އިންތިހާބުގައި އަރަބި ނަސްލުގެ ވޯޓާރުންގެ 80 އިންސައްތަ މީހުން ވޯޓުލާން ނުކުމެފައިވާ އިރު، މިއީ ކުރިން އޮތް މާޔޫސްކަން ބޮޑު އުންމީދަކަށް ބަދަލުވެގެންދިޔަ ކަމެއް ކަމަށް އައްބާސް ވިދާޅުވިއެވެ. އިންތިހާބުގެ ލަފާކުރުންތަކާ އެކު އަރަބި އިއްތިހާދު "ޖޮއިންޓް ލިސްޓް" ގެ ސަޕޯޓަރުން ނާޒަރަތުގައި ހުންނަ އެ ޕާޓީގެ މައި މަރުކަޒަށް އެއްވެ، ގައުމީ ސަލާމަތާ ބެހޭ ވަޒީރު އިތަމާރު ބެން-ގްވީރާ ދެކޮޅަށް އަޑުއުފުލައި އުފާފާޅުކޮށްފައިވެއެވެ. ޖޮއިންޓް ލިސްޓުގެ ލީޑަރު ޔޫސުފް ޖަބާރީން ވިދާޅުވީ، މި ނަތީޖާއިން ހާމަވަނީ ގައުމަށް ބަދަލެއް ގެނެވޭ ފަދަ ވަރުގަދަ ބާރެއް ބިނާކުރުމަށް އެ ޕާޓީން ކަނޑައެޅި އަމާޒު ހާސިލުވެފައިވާ ކަމަށެވެ.

އިޒްރޭލުގެ ސެންޓްރަލް އިލެކްޝަންސް ކޮމިޓީން ހާމަކޮށްފައިވާ ގޮތުގައި މި އިންތިހާބުގައި ޖުމްލަ 77.7 އިންސައްތަ މީހުން ވޯޓުލާފައިވެއެވެ. މިއީ 1999 ވަނަ އަހަރަށް ފަހު އެ ގައުމުގައި ވޯޓުލާން އެންމެ ގިނަ އަދަދަކަށް މީހުން ނުކުތް ފަހަރެވެ. އަންގާރަ ދުވަހުގެ ރޭ ވޯޓުލުން ބަންދުކުރުމާ އެކު ރަސްމީކޮށް ވޯޓު ގުނުމުގެ މަސައްކަތް ފަށާފައިވާއިރު، ކޮމިޓީން ވަނީ އެގްޒިޓް ޕޯލްތަކަކީ ހަމައެކަނި ލަފާކުރުންތަކެއް ކަމަށާއި ރަސްމީ ނަތީޖާ ނޫންކަން ހަނދާންކޮށްދީފައެވެ.