ތަޢުލީމީ ނިޒާމުން ބާކީވެފައިވާ ދަރިވަރުންނަށް ހޯމް ސްކޫލިންއާއެކު އައު އުންމީދެއް ލިބޭނެ: މަމްދޫހު
ތަޢުލީމުގެ ޤާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިޞްލާޙުގެ ސަބަބުން، އެކި ޙާލަތްތަކާ ހުރެ އާންމު ތަޢުލީމީ ނިޒާމުގެ ތެރެއިން ފުރުޞަތު ގެއްލިފައިވާ އެތައް ދަރިވަރުންނަކަށް ޤާނޫނީ ހިމާޔަތާއެކު އުނގެނުމުގެ އައު ދޮރެއް ހުޅުވި އާއުންމީދެއް ލިބިގެންދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫހު (މަންޑޭ) ވިދާޅުވެއްޖެއެވެ.
ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމް ހުށަހެޅުއްވި މި ބިލަށް މަޖިލީހުގެ ތަޅުމުގައި ބަހުސްކުރައްވަމުން މަމްދޫހު ވިދާޅުވީ، މިއީ ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް ކޮންމެހެން ގެންނަންޖެހިފައިވާ މުހިންމު ބަދަލެއް ކަމަށެވެ. ޚާއްޞަކޮށް ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނާއި، ނަފްސާނީ އެކި ޙާލަތްތަކުގެ ސަބަބުން އާންމު ސްކޫލުތަކަށް ސީދާ ހާޟިރުވެގެން ކިޔެވުމަށް އުނދަގޫވާ ދަރިވަރުންނަށް ގޭގައި ތިބެގެން މަދަރުސީ ތަޢުލީމު ޙާޞިލުކުރެވޭނެ އިންތިޒާމު ހަމަޖެހުމަކީ އެތައް ޢާއިލާއަކަށް ލިބިގެންދާނެ ބޮޑު ހިތްހަމަޖެހުމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
އެކި ސަބަބުތަކާ ހުރެ ސްކޫލަށް ނުދެވޭ ކުދިންނަށް ތަޢުލީމު ފޯރުކޮށްދިނުމުގައި މިހާތަނަށް ޤާނޫނީ އަދި އިދާރީ ގޮތުން ބޮޑެތި ހުރަސްތަކެއް ހުރިކަން މަމްދޫހު ފާހަގަކުރެއްވިއެވެ. އަދި ބެލެނިވެރިން އެދެމުންދިޔަ ނަމަވެސް އެފަދަ ފުރުޞަތުތައް ބަންދުވެފައި އޮތުމުގެ ސަބަބުން އެތައް ކުދިންނެއް ތަޢުލީމީ ނިޒާމުގެ ތެރެއިން ބާކީވާންޖެހުނު ކަމަށް ވިދާޅުވިއެވެ. ނަމަވެސް މި އިޞްލާޙާއެކު އެ ކުދިންނަށް ޤާނޫނީ ބާރުވެރިކަމާއެކު އުނގެނުމުގެ ޙައްޤު ކަށަވަރުވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
Ads by BMLތަޢުލީމީ ދާއިރާ ހަރުދަނާކުރުމަށް ކުރެވެމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން، މި ނިޒާމުގައި ހުރި އިދާރީ މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން އިސްކަންދީގެން މަސައްކަތް ކުރަމުންދާކަން މަމްދޫހު ފާހަގަކުރެއްވިއެވެ. އެގޮތުން ސްކޫލްތަކުގެ ރަޖިސްޓްރީއާއި އިންތިޒާމުތައް ހަރުދަނާކޮށް، ދަރިވަރުންނަށް އެންމެ އެކަށޭނެ ތަޢުލީމީ މާޙައުލެއް ބިނާކުރުމަށް ފިޔަވަޅުތައް އަޅަމުންދާކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން މަތީ ތަޢުލީމު ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ފުޅާކުރުމުގެ މުހިންމުކަމާ ބެހޭގޮތުން ވާހަކަައްކަވަމުން، އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) ގެ ކެމްޕަސްތައް އަތޮޅުތެރޭގައި ތަރައްޤީކޮށް އިންފްރާސްޓްރަކްޗަރ ވަސީލަތްތައް ފުޅާކުރުމަށް ކުރެވެމުންދާ މަސައްކަތްތަކަށްވެސް އޭނާ އަލިއަޅުއްވާލެއްވިއެވެ. މަމްދޫހު ވަނީ މި ބިލުގެ ބަހުސް ކޮމިޓީ މަރުޙަލާގައި ކުރިއަށް ގޮސް، އަވަސް ޙައްލެއް ލިބިގެންދާނެ ކަމަށް އުންމީދުކުރައްވާކަން ހާމަކުރައްވާފައެވެ.
Ads by MACL
