ކުރަނގި އޮޕަރޭޝަން: މާލެ ސަރަހައްދުން މިއަދު 1400 އަށްވުރެ ގިނަ ބިދޭސީންގެ މަޢުލޫމާތު ހޯދައިފި
ބިދޭސީންގެ މަޢުލޫމާތު އެއްކުރުމަށް މާލެ ސަރަހައްދުގައި ކުރިއަށްގެންދިޔަ އޮޕަރޭޝަންގައި 1400 އަށް ވުރެ ގިނަ ބިދޭސީންގެ މަޢުލޫމާތު އެއްކޮށްފައިވާކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
"އޮޕަރޭޝަން ކުރަނގި" ކުރިއަށްގެން ގޮސްފައިވަނީ މިއަދު ހެނދުނު 8 އިން އިރުއޮއްސި 6 ޖެހުމާހަމައަށެވެ. މި އޮޕަރޭޝަނުގައި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ 75 އޮފިޝަލުން ބައިވެރިވިއެވެ.
މި އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ ތަޢުލީމީ ދާއިރާގައި މަސައްކަތްކުރާ ބިދޭސީންގެ އިތުރުން ތިލަމާލެ ބްރިޖް މަސައްކަތް ކުރިއަށްދާ ގުޅިފަޅު ސައިޓްގައި އުޅޭ ބިދޭސީންގެ މަޢުލޫމާތު އެއްކުރުމަށެވެ. ދާޚިލީ ވުޒާރާއިން ވިދާޅުވީ މިއަދުގެ އޮޕަރޭޝަންގައި 1455 ބިދޭސީންގެ މަޢުލޫމާތު އެއްކޮށްފައިވާކަމަށެވެ. އޭގެތެރޭގައި މާލެ ސަރަޙައްދުގައި ތަޢުލީމު ފޯރުކޮށްދޭ ތަންތަނުން 697 ބިދޭސީއެއްގެ މަޢުލޫމާތު ވަނީ ނަގާފައެވެ. އަދި ގުޅިފަޅު ބްރިޖް ސައިޓުން އެފްކޮންސްގެ 758 ބިދޭސީއެއްގެ މަޢުލޫމާތުވެސް ނަގާފައިވާކަމަށް ދާޚީލީ ވުޒާރާއިން ވިދާޅުވެއެވެ. މީގެއިތުރުން މަޢުލޫމާތު އެއްކުރި ބިދޭސީންގެ ތެރެއިން ޤަވައިދާ ޚިލާފަށް އުޅޭކަމަށް ބެލެވޭ ބިދޭސީއަކު ދެނެގަނެވިފައިނުވާކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.
Ads by BMLދާޚިލީ ސަލާމަތާ ބެހޭ ވުޒާރާއިން ވިދާޅުވީ މިއަދު ކުރިއަށް ގެންދިޔަ އޮޕަރޭޝަންގެ ތެރެއިން ހިއުމަން ޓްރެފިކިން ސްކްރީންނިންވެސް ކުރިއަށް ގެންދިޔަކަމަށާއި ކުރިއަށް އޮތްތަނުގައި "ކުރަނގި އޮޕަރޭޝަން"ގެ ތެރެއިން ހިއުމަން ޓްރެފިކިންއަށް ސްކްރީން ކުރަމުންދާނެކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ މަޢުލޫމާތު އެއްކުރުމަށް ކުރިއަށްގެންދާ އޮޕަރޭޝަން ކުރަނގީގައި މިހާތަނަށް 25483 ބިދޭސީއެއްގެ ބަޔޯމެޓްރިކް ޑޭޓާ އެއްކޮށްފައިވާކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވުޒާރާއިން ވިދާޅުވިއެވެ.
ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކުރާ މަސައްކަތުގެ ފުރަތަމަ މަރުހަލާގެ ދަށުން "އޮޕަރޭޝަން ކުރަނގި" ފަށާފައިވަނީ މިދިޔަ އަހަރުގެ މެއި މަހުގެ 2 ވަނަ ދުވަހުއެވެ.
އޮޕަރޭޝަން ކުރަނގީގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގައި ޤަވާއިދާ ޚިލާފަށް ދިރިއުޅެމުންދާ ބިދޭސީ މަސައްކަތްތެރިންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމެވެ. އެގޮތުން ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ އިނގިލީގެ ނިޝާން ނެގުމާއި އެ ބިދޭސީ މީހާ ވަޒީފާ އަދާކުރަނީ ރާއްޖޭގައި ހެދިފައިހުރި ޤަނޫނާއި ޤަވާއިދުގެ ދަށުންތޯ މި އޮޕަރޭޝަނުގެ ތެރެއިން ޔަގީންކުރާނެއެވެ.
މި އޮޕަރޭޝަނަށް ބޭނުންވާ މަޢުލޫމާތު އެއްކުރަނީ ކައުންސިލް އިދާރާތަކުގައި ބިދޭސީންގެ ބަޔޯ މެޓްރިކްސް ނެގުމުގެ އިންތިޒާމު ޤާއިމްކޮށްގެންނެވެ. އެ މައުލޫމާތުގެ އަލީގައި ބިދޭސީންގެ މައި ދަފްތަރެއް އެކުލަވާލާނެ ކަމަށް ދާޚިލީ ސަލާމާތައި ފަންނިއްޔާތާ ބެހޭ ވަޒީރު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.
Ads by MACL
