ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މާކެޓްޕްލޭސް މެދުވެރިކޮށް ސްކޭމް ހިންގި ދެ މައްސަލައެއްގައި 3 މީހުން ހައްޔަރުކޮށްފި

އޮންލައިންކޮށް މުދާ ވިއްކާކަމަށް ބުނެ ހިންގާ ފޭކް ލިސްޓިންގ ސްކޭމްތަކަށް ސަމާލުވުމަށް ނެރެފައިވާ އިންޒާރު
އޮންލައިންކޮށް މުދާ ވިއްކާކަމަށް ބުނެ ހިންގާ ފޭކް ލިސްޓިންގ ސްކޭމްތަކަށް ސަމާލުވުމަށް ނެރެފައިވާ އިންޒާރު

މުދާ ވިއްކާނެކަމަށް ބުނެ ފޭސްބުކް މާކެޓްޕްލޭސް މެދުވެރިކޮށް މަކަރާއި ހީލަތުން ފައިސާ އަތުލި ދެ މައްސަލައަކާ ގުޅިގެން ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ފުލުހުންގެ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި މި ދެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ ނ. ހޮޅުދޫ، ހީނާގެ، ޢަލީ އައްފާން (32އ) އާއި، ނ. ހޮޅުދޫ، ޕްލާޒާ، މުހައްމަދު ހަމީދު (34އ) އަދި ނ. ވެލިދޫ، ވީނަސް، ހައްސާނު ޢަލީ (34އ) އެވެ.

މި ތިން މީހުންގެ ތެރެއިން ހައްސާނު ޢަލީ ހައްޔަރުކޮށްފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 2 ވަނަ ދުވަހު ފޭސްބުކް މާކެޓްޕްލޭސްއިން ދިމާވި މީހަކަށް ޑިންގީއެއް ވިއްކާނެ ކަމަށް ބުނެ އޮޅުވާލައިގެން 30,000 ރުފިޔާ އަތުލި މައްސަލައެއްގައެވެ. އޭނާ މި މަހުގެ 25 ވަނަ ދުވަހު ނ. ވެލިދޫއިން ހައްޔަރުކޮށް، ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ބަންދަށް ވަނީ 15 ދުވަސް އިތުރުކޮށްދީފައެވެ.

އަނެއް ދެ މީހުން ކަމަށްވާ ޢަލީ އައްފާންއާއި މުހައްމަދު ހަމީދު ހައްޔަރުކުރީ މިދިޔަ އޮގަސްޓް މަހުގެ 7 ވަނަ ދުވަހު ފޭސްބުކް މާކެޓްޕްލޭސްގައި އިންޖީނެއް ވިއްކާ ކަމަށް ބުނެ، މަކަރާއި ހީލަތުން 30,000 ރުފިޔާ އަތުލި މައްސަލައެއްގައެވެ. މި ދެ މީހުން މި މަހުގެ 24 ވަނަ ދުވަހު ނ. ހޮޅުދޫއިން ހައްޔަރުކޮށް ކޯޓަށް ހާޒިރުކުރުމުން، ދެ މީހުންގެ ބަންދަށް ވެސް ކޯޓުން ވަނީ 15 ދުވަސް ޖަހާދީފައެވެ.
މި ދެ މައްސަލަ ވެސް ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.