ނުފޫޒުން އެއްކިބާވެ ހުކުމް ކުރުމަށް ފަނޑިޔާރުންގެ މުސާރަ ބޮޑުކުރަންޖެހޭ: ސަލީމް
ކޯޓުތަކުން ކުރާ ހުކުމްތަކަކީ އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތި އިންސާފުވެރިކަމާއެކު ނެރޭ ނިންމުންތަކަކަށް ހެދުމަށްޓަކައި ފަނޑިޔާރުންނަށް އެކަށީގެންވާ ރަނގަޅު މާލީ އިނާޔަތްތަކާއި މުސާރައެއް ދޭންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އޭދަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމް ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ސަލީމް ފާހަގަކުރެއްވީ، ޝަރީއަތްތަކުގެ ނިންމުންތައް ވަކި ކޮޅަކަށް އަނބުރާލުމުގެ މަގުސަދުގައި ތަފާތު ނުފޫޒުތައް ފޯރުވައި އެކި ކަންކަން ހުށަހަޅަމުންދާ މަންޒަރު ފެންނަމުންދާ ކަމަށެވެ. އަދި ފަނޑިޔާރުންނަކީ އެފަދަ ނޭދެވޭ އަސަރުތަކުން އެއްކިބާވެ ތިބޭނެ ބަޔަކަށް ހެދޭނީ އެބޭފުޅުންގެ ދިރިއުޅުމުގެ ފެންވަރަށް ބޭނުންވާވަރަށް މާލީ ރައްކާތެރިކަން ކަށަވަރުކޮށްދީގެން ކަމަށާއި، އެނޫން ގޮތަކަށް އިންސާފުވެރިކަމާއެކު ޝަރީއަތް ހިންގުމަށް އަބަދުވެސް ގޮންޖެހުންތައް ހުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މިކަމާ ގުޅޭގޮތުން އިސްލާމީ ތާރީޚުން މިސާލު ނަންގަވަމުން، އުމަރުގެފާނުގެ ޚިލާފަތުގައި ވެސް ފަނޑިޔާރުންނާއި ގާޒީންގެ މުސާރައަށް އިސްކަންދެއްވިކަން ސަލީމް ފާހަގަކުރެއްވިއެވެ. އެގޮތުން އެކަލޭގެފާނު އަމިއްލަފުޅަށް 50 ދީނާރުގެ މުސާރައެއް ކަނޑައެޅުއްވިއިރު، އެންމެ މަތީ މަގާމެއްގެ ގޮތުގައި ބައްލަވައި ގާޒީންނަށްވެސް ހަމަޖެއްސެވީ އެވަރުގެ މުސާރައެއް ކަމަށް އޭނާ ވިދާޅުވިއެވެ.
Ads by BMLއޭގެ އިތުރުން ޖުޑީޝަރީގެ މުހިންމުކަން ބައެއް ބޭފުޅުންނަށް އެންމެ ރަނގަޅަށް ސާފުވެފައި ނުވާކަން ފާހަގަކުރައްވަމުން، އެއްވެސް ނުފޫޒެއް ނެތި މިނިވަންކަމާއެކު އިންސާފުވެރި ހުކުމްތައް ނެރުމުގެ މަގުފަހިކުރުމަށްޓަކައި ފަނޑިޔާރުންނަށް ދޭންޖެހޭ މުސާރައާއި އިނާޔަތްތައް ފުރިހަމައަށް ހަމަޖައްސައިދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްގެ ގޮތުގައި ސަލީމް ވިދާޅުވިއެވެ.
Ads by MACL
