އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށަހެޅުމުގެ ޚާއްޞަ ޖަލްސާ މާދަމާ މެންދުރުފަހު ބާއްވަނީ
ޤާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތަށް އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި ބާއްވާ ޚާއްޞަ ޖަލްސާ މާދަމާ މެންދުރުފަހު 01:30 ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މާދަމާގެ ޖަލްސާގެ އެޖެންޑާ ރަސްމީކޮށް އާންމުކޮށްފައި ނުވި ނަމަވެސް، މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމަވާލައްވަމުން މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވަނީ، މާދަމާ މެންދުރުފަހު ބަޖެޓު ހުށަހެޅުމުގެ ޖަލްސާ ކުރިއަށްދާނެކަން އިޢުލާން ކުރައްވާފައެވެ.
މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރު ޙަސަން ޒަރީރު މީގެ ކުރިން ވިދާޅުވެފައިވަނީ، ސަރުކާރުގެ އަމާޒަކީ މިއަހަރު ވެސް އިތުރު ސަޕްލިމެންޓަރީ ބަޖެޓަކަށް ނުގޮސް، މިހާރު ފާސްކޮށްފައިވާ ދައުލަތުގެ ބަޖެޓުގެ ތެރެއިން ހުރިހާ ޚަރަދުތަކެއް މެނޭޖުކުރުން ކަމަށެވެ.
Ads by BMLމަޖިލީހަށް ބަޖެޓު ހުށަހެޅުމާއެކު، ދައުލަތުގެ ރިކަރަންޓް އަދި ކެޕިޓަލް ޚަރަދުތައް ބެހިފައިވާ ގޮތުގެ ތަފްސީލު ސާފުވެގެންދާނެއެވެ. އޭގެ އިތުރުން ތަރައްޤީގެ މަޝްރޫޢުތަކަށާއި، މުވައްޒަފުންގެ މުސާރައަށް، އަދި ލޯނު އަނބުރާ ދެއްކުމަށް ހިނގާނެ ޚަރަދުތަކުގެ ތަފްސީލުގެ އިތުރުން، އަންނަ އަހަރު ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާކުރާ އާމްދަނީގެ އަދަދުތައް ވެސް ހާމަވެގެންދާނެއެވެ.
ޤާނޫނުގައިވާ ގޮތުން ކުރިއަށް އޮންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު، އަހަރު ނިމުމުގެ ދެ މަސްދުވަސް ކުރިން މަޖިލީހަށް ހުށަހަޅަންޖެހެއެވެ. ބަޖެޓު ފާސްކުރުމުގެ މަސައްކަތް ކުރިއަށްދާނީ މުޅި މަޖިލީހުގެ ތަޅުމުގައާއި ކޮމިޓީ މަރުޙަލާގައި ބަހުސްކޮށް، މަޖިލީހުން ގެންނަ އިޞްލާޙުތަކާއެކުގައެވެ.
މީގެ އިތުރުން، އަންނަ އަހަރުން ފެށިގެން 2029 ވަނަ އަހަރާ ހަމައަށް އެކުލަވާލާ މެދުރާސްތާގެ ބޭސްލައިން ބަޖެޓު ތައްޔާރުކުރުމުގެ މަސައްކަތް ވެސް މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާއިން މިހާރު ދަނީ ކުރަމުންނެވެ. މި ބަޖެޓަކީ ދައުލަތުގެ އިދާރާތަކުން މިހާރު ކުރިއަށްގެންދާ ހަރަކާތްތަކާއި މަޝްރޫޢުތައް މިހާރުގެ ފެންވަރުގައި ކުރިއަށް ގެންދިއުމަށް ހިނގާނެ ޚަރަދުތަކަށް ބިނާކޮށް އެކުލަވާލާ ބަޖެޓެކެވެ.
Ads by MACL
