ޕެންޝަން އޮފީހުން ބާއްވާ މޯލްޑިވްސް ފައިނޭންސް ފޯރަމް 2026 ގެ ޕާޓްނަރަކަށް ޔޫއެންޑީޕީ ހަމަޖައްސައިފި
ޕެންޝަން އޮފީހުން އިސްނަގައިގެން މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ "މޯލްޑިވްސް ފައިނޭންސް ފޯރަމް 2026" ގެ ޕާޓްނަރެއްގެ ގޮތުގައި ޔޫއެންޑީޕީ މޯލްޑިވްސް ހަމަޖައްސައިފިއެވެ.
"ގްރީން ފައިނޭންސް: ރާއްޖޭގައި ދެމެހެއްޓެނިވި އިންވެސްޓްމަންޓްތަކާއި މާލީ ރައްކާތެރިކަން ފަހިކޮށްދިނުން" މި ޝިއާރުގެ ދަށުން ބާއްވާ މި ފޯރަމްގައި، ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި، ރެގިއުލޭޓަރުންނާއި، މާލީ އިދާރާތަކާއި، އިންވެސްޓަރުންގެ އިތުރުން ރާއްޖެއާއި ބައިނަލްއަގުވާމީ ތަޖުރިބާކާރުން އެއްތަނަކުން ބައްދަލުކުރާނެއެވެ. އަދި ރާއްޖޭގެ އިގްތިސާދީ އަދި މާލީ ދާއިރާގެ ކުރިއެރުމަށް ބޭނުންވާ ދިގުމުއްދަތުގެ ދެމެހެއްޓެނިވި ރައުސްމާލު ހޯދިދާނެ ގޮތްތަކާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ.
ޕެންޝަން އޮފީހާއި ޔޫއެންޑީޕީ ގުޅިގެން ކުރިއަށްގެންދާ މި މަސައްކަތުގެ ތެރެއިން، ދިވެހިރާއްޖޭގެ ގްރީން ފައިނޭންސް މާކެޓް ތަރައްގީކުރުމާއި، ދެމެހެއްޓެނިވި އިންވެސްޓްމަންޓްތައް ހޯދުމާއި، ގައުމުގެ ދިގު މުއްދަތުގެ އިގްތިސާދީ އަދި މާލީ ރައްކާތެރިކަން ވަރުގަދަކުރުމާ ގުޅޭގޮތުން މުހިންމު މަޝްވަރާތަކެއް ކުރެވޭނެއެވެ. މެންބަރުންގެ ރިޓަޔަރމަންޓް ސޭވިންގްސް މެނޭޖުކޮށް ދިގު މުއްދަތަށް އިންވެސްޓްކުރާ މާލީ މުއައްސަސާއެއްގެ ހައިސިއްޔަތުން، މިއަހަރުގެ ފޯރަމްގެ ސަބަބުން ގްރީން ފައިނޭންސްގެ ތެރެއިން ދެމެހެއްޓެނިވި އިންވެސްޓްމަންޓްގެ ފުރުސަތުތައް ފުޅާވެ، ދިވެހިރާއްޖޭގެ ކެޕިޓަލް މާކެޓް ތަރައްގީކުރުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެއެވެ.
Ads by BMLދެމެހެއްޓެނިވި މާލީ ނިޒާމެއް ކުރިއެރުވުމަކީ، މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމުގެ ގާބިލުކަން އިތުރުކުރުމަށާއި ދެމެހެއްޓެނިވި ތަރައްގީ ހާސިލުކުރުމަށް ކުރެވޭ މުހިންމު މަސައްކަތްތަކާ ސީދާ ގުޅިފައިވާ ކަމެކެވެ. އެހެންކަމުން، މި އަހަރުގެ ފައިނޭންސް ފޯރަމް ވެގެންދަނީ ޔޫއެންޑީޕީ މޯލްޑިވްސްގެ ލަނޑުދަނޑިތަކާ ވެސް ސީދާ ގުޅުންހުރި ހަރަކާތަކަށެވެ. ގްރީން ފައިނޭންސްގެ ފުރުސަތުތައް ފަހިވެގެންދިއުމަކީ، ތިމާވެއްޓާ ރައްޓެހި ދެމެހެއްޓެނިވި މަޝްރޫއުތަކަށް އިންވެސްޓްމަންޓް ހޯދުމަށާއި، މޫސުމީ ބަދަލުތަކަށް ހޭނުމުގެ އިތުރުން އިގްތިސާދު ކުރިއަރައި ދިއުމަށް މަގުފަހިކޮށްދޭނެ ކަމެކެވެ.
މާލީ އަދި ދެމެހެއްޓެނިވި ތަރައްގީގެ ދާއިރާގެ މާހިރުން އެއް ފުރާޅެއްގެ ދަށަށް ގެނެސްދޭ މި ފޯރަމްގެ މައިގަނޑު މަގުސަދަކީ، ރާއްޖޭގައި ގްރީން ފައިނޭންސް ކުރިއަރުވައި، ވިލުންވެރި ރައްކާތެރި އިގްތިސާދެއް ބިނާކުރުމަށް ހުރި ފުރުސަތުތަކާ ގުޅޭގޮތުން މަޝްވަރާކުރުމާއި، އަމަލީގޮތުން އަޅަންޖެހޭ ފިޔަވަޅުތަކުގެ މައްޗަށް ބިނާކުރަނިވި އައު ހިޔާލުތައް ބަދަލުކުރުމެވެ.
ޕެންޝަން އޮފީހުން ސިލްސިލާކޮށް އިންތިޒާމުކުރަމުންދާ މޯލްޑިވްސް ފައިނޭންސް ފޯރަމަކީ ދިވެހިރާއްޖޭގެ މާލީ އަދި އިގްތިސާދީ މުހިންމު ކަންކަމާ ބެހޭގޮތުން މަޝްވަރާކުރުމަށް ފަހިކޮށްދޭ މަންސައެކެވެ. މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ މި ފޯރަމްގެ 13 ވަނަ ބައްދަލުވުމެވެ. މި ފޯރަމާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށާއި ރެޖިސްޓްރީވުމަށް އޮފިޝަލް ވެބްސައިޓް (www.financeforum.mv) އަށް ޒިޔާރަތްކުރުމަށް ޕެންޝަން އޮފީހުން އެދެއެވެ.
Ads by MACL
