ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އުރީދޫގެ އިހުމާލުން ބޮޑު ގެއްލުމަކަށް، އެންޓަނާއަށް ހޮނުއަޅައި ޖެހިގެން ހުރި ގޭގެ ކަރަންޓް ހުރިހާ ސާމާނެއް ހަލާކުވެއްޖެ!

ގޭގެ ހަލާކުވެފައިވާ ސާމާނު/ ފޮޓޯ: ގޭގެ ވެރިފަރާތް
ގޭގެ ހަލާކުވެފައިވާ ސާމާނު/ ފޮޓޯ: ގޭގެ ވެރިފަރާތް

އިއްޔެ ހިނގި ހާދިސާއެކެވެ. ދެކުނުގެ މޫސުން ގޯހެވެ. ހެނދުނު 9:40 ހާއިރު ގއ ވިލިނގިލީ އުރީދޫ އެންޓަނާއަށް ހޮނު އަޅައި މުޅި ރަށުން އުރީދުގެ މުވާސަލާތީ ހިދުމަތް ވަނީ މެދުކެނޑިފައެވެ.

އުރީދޫ މުވާސަލާތީ ހިދުމަތް މެދުކެނޑުމުން އުރީދޫން މަސައްކަތް ކުރަމުން ދިޔައީ މައްސަލަ އަވަހަށް ހައްލު ކުރުމަށެވެ. އެހެންނަމަވެސް މި ދެންނެވި އެންޓަނާއާއި ޖެހިގެން ހުރި ގޭގެ ހުރިހާ އިލެކްޓްރޯނިކް ސާމާނު ހަލާކު ވެގެން ގޭގެ ވެރިފަރާތުން ދިޔައީ ޝަކުވާ ކުރަމުންނެވެ.

މިގޭގެ ވެރިފަރާތުން ޖީލަށް މައުލޫމާތު ދެއްވަމުން ބުނެފައިވަނީ އެންޓަނާއަށް ހޮނު އެޅުމާއި އެކު އެގެއިން ކަރަންޓްގް ހިދުމަތް އެއްކޮށްހެން މެދުކެނޑުނު ކަމަށެވެ.

އަދި ފަހުން އެއްވެސް އިލެކްޓްރޯނިކް ސާމާނެއް މަސައްކަތެއް ނުކުރާ ކަމަށެވެ. މީގެ ތެރޭގައި ބޭނުން ކުރާ އޭސީ ތަކާއި، ޓީވީތަކާއި، އައިސްއަލަމާރީގެ އިތުރުން ހިފާ ގެންގުޅޭ ހުރިހާ ސާމާނެއް ވަނީ ހަލާކުވެފައި ކަމަށެވެ.

ކަންމިހެން އޮތްއިރު މީގެ އެއްމަސް ދުވަސް ކުރިން އުރީދޫ އެންޓަނާއިން ބަޔަކު ވައްކަންކޮށް އެތަނުގައި އާރތް ބެލެންސް ކުރުމަށް ބޭނުންކުރާ ހުރިހާ ވަޔަރުތައް ވަނީ ވަގަށް ނަގާފައިކަން ޖީލަށް ވަނީ އެނގިފައެވެ. މިހެން ވުމުގެ ސަބަބުން ހޮނު އަޅައިފިނަމަ ލިބޭ ގެއްލުން ބޮޑުވާނެއެވެ. މި ވަޔަރުތައް ވަގަށް ނެގުމުގެ މައްސަލަވަނީ ފުލުހުންނަށްވެސް ހުށައަޅާފައެވެ.

މިމައްސަލަ އުރީދޫ ޓީމާއި ހިއްސާކުރުމުން އެއީ އެބޭފުޅުން ޒިންމާ ވާންޖެހޭ ކަމެއް ނޫންކަމުގައި ވަނީ ބުނެފައި ކަމަށް ގޭގެ ވެރިފަރާތުން ޖީލަށް ކިޔައިދިނެވެ. އަދި މީގެ ކުރިންވެސް މިފަދަ މައްސަލައެއް ދިމާވުމުންވެސް އުރީދޫއިން ބުނެފައިވަނީ އެއީ އެފަރާތުން ޒިންމާ ވާންޖެހޭކަމެއް ނޫންކަމުގައި ބުނެފައެެވެ.

ބޮޑު އާއިލާއެއް ދިރިއުޅޭ މިގޭގައި، މިހާރު ކަރަންޓްއެއްވެސް ސާމާނެއް ނުގެންގުޅެއެވެ. މި މައްސަލަ ފެންމަތިވުމާއިއެކު ތިލަވި އަނެއް ވާހަކައަކީ އުރީދުން އެފަރާތަށް ދީފައިވާ ބިމަށް ކުލި ނުދައްކަމުން ގެންދާކަމެވެ.