ޗައިނާއަށް ދިވެހި މަސް އެކްސްޕޯޓްކުރުމުގެ މަގު ފަހިކުރުމަށް މިފްކޯ އާއި ޗައިނާގެ ކުންފުންޏަކުން އެއްބަސްވުމެއްގައި ސޮއިކޮށްފި
ޗައިނާގެ ފުޅާ ބާޒާރަށް ދިވެހިރާއްޖޭގެ ކަނޑުމަހުގެ އުފެއްދުންތައް ފޯރުކޮށްދިނުމުގެ ފުރުސަތުތައް ހުޅުވާލުމުގެ ގޮތުން، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) އިން ޗައިނާގެ ސައިނޯމެކް ހައިނާން ޑިވެލޮޕްމެންޓް ކޮމްޕެނީއާއެކު މުހިންމު ފަހުމުނާމާއެއް (އެމްއޯޔޫ) ގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިއަދު ރާއްޖޭގައި ބޭއްވި "ޗައިނާ-މޯލްޑިވްސް އިންވެސްޓްމަންޓް ކޯޕަރޭޝަން ފޯރަމް" ގެ ތެރެއިންނެވެ. މިފްކޯގެ ފަރާތުން މި ފަހުމުނާމާގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަދި މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު އަނަސް އެވެ. އަދި ސައިނޯމެކް ހައިނާން ޑިވެލޮޕްމެންޓްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އެޑްވައިޒަރ ޖޭ މޯ ވޭންގއެވެ.
މިފްކޯއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވާ ގޮތުގައި، މި އިއްތިހާދުގެ ދަށުން ދެ ކުންފުނި ގުޅިގެން މަސައްކަތްކުރާނީ ޗައިނާގެ ބާޒާރުގައި ދިވެހި މަހަށް ހުރި ފުރުސަތުތައް ދެނެގަތުމަށެވެ. އެގޮތުން، މަސް ފޯރުކޮށްދޭ މައިގަނޑު ފަރާތަކަށް މިފްކޯ ވެގެންދާއިރު، ސައިނޯމެކް ހައިނާންއިން މައިގަނޑު ގޮތެއްގައި ޒިންމާވާނީ ޗައިނާގެ ބާޒާރުން ވިޔަފާރީގެ ފުރުސަތުތައް ހޯދައިދިނުމަށެވެ.
Ads by BMLމީގެއިތުރުން، ޗައިނާގެ ބާޒާރަށް މަސް އެކްސްޕޯޓްކުރުމުގައި ފުރިހަމަވާންޖެހޭ ޤާނޫނީ މިންގަނޑުތަކަށް ފެތޭގޮތަށް އުފެއްދުންތަކުގެ ފެންވަރު ހިފެހެއްޓުމާއި، ބަންދުކުރުމުގެ ކަންކަމުގެ އިތުރުން ލޮޖިސްޓިކްސް އިންތިޒާމުތައް ފުރިހަމަކުރުމަށް ދެ ކުންފުނިން އެކުގައި މަސައްކަތްކުރާނެއެވެ. އަދި ފުރަތަމަ މަރުޙަލާގެ ނަތީޖާއަށް ބެލުމަށްފަހު، 2027 ވަނަ އަހަރުން ފެށިގެން އެކްސްޕޯޓް ކުރާ މިންވަރު އިތުރުކުރުމަށް މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ.
މިފްކޯއިން ފާހަގަކުރި ގޮތުގައި، މިއީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތަކަށް ބައިނަލްއަޤްވާމީ ފެންވަރުގައި އާ ބާޒާރުތައް ހުޅުވިގެންދިއުމުގެ އިތުރުން، ރާއްޖެއާއި ޗައިނާއާ ދެމެދު އޮތް އިޤްތިޞާދީ އަދި ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާވެގެންދާނެ ކަމެކެވެ.
Ads by MACL
