ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ހޯމް ސްކޫލިންއާ ދެކޮޅަށް ނަޝީދު ދެއްކެވި ވާހަކައަށް ވަރުގަދަ ރައްދެއް!

ކުރީގެ ރައީސް މުޙައްމަދު ނަޝީދު / ފޮޓޯ: ރާއްޖެ އެމްވީ
ކުރީގެ ރައީސް މުޙައްމަދު ނަޝީދު / ފޮޓޯ: ރާއްޖެ އެމްވީ

ދިވެހިރާއްޖޭގައި ހޯމް ސްކޫލިން (ގޭގައި ބައިތިއްބައިގެން ކިޔަވައިދިނުން) ތަޢާރަފްކުރުމާ ގުޅޭގޮތުން ކުރީގެ ރައީސް މުޙައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅުތަކަށް ބެލެނިވެރިންނާއި ތަޢުލީމީ ދާއިރާގެ ގިނަ ބަޔަކު ވަރުގަދަ ރައްދެއް ދީ، އެމަނިކުފާނުގެ ވިސްނުންފުޅަށް ގޮންޖަހައިފިއެވެ.

ރައީސް ނަޝީދު ދާދިފަހުން ކުރެއްވި ޓްވީޓެއްގައާއި ދެއްކެވި ވާހަކަފުޅުތަކެއްގައި ވިދާޅުވެފައިވަނީ، ރާއްޖޭގައި ހޯމް ސްކޫލިން ތަޢާރަފްކުރުމަކީ ޒުވާން ޖީލު މަގުފުރެދުމަށް މަގުފަހިވާނެ ކަމެއް ކަމަށާއި، އޭގެ ސަބަބުން ކުދިން މުޖުތަމަޢުން އެކަހެރިވެ، ހަރުކަށި ފިކުރަށް ލެނބުމުގެ ފުރުސަތު ބޮޑުވެގެންދާނެ ކަމަށެވެ. އެމަނިކުފާނު ވަނީ މި ނިޒާމުގެ ސަބަބުން ޤައުމީ ތަޢުލީމީ މަންހަޖުގެ އަސާސްތައް ގެއްލިގެން ހިނގައިދާނެ ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ނަމަވެސް، ރައީސް ނަޝީދުގެ މި ވާހަކަފުޅުތަކާ ގުޅިގެން ހޯމް ސްކޫލިންއަށް ތާއީދުކުރާ ބެލެނިވެރިންނާއި ތަޢުލީމީ މާހިރުން ވަނީ އެމަނިކުފާނަށް ސީދާ ރައްދެއް ދީފައެވެ. އެފަރާތްތަކުން ފާހަގަކުރި ގޮތުގައި، ހޯމް ސްކޫލިންއަކީ ދުނިޔޭގެ ކުރިއަރާފައިވާ ގިނަ ޤައުމުތަކެއްގައި ކާމިޔާބުކަމާއެކު ޢަމަލުކުރަމުންދާ، އަދި ކުދިންގެ ޤާބިލުކަމާއި ޝައުޤުވެރިކަމަށް ބަލައިގެން ވަކިވަކިން އަޅާލުންދެވޭ ޒަމާނީ ނިޒާމެކެވެ.

"ހޯމް ސްކޫލިންގެ ސަބަބުން ކުދިން މަގުފުރެދޭ ކަމަށް ވިދާޅުވުމަކީ ބެލެނިވެރިންގެ ޤާބިލުކަމާ މެދު ސުވާލު އުފެއްދުން. މި ނިޒާމުގެ ދަށުން ކިޔަވައިދެނީވެސް ރަސްމީ މަންހަޖުތަކާއި ބައިނަލްއަޤުވާމީ މިންގަނޑުތަކަށް ފެތޭގޮތަށް،" ޚަބަރު ފެތުރޭ ވަޞީލަތްތަކާ ވާހަކަދެއްކި ބެލެނިވެރިއަކު ބުންޏެވެ.

މީގެ އިތުރުން، ތަޢުލީމީ ދާއިރާގެ ދިރާސާވެރިން ފާހަގަކުރާ ގޮތުގައި، ސްކޫލް މާޙައުލުން އެކި ސަބަބުތަކާހުރެ (ބުލީކުރުން ނުވަތަ ޞިއްޙީ މައްސަލަތަކުގެ ސަބަބުން) އުނދަގޫތަކާ ކުރިމަތިލާންޖެހޭ ކުދިންނަށް ހޯމް ސްކޫލިންއަކީ ލިބޭ ވަރަށް ބޮޑު ފުރުޞަތެކެވެ. އަދި މިކަމުގެ ސަބަބުން ކުދިން މަގުފުރެދޭނެ ކަމަށް ބުނުމަކީ އެއްވެސް ޢިލްމީ ހެއްކެއް ނެތް، ސިޔާސީ ބޭނުމަކަށް ދައްކާ ވާހަކައެއް ކަމަށްވެސް އެފަރާތްތަކުން ތުހުމަތުކުރެއެވެ.

މި ބަހުސް ހޫނުވެފައިވާއިރު، މިނިސްޓްރީ އޮފް އެޑިއުކޭޝަނުން މީގެ ކުރިން ބުނެފައިވަނީ ރާއްޖޭގައި ހޯމް ސްކޫލިން ތަޢާރަފްކުރާނީ ވަރުގަދަ އުޞޫލުތަކާއި ޤަވާޢިދުތަކެއްގެ ދަށުން، ކުދިންގެ ޙައްޤުތަކާއި ތަޢުލީމީ ފެންވަރު ކަށަވަރުކުރުމަށްފަހު ކަމަށެވެ.