ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ރާއްޖޭގެ ރިސޯޓުތަކަށް ބޮޑު ކާމިޔާބީއެއް: 1.2 މިލިއަން ފަތުރުވެރިންނާއެކު ރިސޯޓް ޓޫރިޒަމް ކުރީގައި!

:
ރާއްޖޭގެ ރިސޯޓެއް / ފޮޓޯ: މިނިސްޓްރީ އޮފް ޓޫރިޒަމް
: ރާއްޖޭގެ ރިސޯޓެއް / ފޮޓޯ: މިނިސްޓްރީ އޮފް ޓޫރިޒަމް

މި އަހަރުގެ މިހާތަނަށް ދިވެހިރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ބޮޑު އަގުލަބިއްޔަތެއް ރާއްޖޭގެ ރިސޯޓުތަކުގައި ޗުއްޓީ ހޭދަކޮށްފިއެވެ.

މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަންގެ ތަފާސްހިސާބުތައް ދައްކާގޮތުން، ރާއްޖެއައި ޖުމްލަ ފަތުރުވެރިންގެ %74 ހިއްސާކުރަނީ ރިސޯޓުތަކުގައި މަޑުކުރި ފަތުރުވެރިންނެވެ.

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ޖުމްލަ 1.7 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، އޭގެ ތެރެއިން 1,282,773 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓުތަކުގައެވެ. މިއާއެކު ރިސޯޓުތައް ވެފައިވަނީ ފަތުރުވެރިންގެ މެދުގައި އެންމެ މަގުބޫލު އެކޮމޮޑޭޝަން އޮޕްޝަނަށެވެ.

މި ލިސްޓުގެ ދެވަނައިގައި އޮތް ގެސްޓްހައުސްތަކުގައި 375,306 ފަތުރުވެރިން މަޑުކޮށްފައިވާއިރު، މިއީ ޖުމްލަ ފަތުރުވެރިންގެ %21 އެވެ. މީގެ އިތުރުން ހޮޓާތަކުގައި 38,911 ފަތުރުވެރިން އަދި ސަފާރީ އުޅަނދުފަހަރުގައި 33,281 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވެއެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއަށް މިހާރު އެންމެ ގިނައިން ފަތުރުވެރިން އަންނަނީ ޗައިނާއިންނެވެ. އެ ގައުމުން 328,058 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ދެވަނައިގައި އޮތް ރަޝިޔާއިން 251,214 ފަތުރުވެރިން ވަނީ އައިސްފައެވެ. ތިންވަނައިގައި ޔުނައިޓެޑް ކިންގްޑަމް އޮތްއިރު، ޖަރުމަނުވިލާތް އަދި އިޓަލީއަކީވެސް ގަދަ ފަހެއްގައި ހިމެނޭ ގައުމުތަކެވެ.

ރާއްޖޭގައި މިވަގުތު ފަތުރުވެރިކަމުގެ 1,299 އެސްޓަބްލިޝްމަންޓެއްގައި 69,051 އެނދު އޮޕަރޭޓް ކުރަމުންދާއިރު، ރިސޯޓުތަކުގެ އިތުރުން މީހުން ދިރިއުޅޭ ރަށްރަށުގެ ގެސްޓްހައުސްތަކަށްވެސް ފަތުރުވެރިންގެ ބޮޑު ތަރުހީބެއް ދަނީ ލިބެމުންނެވެ. މި ލޯކަލް ޓޫރިޒަމްގެ ސަބަބުން ރަށްރަށުގެ އިގްތިސާދަށް ދިރުންލިބި، އަތޮޅުތެރޭގެ ރައްޔިތުންނަށް އާމްދަނީ ހޯދުމުގެ ފުރުސަތުތައް ދަނީ ފަހިވަމުންނެވެ