ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ޓްރެވަލް އެވޯޑްސްގެ 2 ކެޓަގަރީއަކަށް ވީއައިއޭ ވާދަކުރަނީ

 ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް / ފޮޓޯ ކްރެޑިޓް: ޕީއެސްއެމް ނިއުސް
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް / ފޮޓޯ ކްރެޑިޓް: ޕީއެސްއެމް ނިއުސް

ޓްރެވަލް އެވޯޑްސްގެ 2 ކެޓަގަރީއަކަށް ވީއައިއޭ ވާދަކުރަނީ
މާލެ: ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާގައި އެންމެ ޝަރަފުވެރި އެވޯޑު ކަމަށްވާ "ވޯލްޑް ޓްރެވަލް އެވޯޑްސް 2026" ގެ ދެ ކެޓަގަރީއަކަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ނޮމިނޭޓްވެއްޖެއެވެ.

ވީއައިއޭ ނޮމިނޭޓްވެފައިވަނީ "ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026" ގެ ކެޓަގަރީގެ އިތުރުން "ވޯލްޑްސް ލީޑިންގ އެއާޕޯޓް– ކަސްޓަމަރ އެކްސްޕީރިއަންސް 2026" ކެޓަގަރީއިންނެވެ.

ވީއައިއޭ ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް ގެ ޕަބްލިކް ރިލޭޝަންސް އެގްޒެކެޓިވް ބިއުރޯ އާއިޝަތު ރިޝްފާ ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ވިދާޅުވީ، ދުނިޔޭގެ ފެންވަރުގެ މި ކެޓަގަރީތަކުން ވާދަކުރުމުގެ ފުރުސަތު ވީއައިއޭއަށް ލިބުނީ މި އަހަރު ރާއްޖޭގައި ބޭއްވި ސަރަހައްދީ ވޯލްޑް ޓްރެވަލް އެވޯޑްސްގައި "އިންޑިއަން އޯޝަންސް ލީޑިންގ އެއާޕޯޓް 2026" ގެ ލަގަބު އެއާޕޯޓުން ހާސިލުކޮށްފައިވާތީ ކަމަށެވެ.

"ވޯލްޑްސް ލީޑިންގ އެއާޕޯޓް" ކެޓަގަރީން ބައިނަލްއަޤުވާމީ ދާއިރާގައި އެންމެ ފާހަގަކޮށްލެވޭ ބޮޑެތި 21 އެއާޕޯޓަކާ ވީއައިއޭ ވާދަކުރެއެވެ. އޭގެ ތެރޭގައި ސިންގަޕޫރުގެ ޗަންގީ އެއާޕޯޓް، ދުބާއީ އިންޓަނޭޝަނަލް އެއާޕޯޓް، ހޮންކޮންގ އިންޓަނޭޝަނަލް އެއާޕޯޓް، އިސްތަންބޫލުގެ އައިޖީއޭ އެއާޕޯޓް، އެޓްލާންޓާގެ ހާޓްސްފީލްޑް-ޖެކްސަން އެއާޕޯޓް، ނިއުޔޯކުގެ ޖޭއެފްކޭ އެއާޕޯޓް އަދި ޒިއުރިކް އެއާޕޯޓް ހިމެނެއެވެ. މީގެ އިތުރުން "ކަސްޓަމަރ އެކްސްޕީރިއަންސް" ކެޓަގަރީން ވީއައިއޭ ވާދަކުރަނީ ނަން މަޝްހޫރު 12 އެއާޕޯޓަކާއެވެ.

އެމްއޭސީއެލްއިން ވަނީ މި އެވޯޑުތަކަށް ވޯޓުލުމުގެ ސުންގަޑި ކުޑަތަންވެފައިވާތީ، ވީހާވެސް ގިނަ ފަރާތްތަކުން ވޯޓުލުމަށް އިލްތިމާސްކޮށްފައެވެ. ޚާއްސަކޮށް ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން ދޭ ކޮންމެ ވޯޓެއް ދެ ވޯޓުގެ ގޮތުގައި ގުނާނެކަން ފާހަގަކޮށް، އެ ދާއިރާގެ މުވައްޒަފުންގެ އެއްބާރުލުމަށް ވަނީ އެދިފައެވެ.

މި އެވޯޑަށް ވޯޓުލުމުގެ އެންމެ ފަހު ތާރީޚަކީ މި މަހުގެ 30 އެވެ. ވޯޓުލުމުގެ ކަންކަން ކުރިއަށްދާނީ ވޯލްޑް ޓްރެވަލް އެވޯޑްސްގެ ރަސްމީ ވެބްސައިޓް މެދުވެރިކޮށެވެ.
ދުނިޔޭގެ ފަތުރުވެރިކަމުގެ އެންމެ މަޤުބޫލު މަންޒިލްތަކާއި ވަސީލަތްތައް ހޮވާ މި އެވޯޑުގައި ރާއްޖެއިން ކޮންމެ އަހަރަކުވެސް ބޮޑެތި ކާމިޔާބީތަކެއް ހާސިލުކުރެއެވެ.

އެގޮތުން މި އަހަރުވެސް ރާއްޖެ ވަނީ 7 ވަނަ ފަހަރަށް "ވޯލްޑްސް ލީޑިންގ ޑެސްޓިނޭޝަން" ގެ ލަގަބަށް ނޮމިނޭޓްވެފައެވެ. ރާއްޖެއިން ވަނީ މީގެ ކުރިން 6 ފަހަރު މި އެވޯޑު ކާމިޔާބުކޮށްފައެވެ.