ރަސްމާލެ މަޝްރޫއާއެކު ދިރިއުޅުމުގެ އަގާއި އާމްދަނީގެ ފަރަގު ކުޑަކުރެވޭނެ: މުންދު
ރަސްމާލޭގައި ތަރައްގީކުރާ "މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މެރީނާ" މަޝްރޫއުގެ ސަބަބުން، ދިރިއުޅުމުގެ ހަރަދުތަކާއި ރައްޔިތުންނަށް ލިބޭ އާމްދަނީއާ ދެމެދު އޮތް ފަރަގު ކުޑަކޮށް، އެކަށީގެންވާ މިންވަރަކަށް އުޖޫރަ މަތިކުރެވިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ޙުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެ އެވެ.
"ޖަވިޔަނި" އަށް ދެއްވި އިންޓަވިއުއެއްގައި މުންދު ވިދާޅުވީ، ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާ ހަވާލުކޮށްގެން ހިންގާ މި ބިޔަ މަޝްރޫއުގެ ސަބަބުން އިމާރާތްކުރުމުގެ މަރުހަލާގައްޔާއި ތަން ނިމުމުން ވެސް ގިނަ އަދަދެއްގެ ވަޒީފާގެ ފުރުސަތުތައް ދިވެހިންނަށް ތަނަވަސްވެގެންދާނެ ކަމަށެވެ.
އަދި މި މަޝްރޫއުގެ ތެރެއިން ރާއްޖޭގެ ބޭންކިން ނިޒާމަށް ގިނަ އަދަދެއްގެ އެމެރިކާ ޑޮލަރު ވަދެގެންދާނެތީ، މިވަގުތު ކުރިމަތިވެފައިވާ ޑޮލަރުގެ ދަތިކަމާއި ދަރަނި އަދާކުރުމުގެ ގޮންޖެހުންތަކަށް ހައްލެއް ލިބި، ދައުލަތުގެ މުވައްޒަފުންގެ އުޖޫރަ މަތިކުރުމުގެ ޖާގަ ތަނަވަސްވާނެ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
Ads by BMLމަޝްރޫއުގެ މުހިންމު ތަފާސްހިސާބުތައް:
• ބިން ދޫކުރުން: މި މަޝްރޫއަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން އެ ކުންފުންޏަށް ދިނުމަށް ވަނީ ނިންމާފައެވެ.
• ދައުލަތަށް ލިބޭ އާމްދަނީ: ބިމުގެ ޕްރިމިއަމްގެ ގޮތުގައި ޑިވެލޮޕަރުގެ ޖުމުލަ އާމްދަނީން %10 (ގާތްގަނޑަކަށް 10 އަހަރުން 3.1 ބިލިއަން ޑޮލަރު) ދައުލަތަށް ލިބޭނެއެވެ. މީގެ ތެރެއިން 500 މިލިއަން ޑޮލަރު އެޑްވާންސްކޮށް ސަރުކާރުގެ ހައުސިން މަޝްރޫއަށް ދައްކަންޖެހެއެވެ.
• ޔުނިޓް ސޭލްސް ޓެކްސް: ރަސްމާލެއިން ޔުނިޓް ގަންނަ ކޮންމެ ފަހަރަކު އެ ޔުނިޓެއްގެ މާކެޓު އަގުގެ %4 ސަރުކާރަށް ދައްކަންޖެހެއެވެ.
• ވަޒީފާގެ ފުރުސަތު: ސަރުކާރުން އަންދާޒާކުރާ ގޮތުގައި މި މަޝްރޫއުގެ ސަބަބުން ޖުމުލަ 54,000 ވަޒީފާގެ ފުރުސަތު އުފެދޭނެއެވެ.
އަދި މަޝްރޫއު އެއްކޮށް ނިމި ކުރިއަށްދާއިރު ދާއިމީ 15,000 ވަޒީފާ އުފެދޭނެއެވެ.
ތަރުޖަމާން އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މި މަޝްރޫއަކީ ރާއްޖޭގެ އިގްތިސާދު މުޅިން އެހެން ހަރުފަތަކަށް ގެންގޮސް، 2040 ވަނަ އަހަރާ ހަމައަށް ދާއިރު ދިވެހިރާއްޖެއަކީ ތަރައްގީވެފައިވާ ގައުމަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ތަސައްވުރު ހަގީގަތަކަށް ހެދުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެކެވެ
Ads by MACL
