ސައުދީ ސަފީރު މަޖިލީހުގެ ރައީސް އަބްދުއްރަހީމްގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ގެ އަރިހަށް، ސައުދީ އަރަބިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަހްޔާ ހަސަން އަލްގަހްތާނީ މިއަދު އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، އިސްލާމީ އުޚުއްވަތްތެރިކަމާއި އެއްގޮތް އަގުތަކުގެ މައްޗަށް ބިނާވެފައިވާ ދެ ގައުމުގެ ޒަމާންވީ ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ފަހަކަށް އައިސް ކުރެވުނު މަތީ ފަންތީގެ ދަތުރުފުޅުތަކުގެ ސަބަބުން ދޭދޭ ގުޅުން ބަދަހިވެ މުއައްސަސާތަކުގެ މެދުގައި އެއްބާރުލުން އިތުރުވެގެން ގޮސްފައިވާކަން މަޖިލީހުގެ ރައީސް ފާހަގަކުރެއްވިއެވެ.
ދެ ގައުމުގެ ދެމެދުގައި އޮތް ގާތް އެކުވެރި ގުޅުމަށް ތައުރީފުކުރައްވަމުން ސައުދީ ސަފީރު ވަނީ، ޑިޕްލޮމެޓިކް ދާއިރާއިންނާއި، ޕާލިމެންޓަރީ އަދި ސަގާފީ ދާއިރާއިން އޮތް ގުޅުންތައް އިތުރަށް ހަރުދަނާކޮށް ދެމެހެއްޓުމަށް ސައުދީ އަރަބިއްޔާއިން ބޭނުންވާކަން ހާމަކުރައްވާފައެވެ.
Ads by BMLމީގެއިތުރުން ސަރަހައްދީ ސަލާމަތީ މަސްރަހާއި، ސައުދީ އަރަބިއްޔާއަށް އަމާޒުކޮށް ހޫތީން ދެމުންދާ ހަމަލާތަކާއި، ޔަމަނުގެ އިންސާނީ ހާލަތާ ގުޅޭގޮތުން ވެސް މި ބައްދަލުވުމުގައި މަޝްވަރާކުރެވުނެވެ.
ސައުދީން ފޯރުކޮށްދޭ އިންސާނީ އެހީތެރިކަމާއި، ސަރަހައްދީ ސުލްހަމަސަލަސްކަން ގާއިމުކުރުމަށް ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވައި، ދިވެހިރާއްޖެ އަބަދުވެސް އޮންނާނީ ސައުދީ އަރަބިއްޔާއާއެކު ސާބިތުވެކަމަށާއި ސަރަހައްދީ ކަންކަމުގައި ދެ ގައުމު ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން މަޖިލީހުގެ ރައީސް ފާހަގަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި މަޖިލީހުގެ ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީގެ މުގައްރިރު، މެންބަރު ހަސަން ޒަރީރު ވިދާޅުވީ، ދެ ގައުމުގެ ގުޅުމަކީ އިސްލާމީ އެއްބައިވަންތަކަމާއި ދެފަރާތުގެ އިހުތިރާމުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއް ކަމަށާއި، ސަފީރުގެ މި ޒިޔާރަތުގެ ސަބަބުން އަޚުވަންތަ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.
މި ބައްދަލުކުރެއްވުމުގައި ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީގެ މެންބަރުންގެ އިތުރުން މަޖިލީހުގެ އަމީން އާންމު އަލްއުސްތާޛާ ފާތިމަތު ނިއުޝާ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
Ads by MACL
