ރާއްޖެއާއި ޗައިނާގެ ގުޅުން އައު އުސްމިންތަކަކަށް ގެންދިއުމުގެ ފުރުސަތު އެބައޮތް: ސައީދު
ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮތް އިގުތިސާދީ އަދި ވިޔަފާރީގެ ގުޅުން އައު އުސްމިންތަކަކަށް ގެންދިއުމުގެ ބޮޑު ފުރުސަތެއް އެބައޮތް ކަމަށް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ މޯލްޑިވްސް އެކްސްޕޯ 2026 އާ ގުޅުވައިގެން މިއަދު މާލޭގައި ބޭއްވި "ޗައިނާ-މޯލްޑިވްސް އިންވެސްޓްމަންޓް ކޯޕަރޭޝަން ފޯރަމް 2026" ހުޅުވުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.
މިނިސްޓަރުގެ ވާހަކަފުޅުގައި ޚާއްސަކޮށް މަސްވެރިކަމާއި، ދަނޑުވެރިކަމުގެ އިތުރުން އައު ޓެކްނޮލޮޖީއާއި ޑިޖިޓަލް މާލީ ޚިދުމަތްތަކުގެ ދާއިރާއިން ދެ ގައުމުގެ ދެމެދުގައި އޮތް އެއްބާރުލުން އިތުރަށް ފުޅާކުރެވިދާނެކަން ފާހަގަކުރެއްވިއެވެ.
Ads by BMLދެ ގައުމުގެ އިގުތިސާދީ ގުޅުމުގެ ތެރެއިން ލިބޭ ފުރުސަތުތަކުގެ އެހީގައި ވިޔަފާރި ފުޅާކޮށް، ދެ ގައުމުގެ ބާޒާރުތަކަށް ފަސޭހައިން ވަދެވޭނެ މަގު ތަނަވަސްކުރުމަކީ މިވަގުތު އެންމެ ބޮޑު އިސްކަމެއް ދޭންޖެހޭ ކަންތައް ކަމަށްވެސް މިނިސްޓަރު ސައީދު ވިދާޅުވިއެވެ.
މީގެއިތުރުން، މި ފޯރަމަކީ ޗައިނާގެ ކުންފުނިތަކުގެ އުފެއްދުންތަކާއި ޒަމާނީ ޓެކްނޮލޮޖީ ދައްކާލުމުގެ އިތުރުން ރާއްޖޭގެ ތަރައްގީގެ އަމާޒުތަކަށް އެހީތެރިވެދެވޭނެ ދާއިރާތައް ދެނެގަތުމަށް ލިބޭ މުހިންމު ޕްލެޓްފޯމެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.
ރާއްޖޭގެ އުމްރާނީ ތަރައްގީއަށް ޗައިނާއިން ވެދީފައިވާ އެހީތެރިކަމަށް އަލިއަޅުވާލައްވަމުން، ސިނަމާލެ ބްރިޖާއި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަކީ ދިވެހި ރައްޔިތުންނަށް ދިގު މުއްދަތުގެ ބޮޑެތި މަންފާތަކެއް ލިބިގެންދިޔަ ކަންކަން ކަމުގައި މިނިސްޓަރު ފާހަގަކުރެއްވިއެވެ.
1 ޖެނުއަރީ 2025 ގައި އަމަލުކުރަން ފެށި "ޗައިނާ-މޯލްޑިވްސް ފްރީ ޓްރޭޑް އެގްރީމަންޓް" (އެފްޓީއޭ) އަކީ ދެ ގައުމުގެ ވިޔަފާރީގެ ގުޅުމުގައި ހާސިލްކުރެވުނު މުހިންމު ކާމިޔާބީއެއް ކަމަށާއި، މި އެއްބަސްވުމުގެ ބޭނުން ހިފައިގެން ވިޔަފާރީގެ އައު ގުޅުންތައް ގާއިމުކުރުމަށް ސަމާލުކަން ދޭންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.
ފަތުރުވެރިކަމަކީ އަދިވެސް ދެ ގައުމުގެ އިގުތިސާދީ ގުޅުމުގެ މައި އެއް ތަނބުކަން ފާހަގަކުރައްވައި، ވައިގެ ދަތުރުފަތުރު ހަރުދަނާކޮށް ޗައިނާގެ ޓްރެވަލް އިންޑަސްޓްރީއާ ގާތް ގުޅުމެއް ބޭއްވުމުގެ މުހިންމުކަން މިނިސްޓަރު އެންމެންގެ ސަމާލުކަމަށް ގެންނެވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި ޗައިނާގެ ރައީސް ޝީ ޖިންޕިންގްގެ ޒައާމަތުގައި، 2024 ވަނަ އަހަރު ދެ ގައުމުގެ ގުޅުން "ކޮމްޕްރިހެންސިވް ސްޓްރެޓީޖިކް ކޯޕަރޭޓިވް ޕާޓްނާޝިޕް" އަކަށް މަތިކުރެވިފައިވާކަންވެސް އެމަނިކުފާނު ހަނދާން އައުކުރެއްވިއެވެ.
މި ފޯރަމްގައި ބައިވެރިވި ޗައިނާ އަދި ރާއްޖޭގެ ވިޔަފާރިވެރިންނާއި އިދާރާތަކަށް ދައުވަތު ދެއްވަމުން މިނިސްޓަރު ވަނީ، މަޝްވަރާތައް މެދުވެރިކޮށް ދެފަރާތަށް ފައިދާހުރި ދާއިރާތައް ދެނެގަނެ، ގުޅުން އިތުރަށް ބަދަހިކުރުމަށް ގޮވާލައްވާފައެވެ.
Ads by MACL
