މެދުއިރުމަތީގެ ނުތަނަވަސްކަމާ ހުރެ މާލެއިން ޖިއްދާއަށް ކުރަން ހަމަޖެހުނު އުމްރާ ފްލައިޓް ފަސްކޮށްފި
މެދުއިރުމަތީގައި އުފެދިފައިވާ އަސްކަރީ ނުތަނަވަސްކަމާއި ހަމަނުޖެހުންތަކުގެ ސަބަބުން ސަލާމަތީ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން، މޯލްޑިވިއަން އެއާލައިނުން މާލެއިން ސަޢޫދީ ޢަރަބިއްޔާގެ ޖިއްދާއަށް ކުރުމަށް ހަމަޖެހިފައިވާ ޢުމްރާ ދަތުރު ފަހުގެ ތާރީޚަކަށް ފަސްކޮށްފިއެވެ.
މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނާއި މޯލްޑިވިއަން ގުޅިގެން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި މެދުއިރުމަތީގެ މަސްރަޙު ވަރަށް ބޮޑަށް ގޯސްވެފައިވާތީ، ސަޢޫދީ ޢަރަބިއްޔާ ހިމެނޭ ސަރަޙައްދުގެ ސަލާމަތީ ކަންކަން އެ އެއާލައިނުން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެވެ. އަދި މިހާރު އޮތް ޙާލަތަކީ ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބުރޫއަރާފާނެ ފަދަ ނުރައްކާތެރި ޙާލަތެއް ކަމަށް ބެލެވޭތީ މި ނިންމުން ނިންމަން މަޖުބޫރުވީ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
ބައިނަލްއަޤްވާމީ ވައިގެ ދަތުރުފަތުރާ ބެހޭ އިދާރާތަކުން ނެރެފައިވާ އިންޒާރުތަކަށް ރިޢާޔަތްކޮށް، ޖިއްދާގެ ވައިގެ ސަރަޙައްދު ބޭނުންކުރުމުގައި ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވާކަން ފާހަގަކޮށްފައިވެއެވެ. ސަރަޙައްދީ ނުތަނަވަސްކަން ބޮޑުވުމާ ގުޅިގެން ބައިނަލްއަޤްވާމީ ގިނަ އެއާލައިންތަކުންވެސް މިހާރު ވަނީ ސަޢޫދީއަށް ކުރާ ދަތުރުތައް ވަގުތީގޮތުން މެދުކަނޑާލާފައެވެ.
Ads by BMLދަތުރު ފަސްކުރުމާ ގުޅިގެން ޢުމްރާވެރިންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި ޙައްޖު ކޯޕަރޭޝަނާއި މޯލްޑިވިއަނުން ވަނީ މާފަށް އެދިފައެވެ. އަދި ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަމަކީ އެންމެ ބޮޑު އިސްކަމެއް ދޭ ކަންތައް ކަމުގައި ދެ މުއައްސަސާއިންވެސް ފާހަގަކޮށްފައިވެއެވެ.
ސަރަޙައްދީ މަސްރަޙު މައިތިރިވެ، ދަތުރުކުރުމުގެ ރައްކާތެރިކަން ކަށަވަރުވުމުން، މި ދަތުރަށް ފައިސާ ދައްކާފައިވާ ހުރިހާ ފަރާތްތަކަށް އިތުރު އަގަކާނުލައި ޢުމުރާގެ އަޅުކަމަށް ދެވޭނެ ފުރުސަތު ފަހިކޮށްދޭނެ ކަމުގެ ޔަޤީންކަން ޙައްޖު ކޯޕަރޭޝަނުން ވަނީ ދީފައެވެ. އަދި ޙާލަތު ތަންދިނުމުން ދަތުރުކުރާނެ އައު ތާރީޚެއް ފަސިންޖަރުންނަށް އަންގާނެ ކަމަށްވެސް ހާމަކޮށްފައިވެއެވެ.
Ads by MACL
