އަންނަ އަހަރުގެ ބަޖެޓުގެ މައިގަނޑު އަމާޒަކީ ހިނގަމުންދާ މަޝްރޫޢުތަކުގެ 70 އިންސައްތަ ނިންމުން: ރައީސް މުޢިއްޒު
ކުރިއަށް އޮތް 2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ އެންމެ ބޮޑު އަމާޒަކީ މިހާރު ފެށިފައިވާ މަޝްރޫޢުތަކުގެ ތެރެއިން މަދުވެގެން 70 އިންސައްތަ މަޝްރޫޢު އެއްކޮށް ނިންމައި ރައްޔިތުންނާ ޙަވާލުކުރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ޕަބްލިކް ސަރވީސް މީޑިއާ (ޕީއެސްއެމް) އިން ގެނެސްދޭ "ނޭޝަން ޗެޓް" ޕޮޑްކާސްޓުގެ 6 ވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އޮކްޓޫބަރު މަހުގެ 29 ވަނަ ދުވަހު މަޖިލީހަށް ހުށަހެޅުމަށް ތައްޔާރުވަމުންދާ 2027 ވަނަ އަހަރުގެ ބަޖެޓާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މި ބަޖެޓު އެކުލަވާލާފައިވަނީ ރައްޔިތުންނަށް އެންމެ ބޮޑަށް ބޭނުންޖެހިފައިވާ އަސާސީ ޚިދުމަތްތައް ކަމަށްވާ ހޮސްޕިޓަލްތަކާއި ސްކޫލްތަކުގެ މަޝްރޫޢުތައް ނިންމުމަށް ޚާއްޞަ އިސްކަމެއް ދީގެންނެވެ.
އިޤްތިޞާދީ ޙާލަތަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މި ސަރުކާރުން ވެރިކަމާ ޙަވާލުވިއިރު ޤައުމުގެ އިޤްތިޞާދު އޮތީ ދަރަނި ނުދެއްކި ބަނގުރޫޓުވުމުގެ (ޑިފޯލްޓްވުމުގެ) ބިރުވެރިކަމެއްގެ ތެރޭގައި ކަމަށެވެ. ނަމަވެސް ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅުތަކާއެކު، މިއަހަރު ފެށުނުއިރު ދައުލަތުގެ ގްރޮސް ރިޒާވް އަދި ޔޫސަބަލް ރިޒާވް ރެކޯޑް މިންވަރަކަށް އިތުރުކުރެވިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ދައުލަތުގެ ޚަރަދުތައް ކުޑަކޮށް، ބަޖެޓުގެ ޑެފިސިޓް ކުޑަކުރުމަށާއި، ފިސްކަލް ޒިންމާދާރުކަން އިތުރުކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.
Ads by BMLރާއްޖޭގައި ކުރިއަށްދާ ބޮޑެތި ތަރައްޤީގެ މަޝްރޫޢުތަކާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ކަށަވަރުކޮށްދެއްވީ، ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުތަކުގެ ސަބަބުން ދައުލަތުގެ ބަޖެޓަށް ދަރަނި ބޮޑުވެގެން ނުދާނެ ކަމަށެވެ. ޚާއްޞަކޮށް ރަސްމާލެ ބޯހިޔާވަހިކަމުގެ މަޝްރޫޢަކީ ސަރުކާރުން އިތުރު ލޯނެއް ނަގައިގެން ކުރިއަށްގެންދާ މަޝްރޫޢެއް ނޫން ކަމަށާއި، އެ މަސައްކަތް ބިނާވެގެންވަނީ "ފިއުޗަރ ރެވެނިއު" ނުވަތަ މުސްތަޤުބަލުގައި ލިބޭނެ އާމްދަނީއަށް ކަމަށްވާތީ ބަޖެޓަށް އެއްވެސް ބުރައެއް ނުއުފުލާނެ ކަމަށް ވިދާޅުވިއެވެ.
މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށާއި ޓެކްސް އާމްދަނީއަށް ނޭދެވޭ އަސަރުތަކެއް ކުރަމުންދާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ދުނިޔޭގެ މަސްރަޙަށް އަންނަ ބަދަލުތަކާއެކުވެސް ސަރުކާރުން ދަނީ ޙާލަތު މެނޭޖްކޮށް، ބަޖެޓުގެ ތެރެއިން ރައްޔިތުންނަށް ލާބަހުރި މަޝްރޫޢުތައް ހުއްޓުމެއްނެތް ގޮތުގައި ކުރިއަށް ގެންދަމުންނެވެ
Ads by MACL
