ރަސްމާލޭގައި ރަލާއި އޫރުމަސް ވިއްކުމާއި ކެސީނޯ ހިންގުން މަނާ، ހިނގާނީ ދިވެހި ޤާނޫނު: ރައީސް
ރަސްމާލޭގައި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ އީގަލް ހިލްސް ކުންފުނިން ހިންގާ ބިޔަ މަޝްރޫޢު ނިމި ޚިދުމަތަށް ގެނައި ކަމުގައި ވިޔަސް، އެތަނުގައި ރަލާއި އޫރުމަސް ވިއްކުން އަދި ކެސީނޯ ހިންގުން ފަދަ އިސްލާމްދީނާއި ދިވެހި ސަގާފަތާ ޚިލާފު އެއްވެސް ކަމަކަށް ފުރުޞަތު ނުދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހާއި ޕީއެސްއެމް ގުޅިގެން ގެނެސްދޭ "ނޭޝަން ޗެޓް" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރަސްމާލޭގެ ބައެއްގައި ހިންގާ 20 ބިލިއަން ޑޮލަރުގެ މި އިންވެސްޓްމަންޓަކީ ރައްޔިތުން ކަންބޮޑުވާންޖެހޭ ކަމެއް ނޫން ކަމަށާއި، މީގެ ސަބަބުން ދިވެހިންނަށް ލިބޭނީ ފައިދާ ކަމަށެވެ. އަދި އެތަނުގައި ހިނގާނީ ދިވެހިރާއްޖޭގެ ސިޔާދަތާއި ޤާނޫނުއަސާސީގެ ބާރުކަން އެމަނިކުފާނު ކަށަވަރުކޮށްދެއްވިއެވެ.
މި މަޝްރޫޢާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި މުހިންމު ނުކުތާތައް:
• އިސްލާމީ މާޙައުލެއް: ރަސްމާލޭގައި 5 ވަގުތު ބަންގިގޮވައި، މިސްކިތްތައް ހުންނާނެއެވެ. ރަލާއި، އޫރުމަސް އަދި ކެސީނޯ ފަދަ ކަންކަން މުޅިން މަނާވާނެއެވެ.
• ދިވެހި ޤާނޫނުގެ ބާރު: އެތަނަކީ އަސްކަރީ ގޮތުންނާއި ލޯ އެންފޯސްމަންޓުގެ ގޮތުން ދިވެހި ދައުލަތުގެ ފުރިހަމަ ބާރު ހިނގާނެ ތަނެކެވެ. ބޭރުގެ އެއްވެސް ޤައުމެއްގެ ޤާނޫނެއް އެތަނަކު ނުހިނގާނެއެވެ.
• ތަޢުލީމީ މިންގަނޑު: ބޭރުގެ ފަރާތްތަކުގެ ކޮންޓްރޯލް އޮންނަ އެއްވެސް ތަޢުލީމީ މުއައްސަސާއެއް ނުހުންނާނެއެވެ. އެތަނަށް އަންނަ ބޭރު މީހުންގެ ކުދިން ސްކޫލަށް ފޮނުވަން ޖެހޭނީ ރާއްޖޭގައި ބޭރު މީހުންނަށް އަމަލުކުރާ ޢާންމު މިންގަނޑުގެ ތެރެއިންނެވެ.
• އެއްބަސްވުމުގެ ރައްކާތެރިކަން: މި ހުރިހާ ކަންކަމަށް އީގަލް ހިލްސްއާއެކު ވެވޭ އެއްބަސްވުމުގައި ރިއާޔަތްކޮށް، ނުރައްކާ ހުރި ހުރިހާ މަގުތަކެއް ބަންދުކުރެވޭނެއެވެ.
Ads by BMLރަސްމާލެއިން ހިއްކުމަށް ހަމަޖެހިފައިވާ 1,150 ހެކްޓަރުގެ ތެރެއިން 716 ހެކްޓަރު މިހާރު ވަނީ ހިއްކާ ނިމިފައެވެ. މިއާއެކު ރަސްމާލެ ވެފައިވަނީ ރާއްޖޭގެ އެންމެ ބިންބޮޑު ރަށަށެވެ. އީގަލް ހިލްސްއިން މި ބިޔަ މަޝްރޫޢު ހިންގުމަށް ހަމަޖެހިފައިވަނީ އޭގެތެރެއިން 500 ހެކްޓަރުގެ ސަރަހައްދެއްގައެވެ. ރައީސް ވިދާޅުވީ ކެސީނޯއާ ގުޅުވައިގެން ދެކެވޭ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް، ބިރުވެރިކަން އުފައްދައި އިންވެސްޓްމަންޓަށް ހުރަސްއެޅުމަށް ދައްކާ ވާހަކަތަކެއް ކަމަށެވެ.
Ads by MACL
