ޝަރުޠުހަމަވާ އެންމެނަށް ރަސްމާލެއިން ބިން ލިބޭނެ، އެވަރަށް ބިން އެބައޮތް: ރައީސް
ރަސްމާލެއިން ބޯހިޔާވަހިކަމަށް އެދި ހުށަހެޅި ފަރާތްތަކުގެ ތެރެއިން، ހުރިހާ ގިންތިއަކުން ޝަރުޠުހަމަވާ ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ގެނެސްދޭ "ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ 6 ވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ރަސްމާލެ ތަރައްޤީކުރުމުގެ މަޝްރޫޢާއެކު ފެށިގެންދަނީ ބޯހިޔާވަހިކަމުގެ ރަންޒަމާނެއް ކަމަށެވެ. އަދި ކުރިއަށް އޮތް 2 އަހަރު ދުވަހަކީ ތާރީޚު ދެކެފައި ނުވާ މިންވަރަށް ދިވެހި ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދެވޭނެ ދުވަސްތަކެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި މަޝްރޫޢާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި މުހިންމު ނުކުތާތައް:
• އީޖާދީ އުޞޫލުން ކުރިއަށްދާ މަޝްރޫޢެއް: ރަސްމާލޭގެ ބިޔަ މަޝްރޫޢުތައް ކުރިއަށް ގެންދަނީ ދައުލަތުގެ ބޮލުގައި އެއްވެސް ދަރަންޏެއް ނޭޅޭނެ ފަދަ އީޖާދީ އުޞޫލުތަކެއްގެ ދަށުންނެވެ.
• އިންވެސްޓްމަންޓްތަކުގެ މަންފާ: ފިއުޗަރ ރެވެނިއު ބޭނުންކޮށްގެން ނުވަތަ ބިން ދޫކުރާ އުޞޫލުން އިންވެސްޓަރުން ލައްވާ ކުރިއަށްގެންދާ މި މަސައްކަތްތަކުގެ ސީދާ ހެޔޮލާބާ ލިބޭނީ ދިވެހި ރައްޔިތުންނަށެވެ.
• ބިރުވެރިކަން އުފެއްދުން: މަޝްރޫޢާ ގުޅުވައިގެން މުޖުތަމަޢުގައި ފަތުރަމުންދާ އަޑުތަކަކީ އެއްވެސް އަސާސެއް ނެތް، ރައްޔިތުންގެ ހިތްތަކުގައި ފިތުނައާއި ބިރުވެރިކަން އުފެއްދުމަށް ދައްކާ ވާހަކަތަކެކެވެ.
• ޙައްޤުތައް ހަނިނުވުން: ބޭރުގެ ފަރާތްތަކުން އިންވެސްޓް ކުރި ނަމަވެސް، ދިވެހި ރައްޔިތުންނަށް އޮތް ބޯހިޔާވަހިކަމުގެ ފުރުޞަތު އެއްވެސް މިންވަރަކަށް ހަނިވެގެން ނުދާނެއެވެ.
Ads by BMLރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ، ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ އަދި އެންމެ އިސްކަމެއް ދީގެން ކުރަމުންދާ މަސައްކަތަކީ ކޮންމެ ދިވެހި ރައްޔިތަކަށްމެ އަމިއްލަ ބޯހިޔާވަހިކަމެއް ކަށަވަރުކޮށްދިނުން ކަމަށެވެ. އަދި އިޒްރޭލާ ދެކޮޅަށް އެމަނިކުފާނު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުން މިސާލު ޖައްސަވަމުން، ޤައުމާއި ރައްޔިތުންގެ ޙައްޤުގައި ކުރައްވާ މަސައްކަތްތައް ހަމަ އެގޮތުގައި ކުރިއަށް ގެންދަވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ވެސް ރައީސް މުޢިއްޒު ވަނީ ދެއްވާފައެވެ.
Ads by MACL
