ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ރަސްމާލެ މަޝްރޫޢުގައި ނޭދެވޭ ކަމެއް ނުހިނގާނެ، އެއްބަސްވުން މަޖިލީހަށް ފޮނުވާނަން: ރައީސް

ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) ގެ "ނޭޝަން ޗެޓް" ޕޮޑްކާސްޓް ސިލްސިލާގެ 6 ވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން / ފޮޓޯ: ރައީސް އޮފީސް
ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) ގެ "ނޭޝަން ޗެޓް" ޕޮޑްކާސްޓް ސިލްސިލާގެ 6 ވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން / ފޮޓޯ: ރައީސް އޮފީސް

ރަސްމާލޭގައި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ އީގަލް ހިލްސް ކުންފުނިން ހިންގާ ބިޔަ މަޝްރޫޢުގެ ތެރެއިން ނޭދެވޭ އެއްވެސް ކަމެއް ނުހިނގާނެ ކަމަށާއި، އެ ކުންފުންޏާއެކު ވެވޭ އެއްބަސްވުން ރައްޔިތުންގެ މަޖިލީހާ ޙިއްޞާ ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) ގެ "ނޭޝަން ޗެޓް" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރަސްމާލޭގެ 500 ހެކްޓަރުގެ ބިމުގައި ބޭރުގެ ފަރާތްތަކަށް ޕްރޮޕަޓީ ވިއްކާ ގޮތަށް ރާވާފައިވާ މަޝްރޫޢާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުން ދައްކަނީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށެވެ. އަދި ޒިންމާދާރު ސަރުކާރަކުން ކަންކަން ކުރާނެ އެންމެ ފުރިހަމަ މަގުން، މި މަޝްރޫޢާ ގުޅޭ އެއްބަސްވުން މަޖިލީހުގެ ކަމާބެހޭ ކޮމިޓީއަށް ފޮނުއްވާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.

މި މަޝްރޫޢާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވި މުހިންމު ތަފްޞީލުތައް:
• ޚާއްޞަ ބިލެއް މަޖިލީހަށް: ރިއަލް އެސްޓޭޓް ޓޫރިޒަމްއާ ގުޅޭ ޚާއްޞަ ޤާނޫނެއް ހެދުމަށް ސަރުކާރުގެ ފަރާތުން ބިލެއް މަޖިލީހަށް ފޮނުވާނެއެވެ. އަދި އެ ބިލަށް ޢާންމުންގެ ޚިޔާލު ހޯދުމަށް ހުޅުވާލެވޭނެއެވެ.
• ދިވެހި ދައުލަތުގެ ފުރިހަމަ ކޮންޓްރޯލް: ރަސްމާލެއަކީ ދިވެހިރާއްޖޭގެ ބިމަކަށް ވުމުން، އެތަނުގައި ހިނގާނީ ރާއްޖޭގެ ޤާނޫނުތަކެވެ. އަދި އަސްކަރީ ގޮތުންނާއި ލޯ އެންސްމަންޓުގެ ގޮތުން އެތަނުގައި ފުރިހަމަ ބާރު އޮންނާނީ ދިވެހި މުއައްސަސާތަކަށެވެ.
• އިޒްރޭލު ރައްޔިތުންނަށް މަނާވުން: އިޒްރޭލުގެ އެއްވެސް ރައްޔިތަކަށް ރަސްމާލެއިން ތަނެއް ގަތުން، ކުއްޔަށް ހިފުން ނުވަތަ އެންމެ ދުވަހަކަށް ވެސް އެ ސަރަހައްދަށް ޒިޔާރަތްކުރުން ޤާނޫނުން މުޅިން މަނާވާނެއެވެ.
• ވަކި ޤައުމަކަށް އޮތް ލިމިޓް: ރަސްމާލޭގެ ޕްރޮޕަޓީތައް އެއް ޤައުމެއްގެ ރައްޔިތުންނަށް އެންމެ ގިނައިން ވެސް ގަނެވޭނީ ޖުމްލަ 25 އިންސައްތައެވެ.
• އިސްލާމީ މާޙައުލެއް: ރަސްމާލޭގައި ރަލާއި، އޫރުމަސް އަދި ކެސީނޯ ފަދަ ދީނާ ޚިލާފު އެއްވެސް ކަމަކަށް ފުރުޞަތެއް ނޯންނާނެއެވެ. އެތަނަކީ 5 ވަގުތު ބަންގިގޮވައި، މިސްކިތްތައް ހުންނާނެ ތަނެކެވެ.

ރައީސް ޑރ. މުޢިއްޒު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ރަސްމާލެއިން ޕްރޮޕަޓީތައް ގަތުމަށް އެންމެ ބޮޑަށް ޝައުގުވެރިކަން ހުރީ އަރަބި އިސްލާމީ ޤައުމުތަކުގެ މުސްލިމުންނެވެ. އެހެންކަމުން އެތަނުގައި ދިރިއުޅޭނީ ދިވެހިންނާއި އެހެން ޤައުމުތަކުގެ މުސްލިމުން ކަމަށާއި، މި މަޝްރޫޢަކީ މުޅިން ވެސް ރައްޔިތުންނަށް ފައިދާހުރި ގޮތަށް ކުރިއަށްދާނެ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.