ވަކި ޤައުމެއްގެ ޕަޕެޓަކަށް ވާގޮތަށް އޮތް ޚާރިޖީ ސިޔާސަތު މިހާރު ވަނީ ވަޅުލައި ނިންމާފައި: ރައީސް
ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތު ވަކި ޤައުމަކަށް ބަރޯސާވާ ގޮތަށް އޮތް އޮތުން މުޅިން ނިމުމަކަށް ގެނެސް، އެ ސިޔާސަތު މިހާރު ވަނީ ވަޅުލައި ނިންމާފައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) ގެ "ނޭޝަން ޗެޓް" ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ވަކި ޤައުމެއްގެ "ޕަޕެޓަކަށް" ވާގޮތަށް ޚާރިޖީ ސިޔާސަތު ބޭއްވުމަކީ ރާއްޖޭގެ ރައްޔިތުން ޤަބޫލުކުރާނެ ކަމެއް ނޫން ކަމަށެވެ. އަދި ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި އެ ސިޔާސަތު މަޑުމަޑުން ފަސްލައި ވަޅުލާފައިވާ ކަމަށާއި، މި ޤައުމުގައި ދެން އެކަން އިޢާދަކުރުމުގެ ފުރުޞަތު ރައްޔިތުން ނުދޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ޚާރިޖީ ގުޅުންތަކާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި މުހިންމު ނުކުތާތައް:
• ވަކިފަރާތަކަށް ނުޖެހޭ ސިޔާސަތު: ރާއްޖެއިން ގެންގުޅެންޖެހޭނީ ވަކި އަތަކަށް ނުޖެހި، ރައްޔިތުންނަށް ފައިދާވާ ގޮތަށް މެދުގައި ތިބެންޖެހޭ ސިޔާސަތެކެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި އޮތީ އެފަދަ ހަރުދަނާ ސިޔާސަތެކެވެ.
• އިސްލާމީ ޤައުމުތަކާ ގުޅުން ބަދަހިކުރުން: ޚާއްޞަކޮށް އިސްލާމީ ބޮޑުތިލަ ޤައުމުތަކާއެކު އޮންނަ ގުޅުންތައް އިތުރަށް ބަދަހިކުރަންޖެހެއެވެ.
• ދާހިލީ މައްސަލަތަކުގެ ތެރެއަށް ނުވަނުން: އެހެން ޤައުމުތަކުގެ މެދުގައި އޮންނަ ދެބަސްވުންތަކާއި މައްސަލަތަކުގެ ތެރެއަށް ރާއްޖެއިން ނުވަންނާނެއެވެ.
• ޕާކިސްތާނު ދަތުރުފުޅު: ރާއްޖޭގެ ރައީސަކު ޕާކިސްތާނަށް ވަޑައިނުގަންނަވާތާ 11 އަހަރު ފަހުން ދާދިފަހުން ކުރެއްވި ދަތުރުފުޅުގައި ވެސް ބެއްލެވީ ހަމައެކަނި ދެ ޤައުމުގެ ދެމެދުގައި ރައްޔިތުންނަށް ފައިދާވާނެ ކަންކަމަށެވެ.
Ads by BMLރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ، 2008 ވަނަ އަހަރުން ފެށިގެން އައި ސަރުކާރުތަކުން ވަކި ޤައުމަކަށް ބަރޯސާވުމުގެ ސަބަބުން ޖިއޯޕޮލިޓިކްސްއަށް ހީނަރުކަން އައިސްފައިވާ ކަމަށެވެ. ނަމަވެސް މިހާރުގެ ސަރުކާރުގެ އަމާޒަކީ ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ހިފަހައްޓައި، ހުރިހާ ޤައުމުތަކާއެކު ވެސް ހަމަހަމަ، ފައިދާހުރި ގުޅުމެއް ބޭއްވުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
Ads by MACL
