މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް” އުވާލައި“މޯލްޑިވްސް ޓަރޝަރީ ހޮސްޕިޓަލްސް ގްރޫޕް” އުފައްދަނީ
ރާއްޖޭގެ ސިއްޙީ ޚިދުމަތްތަކުގެ ފެންވަރު މަތިކޮށް، ސިއްޙީ ނިޒާމު ހިންގުން އިތުރަށް ހަރުދަނާކުރުމާއެކު ދައުލަތުގެ ޚަރަދުތައް ކުޑަކުރުމުގެ މަޤްޞަދުގައި "މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް" އުވާލައްވައި، "މޯލްޑިވްސް ޓަރޝަރީ ހޮސްޕިޓަލްސް ގްރޫޕް" ގެ ނަމުގައި އައު އިދާރާއެއް އުފައްދަވަން ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު އިޢުލާނުކުރައްވައިފިއެވެ.
ޕަބްލިކް ސަރވިސް މީޑިއާގެ "ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ ހަވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، މި ބަދަލުގެ ސަބަބުން ސިއްޙީ ދާއިރާގައި ހުރި ތަކުރާރުވުންތައް ނައްތާލެވި، ޚިދުމަތް ދިނުމުގެ ރޭސް އަވަސްވެގެންދާނެ ކަމަށެވެ. އަދި ސަރުކާރުގެ މައިގަނޑު އަމާޒަކީ ކޮންމެ ރައްޔިތަކަށްވެސް އެމީހަކު ދިރިއުޅޭ ރަށަކުން ނުވަތަ އަތޮޅަކުން ފެންވަރު ރަނގަޅު ސިއްޙީ ޚިދުމަތްތައް ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އަލަށް އުފައްދާ މި ގްރޫޕުގެ ދަށުން ސަރުކާރުގެ ހުރިހާ ޓަރޝަރީ ހޮސްޕިޓަލްތަކާއި، ޓަރޝަރީ ފެންވަރަށް ތަރައްޤީކުރަމުން އަންނަ ހޮސްޕިޓަލްތައް އެއް ވިއުގައަކުން ގުޅާލެވި، ހޮސްޕިޓަލްތަކުގެ މެދުގައި ވަސީލަތްތައް ހިއްސާކުރުމާއި ޑޮކްޓަރުންގެ ފަންނީ ޚިދުމަތްތައް ފަސޭހައިން ފޯރުކޮށްދެވޭނެއެވެ.
Ads by BMLކުރިއަށް އޮތް ނޮވެމްބަރު މަހުން ފެށިގެން ތިން މަސް ނުވަތަ އެންމެ ގިނަވެގެން ހަތަރު މަސްދުވަހުގެ ތެރޭގައި މި އައު ނިޒާމު ޢަމަލީގޮތުން ހިންގޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މިއީ އިތުރު މުވައްޒަފުން ނަގާނެ މަޝްރޫޢެއް ނޫންކަން ފާހަގަކުރައްވަމުން، ސަރުކާރުގެ ޚަރަދުގައި ތަޢުލީމު ހާސިލުކުރާ ޑޮކްޓަރުންގެ ޚިދުމަތް އެންމެ ފުރިހަމައަށް ހޯދުމުގެ އިތުރުން، ޚާއްޞަ ދާއިރާތަކުން ބޭރުގެ ފަންނީ ޑޮކްޓަރުން ރާއްޖޭގައި ތިއްބަވައިގެން ޚިދުމަތް ދެއްވާނެ އުސޫލުތައް ގުޅިގެން ޤާއިމުކުރެވިގެންދާނެ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
Ads by MACL
